Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާއިން ޕާކިސްތާނަށް ހަނގުރާމަ މަތީ މަތިންދާބޯޓު ވިއްކަން ނިންމައިފި

އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގައި އެހީތެރިވުމުގެ ގޮތުން ޗައިނާގެ ޖޭ-10ސީ މަރުކާގެ 25 މަތިންދާބޯޓު ވިއްކުމަށް ޗައިނާއިން ނިންމައިފިއެވެ.

ޗައިނާގެ އަސްކަރިއްޔާއިން ބޭނުންކުރަމުންދާ ޒަމާނީ މި މަތިންދާބޯޓު ފޯރުކޮށްދިނުމަށް ނިންމި ނިންމުމަކީ ޗައިނާއާއި ޕާކިސްތާނުގެ މެދުގައި އޮތް ޒަމާންވީ އަސްކަރީ ގުޅުމުގެ ތެރެއިން އަލަށް އަޅާ ފިޔަވަޅެކެވެ. މިއީ ޗައިނާއިން މި ބާވަތުގެ މަތިންދާބޯޓު އެއްވެސް ޤައުމަކަށް ބޭރުކުރާ ފުރަތަމަ ފަހަރެވެ. އަދި މި މަތިންދާބޯޓުތަކުގެ އިތުރަށް ޕާކިސްތާނުގެ ކަނޑުގެ ސިފައިންނަށްވެސް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ.

ޗައިނާގެ އަސްކަރިއްޔާއާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫހެއްގެ ނޫސްވެރިއެއް ބުނި ގޮތުގައި ޕާކިސްތާނަށް ފޯރުކޮށްދޭ މަތިންދާބޯޓުތަކުގެ ފުރަތަމަ ޝިޕްމެންޓުގައި ހިމެނޭ ބޯޓުތައް ޓެސްޓުކުރުމުގެ މަސައްކަތް ޗެންގްޑޫގައި ހުންނަ ޗެންގްޑޫ އެއޮރޯސްޕޭސް ކޯޕަރޭޝަނުގެ ފަރާތުން އެ ސަރަހައްދުގައި މިހާރު ފަށާފައިވާ ކަމަށެވެ.

މި މަތިންދާބޯޓުތައް ޕާކިސްތާނުގެ އެއާ ފޯސްގެ ޕައިލެޓުންނާއި ޓެކްނީޝަނުންނަށް ތައާރަފުކޮށްދީ އެ މަތިންދާބޯޓާ ގުޅޭ ތަމްރީނުތައް ދިނުމަށްފަހު އެ މަތިންދާބޯޓުތައް ޕާކިސްތާނުގެ އަސްކަރިއްޔާއާ ހަވާލުކުރާނެ ކަމަށްވެސް ޗައިނާގެ ނޫސްވެރިން ބުނެއެވެ.

ޕާކިސްތާނުގެ އިސް އޮފިޝަލުން ބުނެފައިވަނީ މި މަހުގެ ނިޔަލަށް މި މަތިންދާބޯޓުތަކުގެ ފުރަތަމަ ޝިޕްމެންޓު ޗައިނާއިން ޕާކިސްތާނަށް ފޮނުވާނެ ކަމަށެވެ.

ފާއިތުވި ހަފުތާގައި ޗައިނާއާއި ބޭރުގެ އަސްކަރިއްޔާގެ ކަންކަން ބަލާ ބައެއް ފަރާތްތަކުންވަނީ ޖޭ-10ސީ މަރުކާގެ މަތިންދާބޯޓުތައް ޕާކިސްތާނުގެ ވައިގެ އަސްކަރިއްޔާގެ ކުލަތަކާއެކު އުދުހޭ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި އާންމުކޮށްފައެވެ.

މި މަތިންދާބޯޓުތަކުގެ އިތުރަށް 054އޭ މަރުކާގެ ފްރިގޭޓުތަކާއި ޗައިނާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެންމެ އަޑުމަޑު ސަބްމެރިން ކަމުގައިވާ 041 މަރުކާގެ ސަބްމެރިންވެސް ޕާކިސްތާނުގެ އަސްކަރިއްޔާއަށް ފޯރުކޮށްދިނުމަށް ޗައިނާއިންވަނީ ނިންމާފައެވެ. މިތަކެތި ޕާކިސްތާނުގެ އަސްކަރިއްޔާއަށް ދިނުމަށް ނިންމާފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ.

ޕާކިސްތާނުގެ ދާޚިލީވަޒީރު ޝައިޚް ރަޝީދު އަޙްމަދު ވިދާޅުވީ ޕާކިސްތާނުން ޗައިނާގެ މި މަތިންދާބޯޓު ގަތުމަށް ނިންމީ އިންޑިއާއިން ފްރާންސްގެ ރަފައެލް މަރުކާގެ 36 މަތިންދާބޯޓު ގަތުމާ ގުޅިގެން ދެ ޤައުމުގެ ވައިގެ އަސްކަރިއްޔާގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށެވެ.

މި ލިއުމާއި ގުޅޭ