ރަޝިޔާއާއި ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެ ކުދިން ތިބި ސަރަހައްދުތަކުގައި މި ވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ޚާރިޖީވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ނައިބުވަޒީރު ޢަބްދުﷲ ޙުމައިދު ވިދާޅުވީ ރަޝިޔާއާއި ބެލަރޫސްގައި ތިބި ދަރިވަރުން ރަޖިސްޓާކޮށް އެ ކުދިންގެ ހާލަތު ބެލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުން އަންނަ ކަމަށެވެ. ދެ ޤައުމުގައި ތިބި ދަރިވަރުންގެ މައުލޫމާތު އެއްކުރަމުން އަންނައިރު ރަޝިޔާގައި 88 ދަރިވަރަކު އަދި ބެލަރޫސްގައި 137 ދަރިވަރަކު ތިބި ކަމަށް ރަޖިސްޓާވެފައިވާ ކަމަށް ޙުމައިދު ވިދާޅުވިއެވެ.
ޙުމައިދު އިތުރަށް ވިދާޅުވީ އެ ކުދިން ތިބި ސަރަހައްދުތަކުގައި އެއްވެސް ނުރައްކަލެއް މިވަގުތު ނެތް ކަމަށެވެ. ނަމަވެސް ބައެއް ކުދިންނަށް އޭޓީއެމްތަކުން ފައިސާ ނެގުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމުގެ މައުލޫމާތު އެ ކުދިންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން މިނިސްޓްރީއަށް ލިބިފައިވާކަމަށް ހުމައިދު ވިދާޅުވިއެވެ.
"އެ ދަރިވަރުންނާ ގުޅައި އެ ދަރިވަރުންގެ ހާލު އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ބަލަމުން. އެ ދަރިވަރުން ތިބި ސަރަހައްދުތަކުގައި މި ވަގުތަކު ނުރައްކާތެރި ހާލަތެއް ނެތް،" ހުމައިދު ވިދާޅުވިއެވެ.
ޙުމައިދު ވިދާޅުވީ ރަޝިޔާއިން ޔޫކުރައިނަށް ދެމުންދާ ހައްލުތަކާ ގުޅިގެން ހުޅަނގުން ރަޝިޔާއާއި އެ ޤައުމުގެ ބޭންކުތަކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަރިވަރުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް މިހާރު ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.