Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ކުޑަކުއްޖަކަށް ބޮސްދީ ބެއްދި މީހެއްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ބޮސްދީ ޖިންސީ އަމަލެއް ހިންގި މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފަނަރަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައަކީ އުމުރުން ފަނަރަ އަހަރުގެ އަންހެން ކުއްޖެއްގެ ޅިޔަނު އެ ކުއްޖާ ގައިގައި ބައްދައި އެ ކުއްޖާއަށް ބޮސްދިން މައްސަލައެކެވެ. މި މައްސަލަ ފުރަތަމަ ބަލާފައިވަނީ އެ ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓު ކޯޓުންނެވެ. އެ ކޯޓުން ނިންމާފައިވަނީ މި މައްސަލާގައި ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މި މައްސަލާގައި ދައުލަތުން ތުހުމަތުކޮށްފައިވަނީ ދައުވާ ރައްދުވާ މީހާ ކުޑަކުއްޖާ ގޮވައިގެން އެ ހާދިސާ ހިނގި ރަށުގެ އުތުރު ފަރާތުގެ ފަސްގަނޑު މަތިން ގޮނޑުދޮށަށް ސައިކަލުގައި ކުޑަކުއްޖާ ގޮވައިގެން ގޮސް ކުރިމަތިން އެ ކުއްޖާ ގައިގައި ބައްދައި އެ ކުއްޖާގެ ކޯތާފަތަށާއި ތުންފަތަށް ބޮސްދިން ކަމަށެވެ. މި މައްސަލާގައި ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައެޅި ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

މި މައްސަލާގައި ހެއްކަށް ބުރަދަން ދިނުމުގައި ދަށު ކޯޓުން ބަލާފައިވާ ކަންކަމުގެ ތެރޭގައި، މި ހާދިސާ ހިނގި ތާރީޚާއި ކުޑަކުއްޖާ މި ވާހަކަ އޭނާގެ އާއިލާގެ ފަރާތްތަކާ ހިއްސާކުރި ތާރީޚާއި، އެ މައްސަލަ މައްސަލައަކަށް ވީ ތާރީޚުގެ މެދުގައި ހޭދެވެފައިވާ ވަގުތު ހިމެނެއެވެ. އެގޮތުން ހެކިންނަނށް ހާދިސާގެ ވާހަކަ ކުއްޖާ ކިޔައިދިން ތާރީޚާ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމާ ދެމެދުގައި 1 މަސް ދުވަހުގެ މުއްދަތެއް ހިނގާފައިވާކަން ދަށު ކޯޓުން ފާހަގަކުރިއެވެ.

ދެވަނަ ކަމަކަށް ދަށު ކޯޓުން ފާހަގަކޮށްފައިވަނީ މި މައްސަލާގައި އެ ވާހަކަ ނުދައްކަން ނުވަތަ އެކަން ފުލުހުންނަށް ރިޕޯޓުނުކުރަން މުއްތަހަމު ކުއްޖާއަށް އަންގައި ނުފޫޒުފޯރުވައި ބާރުއަޅާފައިވާކަން ހެކިންގެ ހެކި ބަހުން އެނގެން ނެތުމެވެ. އަދި ކުއްޖާގެ ދައްތަ އަދި މުއްތަހަމުގެ އަނބިމީހާގެ ވާހަކައިގެ މައްޗަށް ބިނާކޮށް ކޯޓަށް އާއިލާއާއި ކުއްޖާގެ ދައްތަގެ ފިރިމީހާއާ ދެމެދުގައި ނުތަނަވަސްކަމެއް އޮތުމަކީ މައްސަލަ ހުށަހެޅި ސަބަބުކަމަށް ޤަބޫލުކުރެވޭކަމަށްވެސް ދަށު ކޯޓުން ފާހަގަކުރިއެވެ.

އޭގެ އިތުރަށް ކުއްޖާ ވާހަކަ ކިޔައިދިން ތާރީޚުތަކާއި އެ ކުއްޖާގެ ވާހަކައިގައި ދިމާނުވާކަންކަން ހުރުމުންނާއި ކުއްޖާގެ އުމުރަކީ ފަނަރަ އަހަރު ކަމުގައިވާތީ އެ އުމުރުގެ ކުއްޖަކަށް ވާހަކައެއް ހަދައިގެން ކިޔައިދެވިދާނެކަމަށް ޤަބޫލުކުރެވޭތީ އެ ވާހަކައަކީ އެތެރެފުށް ފެންނަ ފަދަ ހެކިބަހެއްކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހެކީގެ ގޮތުގައި ހުށަހެޅި ވައިބާ ޗެޓް ލޮގެއްގެ ސްކްރީން ޝޮޓުތަކަކީ މާ ފަހުގެ ތާރީޚެއްގެ ޗެޓެއްގެ ސްކްރީން ޝޮޓުތަކެއްކަން ފާހަގަކޮށް ދަށު ކޯޓުން ބުނެފައިވަނީ އެ ތަކެއްޗާ މުއްތަހަމާ ސީދާ ގުޅުވާލެވިފައި ނެތް ކަމަށެވެ.

މި މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ މި ހާދިސާ ހިނގި ތާރީޚުކަމަށް ކުއްޖާ ބުނާ ތާރީޚުގައި މުއްތަހަމު ހުރީ ކުއްޖާގެ ދައްތައާ ކާވެނިކޮށްގެން ކަމުގައިވާތީ އަދި އެއީ އެ ވަގުތު ކުއްޖާއާ ކައިވެނިކުރުން ސައްހަނުވާ މަޤާމެއް ކަމުގައިވާތީ ޤާނޫނީ ގޮތުން އޭނާއަކީ އެއިރު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއް ކަމަށެވެ.

އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޤާނޫނުގައި ބުނެފައިވާ ޖިންސީ އަމަލެއްކަމަށް އަމަލެއްވާނީ އެ އަމަލަކީ ޝަހުވާނީ މަގުސަދެއް ހާސިލުކުރުމަށް ނޫން އެހެން މަގުސަދެއްގައި ކުރި ކަމެއް ނޫންކަން ކަމުގައި އެކަށީގެންވާ މީހެއްގެ ބުއްދިން ބަލާއިރު ސާބިތުވެގެން ކަމަށެވެ. އެކަން ސާބިތުކުރުމަށް ކޯޓުންވަނީ ހާދިސާ ހިނގި ގޮތްކަމަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ މައްޗަށް ބިނާކޮށް، އެ ވާހަކަތަކަށް ބާރުދޭ އިތުރު ހެކިތައް ތަފުސީލީ ގޮތެއްގައި ދިރާސާކޮށްފައެވެ.

މި މައްސަލާގައި ކުއްޖާއާއި ކުއްޖާގެ ދައްތަގެ އިތުރަށް މުއްތަހަމުގެ ކޮއްކޮއެއްގެ ބަޔާނުންވެސް ހާދިސާ ހިނގި ތާރީޚުގައި ރެސްޓޯރަކަށް ކެއުމަށް ކުއްޖާއާއި މުއްތަހަމާއި އޭނާގެ އަނބިމީހާގެ އިތުރަށް ކުއްޖާގެ ކޮއްކޮއެއް ދިޔަކަން އެނގޭކަން ހައިކޯޓުން ފާހަގަކުރިއެވެ. އަދި ކުއްޖާއާއި މުއްތަހަމު އެކީގައި ސައިކަލު ދުއްވަން ދިޔަކަން ކުއްޖާ އަދި ދައްތަގެ ހެކިބަހުން އެނގެއެވެ.

ދެން ކުއްޖާ ހާދިސާ ހިނގި ކަމަށް ބުނާ ގޮތަށް އިތުރަށް ބާރުދޭ ހެއްކެއްގެ ގޮތުގައި ހައިކޯޓުގެ ހުކުމުގައި ބަޔާންކުރަނީ ކުއްޖާއާއި މުއްތަހަމުގެ ދެމެދުގައި ވައިބާ މެދުވެރިކޮށް ދެކެވުނު ވާހަކަތަކެވެ. އެ ހެއްކަކީ މުއްތަހަމުގެ ފޯނާއި ކުޑަކުއްޖާގެ ފޯނުން ހޯދާފައިވާ ހެކިކަން އެނގޭނެ ލިޔެކިޔުން ދަށު ކޯޓަށް ދައުލަތުން ހުށަހަޅާފައިވެއެވެ. ޗެޓް ލޮގުތަކާ ގުޅިގެން މުއްތަހަމު ބުނަނީ އެ ޗެޓް ލޮގަކީ އޭނާގެ ފޯނުން އެހެން މީހަކު ކުއްޖާއާ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެ ވާހަކައަށް ބާރުދޭ ހެއްކެއް އޭނާ ހުށަހަޅާފައިނުވެއެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކުރި ގޮތުގައި ކުޑަކުއްޖާއަށް މުއްތަހަމު ކުރި މެސެޖެއްގައި "އެ ރޭ"ގެ ވާހަކަ ދެއްކުމުން އެ ކުއްޖާ ކޮން ރެއެއްތޯ ސުވާލުކުރުމުން އެ ސުވާލުގެ ޖަވާބުގައި ހަމައެކަނި "ލިޕްސް" މިފަދައިން ލިޔެފައި އޮތުމުން ކުއްޖާ ކިޔައިދިން ގޮތަށް އޭނާގެ ތުންފަތަށް މުއްތަހަމު ބޮސްދިންކަމުގެ މައްޗަށް ބާރު ލިބެއެވެ. އަދި އެ ރޭ އައިސް ފަހުން ބެލިއިރު އޭނާގެ ތުންފަތުގައި ލިޕްސްޓިކް ހުރިކަމަށް އޭނާ އެ ޗެޓްލޮގުގައި ބުނެފައިވެއެވެ.

އެ ހުރިހާ ކަމަކަށް ބަލާއިރު ކުއްޖާގެ ތުންފަތަށް ބޮސްދިނުމާއި ކުރިމަތިން ބެއްދުމަކީ އެ ވާހަކަ އާދައިގެ މީހަކަށް ކިޔައިދިނުމުން ޝަހުވާނީ އެދުމެއް ނެތި ކުރާނެކަމެއް ކަމަށް ދެކޭނެ ކަމެއް ނޫން ކަމުގައި އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުންޏެވެ. އަދި މުއްތަހަމު ކުއްޖާއަށް ފޮނުވި މެސެޖުތަކުން ކުއްޖާއަށް ބިރުދައްކައި، ކުއްޖާއަށް ބޮސްދިނުމަކީ ކަޑަކަމެއް ނޫންކަމަށް ވިސްނައިދީ ކުއްޖާ ކޮށްފައިވާ އެހެންކަމެއް ކުއްޖާގެ ބައްޕައާއި ބޭބެއާ ހިއްސާކުރާނެކަމަށް ބުނެ ބިރުދައްކާފައިވާކަން އެނގޭކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުންޏެވެ.

އަދި ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކާއި މުއްތަހަމާއި ކުއްޖާގެ ދެމެދުގައި ވައިބާ މެދުވެރިކޮށް ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެ ވާހަކަތައް ގުޅިގެން ދާކަމަށާއި ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށުން އެއްގޮތްކަން އެނގޭކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެއާއެކު ފަނޑިޔާރު ޙުސައިން ޝަހީދާއި ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޙުސައިން މަޒީދުގެ އިއްތިފާޤުން މުއްތަހަމު ފަނަރަ އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށްވަނީ ހުކުމްކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ