މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް އުޅުއްވި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އުޅެނީ "ބަޑި" ޕާޓީ އުފައްދައިގެން ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ އެމްޑީޕީ އިން 2008ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައުމަށްފަހު ހިނގާދިޔަ ތިން އަހަރުގެ ތެރޭގައި ގިނަ ކަންކަން ކޮށްދެވުނު ކަމަށެވެ. އޭގެތެރޭގައި ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ ގޮތުން ފައިސާ ދިނުމާއި އާސަންދަ ތައާރަފު ކުރުން ފަދަ ކަންކަން ހިމެނެއެވެ.
ނަމަވެސް އެކަންކަން ކުރަން ފެށުމުން ބައެއްގެ ފަޔަށް ހިނި އަރައިގެން އެކަން ހުއްޓުވުމަށް ބަޣާވާތް ކުރި ކަމަށް ވިދާޅުވެ ވައްޑޭ ވަނީ މިއަދަކީ އެ ބަޣާވާތަށް 10 އަހަރު ފުރުނު ދުވަސް ކަމަށެވެ. އަދި އޭރު ހިނގާދިޔަ ކަންކަމަށް އިންސާފު ނުލިބޭނަމަ ގައުމުގެ ކަންކަން ހަމަ މަގަށް އެޅިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ. ނާޒިމާ ރިޔާޒަށް ފާޑު ވިދާޅުވެ ވައްޑެ ވަނީ "އެ އުޅެނީ މިހާރު ބަޑި ޕާޓީ އުފައްދައިގެން" ކަމަށެވެ.
ވައްޑޭ ވަނީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާ އެޅިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ވެސް ފުރިހަމަ ކުރާނީ އެމްޑީޕީންކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ އެޕާޓީން ކުރަނީ ރައްޔިތުންނަށް ދިގު މުއްދަތަކަށް އެކަމުން ލާބައާ މަންފާ ލިބިގެން ދާނެ ކަންކަން ކަމަށެވެ.