Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޭސީޕީ މުޙައްމަދު ރިޔާޒު

އެމްއެންއެންޕީ ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން ކޮމަންޑޫ ދާއިރާގެ ފުލުހުންނަށް އޭސީޕީ ރިޔާޒު ގުޅުއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓު ޢަބްދުލްހަންނާން އިދުރީސަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާގެ ފުލުހުންނަށް ގުޅުއްވައިގެން ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު މުއުތަބަރު ގޮތެއްގައި "ދިޔަރެސް"އަށް ލިބިއްޖެއެވެ.

ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފުލުހެއް ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުހައްމަދު ރިޔާޒު ގުޅުއްވައި އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް ފުލުހުންގެ އާއިލާތަކުގެ ވޯޓު އެމްއެންޕީގެ ކެންޑިޑޭޓަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ އާއިލާތަކުގެ ވޯޓު ލިބުމުން އޭގެ ބަދަލުގައި އެ ފުލުހުންނަށް ވަޒީފާގެ ކުރިއެރުން ދޭނެ ކަމަށްވެސް ރިޔާޒު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ރިޔާޒު މިފަދައިން ވަކިވަކި ފުލުހުންނަށް ގުޅުއްވައި އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯއްދެވުމުގެ މަސައްކަތް ކުރައްވަނީ އެމްއެންޕީގެ ނައިބުރައީސް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު އެދިވަޑައިގެން ކަމަށް "ދިޔަރެސް"އަށް މުއުތަބަރު މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ. މުހައްމަދު ރިޔާޒާއި ޢަބްދުﷲ ރިޔާޒަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މުޙައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރީވެސް އެއިރު ފުލުހުން ބަލަމުންދިޔަ ބޮޑެތި ބައެއް މައްސަލަތަކުގެ މައުލޫމާތު ޢަބްދުﷲ ރިޔާޒާ ހިއްސާކުރެއްވިކަން ހާމަވުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު ރިޔާޒުގެ ބަހެއް ހޯދުމަށް "ދިޔަރެސް"އިން އޭނާއަށް ގުޅުމުން އެދިވަޑައިގަތީ ފުލުހުންގެ މީޑިއާ ގުރޫޕުގައި ސުވާލުކުރުމަށެވެ. އަދި އެ ސުވާލުގެ ޖަވާބު ހޯދާނީ ފުލުހުންގެ މީޑިއާ މެދުވެރިކޮށް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަށް "ދިޔަރެސް"އިން މެސެޖުކުރުމުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް އޭނާ ދެއްވާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ