ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ އެންމެ އިސް ދެމީހުންގެ މައްޗަށް ކުށް ސާބިތު ވުމަކީ އެ މައްސަލައިގައި ލިބުނު ކާމިޔާބީއެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައިގައި މ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދުއާއި، އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި އެ ދެމީހުންއުމުރަށް ޖަލަށްލުމާއެކު، ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ އާއިލާއަށް ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.
އެކެމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްމާއީލް ހައިޝަމް އާއި، އަހްމަދު ޒިހާންއަކީ، ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވެ، އެކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުން ކަމަށެވެ. އަދި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އެ މައްސަލައިގައި އިތުރު ހަތަރު މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރި އެވެ. އެއީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، ޠާއިފާ، އިސްމާއީލް ރަޝީދުއާއި، މ. ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެ ހަތަރު މީހުންނަކީވެސް ޔާމީން ރަޝީދު މަރާލުމުގެ އަމަލު ރޭވުމުގައާއި، އެކަން ތަންފީޒު ކުރުމުގައި އެކި މިންވަރަށް ބައިވެރިވެފައިވާ ބައެއްކަން މައްސަލައިގެ ހެކި ގަރީނާއިން އެނގޭ ކަމަށެވެ. އެހެންކަނުން އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ނިންމި ނިންމު އިސްތިއުނާފު ކުރުމުގެ ނިޔަތް އެބަ އޮތް ކަމަށެވެ.
"މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމެވުމުގެ މަޙްޝަރު ބަޔާންތަކާއެކު މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން، އެ ރިޕޯޓް ދިރާސާކުރުމަށްފަހު، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް މި އޮފީހުން ނިންމާނަމެވެ،" ޕީޖީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ، އެބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ޕީޖީ އޮފީހުން ދެކޭ ކަމަށާއި، އެފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް ދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.
ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ 2018 ވަނަ އަހަރު ފެނުނު ޔާމީން ރަޝީދުގެ މައްސަލައިގައި ދެ މީހަކަށް ކްރިމިނަލް ކޯޓުން އިއްޔެ ދައުވާ ކުރި ނަމަވެސް، ފުރިހަމަ އިންސާފު ލިބުނު ކަމުގައި ގަބޫލު ކުރާނީ އެކަމަށް ފަންޑުކުރި މީހުން ހޯދުމުން ކަމަށް ޔާމީން ރަޝީދުގެ މަންމަ ވަނީ ބުނެފަ އެވެ.