Saturday 16th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ދުވެ، ފުމެ، ފީނުން ނޫން އިތުރުކަމެއް ނެތީތޯ؟

23 ސެޕްޓެމްބަރު 2018 ގައި ދިވެހި ރައްޔިތުން ވޯޓު ދީގެން، ޅ.ހިންނަވަރު ނޫރާނިއާގެ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ހޮވީ ވަރަށް ފޮނި އުއްމީދުތަކަކާއި އެކުގައެވެ.

ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ދެއްކެވީ އުއްމީދީ ވާހަކަފުޅެކެވެ. މިގޮތުން އަމާން ވެއްޓެއް ޤާއިމް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަނާއި ވައްކަން ނައްތާލާ، ނުލިބިވާ އަސާސީ ހިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާ ފޯރުކޮށްދޭންވެ ވަޑައިގެންނެވި ވައުދުތައް ހަނދާން ނައްތާ ނުލައްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ހިޔާނާތުގެ ގޮތުގައި ގެއްލިފައިވާކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރާ ދިވެހިންނަށް ހޯދައިންދޭން ޖެހޭ ކަމަށާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ހަޤީގަތް ހޯދައި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭކަމަށްވިދާޅުވެ ކީރިތި ކުރެއްވި މަންޒަރުވެސް އީއްޔެ ހިނގިކަމެއްހެން ދިވެހި ރައްޔިތުން ހަނދާން އެބަހުއްޓެވެ.

ރައީސް ސޯލިހް ދެއްވި "އުއްމީދުން ފުރިގެންވާ" ހިތާބުގެ ވާހަކަ މޮޅެތި ސުރުހީތަކުގައި ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގެނެސްދިނެވެ. މިވަރުގެ ރައީސަކު އަދި ދުވަހަކުވެސް ރާއްޖެ ނުދެކެޔޭ ބުނެ ޓީވީތަކަށް އަރާ ބައެއް ބޭފުޅުން ވާހަކަދެއްކެވިއެވެ. މި ރައީސް އަކީ މިއީ "ސޯލިހް" ރައީސް އެއްކަމަށާއި މި ރައީސް ރާއްޖެ އެހެން ހަރުފަތަކަށް ގެންދަވާނެކަމަށް ހަރުއަޑުން ބައެއް ބޭފުޅުން ވިދާޅުވިއެވެ.

ކޮންމެއަކަސް، ރައީސް ސޯލިހްގެ ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ކުރައްވަން ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ނުވެއެވެ. އަމާން ވެއްޓެއް ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއިރު ފުލުހުންގެ ހިސާބުތަކުން ދައްކާގޮތުން 2019 ވަނަ އަހަރަކީ ފާއިތުވި 5 އަހަރާއި އަޅާ ބަލާއިރު އެންމެ ކުށްގިނަ އަހަރެވެ. ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލަރެންސް" އޭ ވިދާޅުވުމަށްފަހު ފެނުނީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުން މަންފާވިކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ވަޒީރު ކަމާއި އެފަދަ އެހެނިހެން މަޤާމުތައް ދިންތަނެވެ. ރައްޔިތުންގެ ހަޒާނާއިން ގެއްލުނުކަމަށް ބުނާ ބިލިއަން ރުފިޔާ ހޯދުމުގެ ބަދަލުގައި، ފެނުނީ ޕާޓީ މީހުންގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާދިންތަނެވެ.

ބޯހިޔާވަހިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ފާއިތުވި 1 އަހަރު، އަލަށް ސޮއި ކުރެވުނު ބޯ ހިޔާވަހިކަމުގެ މަޝްރޫއެއްނެތެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި 7000 ފްލެޓުގެ މަސައްކަތްވެސް އެދެވޭ ސްޕީޑެއްގައި ކުރިއަކަށްނުދެއެވެ. ރައީސް ސޯލިހް މުޅިންވެސް ދެއްކެވީ އެ ފްލެޓުތަކުގެ ސައިޒުގެ ކުޑަ ވާހަކައާއި އަގު ބޮޑު ވާހަކައެވެ. އަދި އެ ފްލެޓުތައް ބޮޑު ކުރާ ވާހަކަވެސް ދެއްކެވިއެވެ. ކޮންކިރިޓު މަސައްކަތްކޮށް ނިމިފައި ހުރި 25 ބުރީގެ އިމާރާތެއްގައ ހުރި ފްލެޓުތައް ބޮޑު ކުރާ ވާހަކަ ދެއްކެވިއިރުވެސް އެކަން ނުވާނެކަންވެސް އެނގިވަޑައިނުގަތީ ކަންނޭނގެއެވެ. ބޯހިޔާވަހިކަމުގެ ވައުދު އޮތީ އެހިސާބުގައެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލަން ބޮޑު މުސާރަ ދީފައި ކޮމިޝަނެއް އުފެއްދެވިއެވެ. އެ ކޮމިޝަނުން ނެރުނު ރިޕޯޓުތައް ބޮޑަށް ވައްތަރީ ހިޔާލީ ވާހަކަތަކަކާއިއެވެ. އެއްވެސް ކަމެއްގެ ހަޤީގަތެއް ނުހޯދުނެވެ. ކޮމިޝަނުން ދައުވާ ކުރަން ފޮނުވުމުން ޕީޖީއިން އެންގެވީ ހެއްކެއް ނެތްކަމުގައެވެ. ގެއްލިފައިވާ ރިލްވާން އާއި މަރާލެވިފައިވާ ޔާމީން ރަޝީދުގެ އާއިލާއިން ސިފަކުރެއްވީ ރައީސް ސޯލިހް މީގެ ކުރިން އެ ދެމީހުންނަށް އިންސާފު ހޯދާ ދޭނެކަމަށް ވިދާޅުވެ ޖެއްސެވީ ސްޓްންޓެއްގެ ގޮތުގައެވެ. އެކޮމިޝަނުގެ ރައީސްއަކަށް ހުންނެވި ބޭފުޅާ ރިޕޯޓުތައް ނެރުއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޕްރޮމޯޓުވެވަޑައިގެންފިއެވެ. އެއަށްފަހު އެކޮމިޝަންތަކުގެ ދައުރުވެސް ނިމުނީ ކަހަލައެވެ.

ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ނުކުރެއްވުނަސް ރައީސަށް ބަރާބަރަށް ކުރެއްވޭ ކަންކަން އެބަހުއްޓެވެ. މިގޮތުން ދިގު ދުވުންތަކުގައި ބައިވެރިވެވަޑައިގަތުމާއި، ފީނުމާއި، ކްރިކެޓު މެޗު ބައްލަވަން އިންޑިއާއަށް ވަޑައިގަތުންފަދަކަންކަން ހިމެނެއެވެ. އަދި އަހަރެއްތެރޭ 100 އަށްވުރެ ގިނަ ދުވަސް ދަތުރުމަތީ ހޭދަކުރައްވާ އެކަމުންވެސް ރެކޯޑެއް ހެއްދެވިއެވެ. ތަނެއްގައި ކުޅިވަރު މުބާރާތެއް އޮންނަނަމަ އެތަނަށް ވަޑައިގަންނަވައެވެ. އެންމެންނާއި އެކު ސެލްފީ ނަންގަވައެވެ. ކުޅެ މަޖާކޮށް ހީ ސަމާސާކުރައްވައެވެ. ކުރައްވަންޖެހޭ އިތުރުކަމެއް، އުފުއްލަވަން ޖެހޭ އިތުރު މަސްއޫލިއްޔަތެއް އޮތްހެން އެއްގޮތަކަށްވެސް ހީނުވެއެވެ.

ވެރިކަމަށް އަހަރެއްވީއިރު މުޅި ޤައުމުން ފެންނަނީ މާޔޫސްކަމެވެ. ހުދު އެމްޑީޕީއަށް ނިސްބަތްވާ މީހުންވެސް މިހާރު ޝަކުވާކުރަންފަށައިފިއެވެ. ރައީސް ސޯލިހަށް ދުވެ ފުމެ ފީނުން ނޫން ކަމެއް ނުކުރެއްވޭކަމަށް ބުނަންފަށައިފިއެވެ. އެކަމަކު، ރައީސަށް ވޯޓުލި މީހުންނަކަށް މިއަދު އެ ޝަކުވާ ކުރުމުގެ ޖާގައެއްނެތެވެ. އިންތިހާބަށް ކުރިމަތިލިއިރުވެސް ރައީސް ސޯލިހަކީ، އެފަދަ ކަންކަން ކުރެއްވުމުގެ އިތުރަށް، ޤައުމެއްގެ ވެރިކަން ކުރެއްވޭފަދަ ޤާބިލުކަމެއް ހުރި މީހެއް ނޫންކަން ވިސްނާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެންކަމުން، މިއަދު ދެން އޮތީ، ކެތްކޮށްލައިގެން ތިބުމެވެ.

މި ލިއުމާއި ގުޅޭ