Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

ހިއްސާއަކަށް 2.70 ރުފިޔާ ބަހަން އުރީދޫން ފާސްކޮށްފި

ފާއިތުވި އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 2.70 ރުފިޔާ ބެހުމަށް އުރީދޫގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މުހިއްމު ނިންމުންތަކެއް ފާސްކުރިއެވެ. އެގޮތުން ހިއްސާއަކަށް 2.70 ރުފިޔާ ދިނުމަށް ރޭ ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވި 1،202 ހިއްސާދާރުންގެ 98.7 އިންސައްތަ އަޣުލަބިއްޔަތުންނެވެ.

އުރީދޫގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުން 2021 ވަނަ އަހަރު އުރީދޫއަށް ލިބުނު އާމްދަނީއާއި ސާފު ފައިދާވަނީ އިތުރުވެފައެވެ. އެގޮތުން އެ ކުންފުންޏަށް 1.78 ބިލިއަން ރުފިޔާގެ އާމްދަނީއެއް ނިމުނު އަހަރު ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 465 މިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީއާއި ކުންފުންޏަށް ލިބުނު ފައިދާ އިތުރުވުމާ ގުޅިގެން ފާއިތުވި އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ މިންވަރުވެސް 2020 ވަނަ އަހަރަށްވުރެ އިތުރުކޮށްފައިވެއެވެ. 2020 ވަނަ އަހަރު ހިއްސާއަކަށް ދީފައިވަނީ 2.34 ރުފިޔާއެވެ.

ހިއްސާދާރުންނަށް ފައިދާ ބަހަން ފެށުމުގެ ކުރިން ހުރިހާ ހިއްސާދާރުންވެސް ދިރުއުޅޭ ތަނާ ގުޅޭ މައުލޫމާތު އަދާހަމަކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އުރީދޫން ބުނި ގޮތުގައި މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކުސް ނެގުމުގެ ޤާނޫނުގެ ދަށުން އެ މީހަކު ދިރިއުޅޭ ތަނެއް ކަށަވަރުނުވާ ހާލަތުގައި ހިއްސާގެ ފައިސާ ޖަމާކުރާނީ އެ ފައިސާއިން 10 އިންސައްތަ އުނިކޮށްފައެވެ. އުނިކުރާ ބައި ދައްކާނީ މީރާއަށެވެެ.

ހިއްސާއަކަށް ބަހާނެ މިންވަރު ކަނޑައެޅުމުގެ އިތުރަށް އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑަށް މެންބަރަކު އިންތިޚާބުކުރުން ރޭ އޮތެވެ. އެ ބޯޑަށް ރޭ އިންތިޚާބުވެވަޑައިގަތީ ފަރީހާ ޝަރީފެވެ. އޭނާ އިންތިޚާބުވެވަޑައިގަތީ 732 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ.

އަދި ހިނގަމުންދާ އަހަރު އުރީދޫގެ އޮޑިޓަރަކަށް އާންމު ޖަލްސާއިން އައްޔަނުކޮށްފައިވަނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސްއެވެ. އެ ކުންފުޅަށް އުޖޫރައެއްގެ ގޮތުގައި 62،920 އެމެރިކާ ޑޮލަރު ނުވަތަ 970،226 ރުފިޔާ ދިނުމަށް ރޭ ފާސްކުރިއެވެ.

މި ލިއުމާއި ގުޅޭ