ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ވަކިކުރެއްވި ޙަސަން މުޣުނީ އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ މަޤާމަށް އައްޔަންކޮށްފިއެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަޤާމަށް މުޣުނީ އައްޔަންކުރައްވާފައިވާއިރު ކުރިން އޭނާ ހުންނެވި މަޤާމުކަމުގައިވާ ސްޓެލްކޯގެ އެމްޑީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ޝަރީފެވެ،
ސްޓޭޓު މިނިސްޓަރުގެ މަޤާމަށް މުޣުނީ އައްޔަންކުރައްވާފައިވާއިރު މި ވަގުތު އެ ވުޒާރާގައި ފަސް ބޭފުޅަކު ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވިއެވެ. އެއީ ޢަލީ ޞާލިޙްއާ އަޙްމަދު މުޖްތަބާއާ ޑރ. ޢަބްދުﷲ ނަޞީރުގެ އިތުރުން މުޙައްމަދު ޝަރީފު އަދި ޚަދީޖާ ނަސީމްއެވެ.
މިއިން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 41،000 ރުފިޔާ ލިބެއެވެ. މުޣުނީއަކީ ކުރިން ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި ހުންނެވިއިރު މަހެއްގެ 98،000 ރުފިޔާގެ މުސާރަ ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގައި އެކަނި ސިޔާސީ އެކި މަޤާމުތަކުގައި 30 ބޭފުޅުން މިވަގުތު އެބަ ތިއްބެވިއެވެ.