ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހެކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވާ ހަ މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އަދި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހުކުމް އިއްވުމަށް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ އާދަމް މުޙައްމަދު ވިދާޅުވެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ދައުވާ ސާބިތުކުރުމަށްޓަކައި އެ މައްސަލާގައި ހިމެނޭ މުއްތަހަމުން ކުށުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވާންޖެހޭ ކަމަށެވެ.
އެގޮތުން އެ މައްސަލާގައި ދައުވާކޮށްފައިވާ ހަ މީހުންގެ ތެރެއިން ޔާމީން ރަޝީދުގެ މަރާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވިކަމަށް ދައުލަތުން ބުނެފައިވާ ޒިޔާދުގެ މައްޗަށް އެކަން ސާބިތުކުރަން ހުށަހެޅި ހަމައެކަނި ހެއްކަކީ ސިއްރު ހެކިވެރިއެއްގެ ހެކި ބަސް ކަމަށް ޤާޟީ ވިދާޅުވިއެވެ.އަދި ސިއްރު ހެކިވެރިޔާގެ ހެކި ބަހުގައި ޒިޔާދު ޔާމީނުގެ ޤަތުލުގައި އަމަލީ ގޮތުން ބައިވެރިނުވީ ބަލިވެ އުޅޭތީ ކަމަށާއި އެކަމަށް ހެކީގެ ގޮތުގައި އޭނާގެ ގެ ފާސްކުރިއިރު ފެނުނު މެޑިކަލް ލިޔެކިޔުން ދައުލަތުން ހުށަހެޅި ނަމަވެސް އެ މިންވަރުން އަމަލީ ގޮތުން އޭނާ އެ ޤަތުލުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.
ޒިޔާދުގެ އިތުރަށް ޙަސަން ޝިފާޒުގެ މައްޗަށްވެސް ކުރި ދައުވާ ސާބިތުނުވާކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ. އޭނާ މި ޤަތުލުގެ ސައްލާތަކުގައި ބައިވެރިވިކަމަށް ސިއްރު ހެކިވެރިޔާ ބުނި ނަމަވެސް އޭނާގެ އެ ބަހަށް ބުރަދަން ދޭނެ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ޤާޟީ ފާހަގަކުރެއްވިއެވެ.
ދެން މި މައްސަލާގައި ދައުވާ ލިބޭ ދިފުރާނުގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތަކީ ޔާމީން ރަޝީދަށް ފާރަލައި އޭނާ އުޅުނު އޮފީހާއި، ގެ ކައިރިން ޖާސޫސުކުރީ ދިފުރާނު ކަމަށެވެ. އެކަމަށް ހެކިބަސް ދިނީ ހަމައެކަނި ދެވަނަ ހެކިވެރިޔާއެވެ. ދައުލަތުން ދިފުރާނުގެ މައްޗަށް ހެކި ނައްތައިލަން އުޅުނުކަމަށް ތުހުމަތުކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އަދި ހެކި ނައްތައިލާން އޭނާ ކުޅަ ކަމެއް ދައުލަތަށް ބަޔާންނުކުރެވޭ ކަމަށް ޤާޟީ ވިދާޅުވިއެވެ.
ދެން ކުށް ސާބިތުނުވަނީ އިސްމާއީލް ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ސަބަބެއް ކަމަށް ޤާޟީ ވިދާޅުވީ އޭނާ ޔާމީން ރަޝީދުގެ ގޭ ކުރިމަތީގައި ހުއްޓައި ދުށް ކަމަށް ސިއްރު ހެކިވެރިއެއް ބުނެފައިވާއިރު އެކަން ސާބިތުކުރުމަށް ފުލުހުން ހުށަހެޅި ރިޕޯޓަށް ހޯދި ހެކީގެ ޗެއިން އޮފް ކަސްޓަޑީ ކެނޑި އެ ހެކީގެ ބުރަދަން ގެއްލުމުން އެ ރިޕޯޓަކީ ބަލައިގަނެވޭނެ ރިޕޯޓެއް ކަމަށް ނުވުމެވެ. ފުރަތަމަ ހެކިވެރިޔާގެ ހެކި ބަހުގައި އިސްމާއީލް ރަޝީދު އެ ގޭގެ ކުރިމަތިން ފެނުނު ކަމަށް ބުނެފައިނުވެއެވެ.
އަދި މި މައްސަލާގައި ދައުލަތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ތަމާލުގުގެ އުސޫލު މާނަކޮށް ތަތުބީގުކުރަން އެދުނީ ރަނގަޅަށް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ޤަތުލެއްގައި ގިނަ ބަޔަކު ބައިވެރިވާ ހާލަތުގައި އެއް މަޤުތޫލުގެ ޤަތުލުގެ ބަދަލުގައި ހުރިހާ ޤާތިލުންގެ ކިބައިން ޤިޞާޞް ހިފުމާ ގުޅޭ އުސޫލެއް ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ކޮށްފައިވާ ދައުވާ ބަދަލުކުރުމުގެ ފުރުސަތު ކުރިން މައްސަލަ ބެއްލެވި ޤާޟީ ދައުލަތަށް ދިނުމުން އެ ފުރުޞަތު ދައުލަތުން ބޭނުންނުކުރިކަންވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ކުށް ސާބިތުވީ ދައުވާކުރި މީހުންގެ ތެރެއިން ހައިޝަމްއާއި ޒިހާނުގެ މައްޗަށެވެ. ޤާޟީ ފާހަގަކުރެއްވީ ހައިޝަމް އަދި ޒިހާނު އެއިރު ލައިގެން ތިބި އަންނައުނާއެކު ސިއްރު ހެކިވެރިޔަކު ތަފުސީލުކޮށް ސިފަކޮށްދީ އެ ދެ މީހުން ޔާމީން ރަޝީދުގެ ގެއިން ނުކުންނަނިކޮށް ފެނުނު ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި ސިއްރު ހެކިވެރިޔާ ސިފަކޮށްދިން ގޮތާއި މި މައްސަލާގައި ހޯދާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރު އެެއްގޮތް ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ. އަދި އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖުން ގެތެރެއަށް ދެ މީހަކު ވަންނަ މަންޒަރާއި ޔާމީން ރަޝީދަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ޤާޟީ ވިދާޅުވިއެވެ.
ހަމައެހެންމެ ޔާމީން ރަޝީދުގެ ގޭ ތެރޭގައި ހުރި ސީސީޓީވީ ކެމެރާގެ ބޭރުން އިސްމާއީލް ރަޝީދުގެ އިނގިލީގެ ނިޝާން ފެނިފައިވާ ކަމަށާއި، އެ ނިޝާނު އެ ތަނުން ފެންނަންޖެހޭ މަޤުބޫލު ސަބަބެއް އޭނާއަށް ބުނެނުދެވޭ ކަމަށްވެސް ޤާޟީ ފާހަގަކުރެއްވިއެވެ.
އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން ކުރި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުވާކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ.
މިއަދު ދެން އޮންނާނީ ޔާމީން ރަޝީދުގެ ވާރިސުން ކަނޑައެޅުމާއި ޤިޞާޞް ހިފުމާމެދު ޔާމީނުގެ ވާރިސުންގެ ބަސް ނެގުމެވެ.