އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ އިންތިހާބުގައި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
އެންމެ ފަހުން އެމްޑީޕީން ބޭއްވި ޕީޖީގެ އިންތިހާބުގައި ގިނަ މަގާމުތަކަށް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެވެ. އެގޮތުން ޕީޖީގެ އިންތިހާބު 2019 ގައި އެންމެ ފަހުން ބޭއްވިއިރު، ލީޑަރަކަށް ކުރިމަތިލެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވާ މެދު ރައްޔިތުން މަޖިލީހުގެ ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޕީޖީ ގުރޫޕްގެ ދެ ނައިބުންނަށް ކުރިމަތިލެއްވީ އެ މަގާމު މިހާރުވެސް ފުރުއްވަމުން ގެންދަވާ ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލައްވައި ހޮވިވަޑައިގަތީ ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)އެވެ.
ރައްޔިތުން މަޖިލީހުގައި 65 ގޮނޑިއާއެކު ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕީޖީގެ ލީޑަރު ކަމުގެ މަގާމު ދިފާއުކުރައްވަން އަލީ އާޒިމް މި ފަހަރު ނުކުންނަވާއިރު އޭނާއާ ވާދަކުރައްވަނީ މެބަރު އަސްލަމެވެ.
އޭގެއިތުރަށް ދެ ޑެޕިއުޓީ ލިޑަރުން ހޮވާއިރު އެ މަގާމުތަކަށް ތިން ބޭފުޅަކު ވާދަކުރައްވަން މިފަހަރު ހަމަޖެހިފައިވެއެވެ. އަނދުން ހުސައިންގެ އިތުރުން އިލްޔާސް ލަބީބްވެސް އެ މަގާމު ދިފާއުކުރައްވަން ވާދަކުރައްވާއިރު މެންބަރު ބިގޭ ވެސް މިފަހަރު ކުރިމަތި ލައްވާފައިވަނީ ޕީޖީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށެވެ.
މެންބަރު ބިގޭ މީގެކުރިން ފުރުއްވި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރައްވަނީ ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.
މީގެއިތުރުން މި ފަހަރުގެ އިންތިހާބުގައި ސެކްރެޓަރީ ޖެނެރަލްގެ ނައިބަކާއި ޗީފް ވިޕް ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.
އެމްޑީޕީގެ ޕީޖީގެ އިންތިހާބު އޮންނާނީ މާދަމާ މެންދުރު ފަހު 1:30 އިން ހަވީރު 5:30 އަށް އެ ޕާޓީގެ އޮފީހުގައެވެ.