އަނިޔާވެރިކަމާއެކު 2017 ވަނަ އަހަރު ޤަތުލުކޮށްލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ޤަތުލުގެ މައްސަލާގައި މާދަމާ ކުރިމިނަލް ކޯޓުން ގޮތެއް ނިންމައި ހުކުމްކުރާއިރު، އެ މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި އެންމެ މުހިއްމު އެއް ސިއްރު ހެކިވެރިޔާ ކޯޓަށް ފޮނުވާފައިވާ ސިޓީއެއް އެފަރާތުން "ދިޔަރެސް"އާ ހިއްސާ ކޮށްފިއެވެ. އެ ސިޓީގައި ދައުލަތަށާއި ފުލުހުންނަށް އޭނާވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައެވެ.
މި ލިޔުމުގައި އެ ސިޓީގެ ފޮޓޯއެއް ހިއްސާކޮށްފައިވަނީ ސިއްރު ހެކިވެރިޔާއަކީ ކާކުކަން އެނގޭ ފަދަ މައުލޫމާތުތައް އުނިކުރުމަށްފަހުއެވެ. ސަބަބަކީ ސިއްރު ހެކިވެރިންނަކީ ކޮބައިކަން ހާމަކުރުމަކީ ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމުގައިވާތީއެވެ. އަދި މި ސިޓީއާއި ސިޓީގައި ހުރި ވާހަކަތައް އާންމުކޮށްފައިވަނީ ހެކިވެރިޔާގެ އެދުމުގެ މަތިންނެވެ.
މި ސިޓީއަކީ 12 ޑިސެންބަރު 2021 ވަނަ ދުވަހު ހެކިވެރިޔާ ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލަށް ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި އޭނާ ބުނެފައިވަނީ ޔާމީން ރަޝީދުގެ މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ހަގީގަތާ އެއްގޮތަށް ރާއްޖެ ޓީވީއަށް ކިޔައިދިން ކަމަށެވެ. އެގޮތުން ޔާމީނު ރަޝީދު މަރައިލި ރޭގައި މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށާއި، މާސްކު އަޅައިގެން ތިބި ބަޔަކު ސައިކަލުގައި ދިޔަތަންވެސް ދުށް ކަމަށެވެ.
އަދި އެ ވާހަކަތައް ރާއްޖެ ޓީވީއާ ހިއްސާކުރިއިރު އެއީ އެހާ ހައި ޕްރޮފައިލް މައްސަލައެއްކަން އެނގިފައިނުވާ ކަމަށާއި، އެހެންނަމަވެސް ރާއްޖެ ޓީވީއަށް މައުލޫމާތު ދިން ފަހުން އެކި ގޮތްގޮތުން އޭނާއާ އެކި ފަރާތްތައް ބައްދަލުކޮށް ވަކި ގޮތަކަށް ބަޔާން ދިނުމަށް ނުފޫޒު ފޯރުވަމުން އައި ކަމަށް އޭނާ ބުންޏެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭނާއަށް އެދުވަހު ފެނުނީ ވަކި ބައެއް ކަމަށް ބުނުމަށްވެސް އޭނާގެ ކިބައިން އެދެމުން އައި ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ އިތުރަށް ބުނެފައިވަނީ އެ ދުވަހު އޭނާއަށް ފެނުނު މީހުންނަކީ ކަނޑައެޅިގެން ވަކި ބައެއް ކަމުގައި ބުނުމަށް ފުލުހުން ތަކުރާރުކޮށް އެދުނު ކަމަށެވެ. އަދި އެފަދައިން ބަޔާން ނުދިންނަމަ އޭނާގެ މައްޗަށް މަރެއް ފޮރުވަން އުޅޭ ކަމުގެ ދައުވާކުރާނެ ކަމަށް ބުނެ ބިރުދެއްކުމުން އެގޮތަށް ހެކިބަސްދިނުމަށް އެއްބަސްވި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަދި އޭނާ ހެކިބަސް ދިނުމަށް އޮތް ދުވަހުގެ ކުރީ ރޭ ފުލުހުންގެ އިދާރާގައި އޮތް ބައްދަލުވުމަކަށް އޭނާ ހާޒިރުކޮށް ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެ ބައްދަލުވުމުގައި ފުލުހުންގެ ބައެއް ބޭފުޅުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން މި މައްސަލާގައި ވަކާލާތުކުރައްވާ ވަކީލަކުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ބުންޏެވެ.
އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންވެސް ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ބާރުއެޅުއްވި ކަމށާއި، މިއީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހެކިވެރިޔާ އިތުރަށް ބުނެފައިވަނީ އޭނާ ކުރިމިނަލް ކޯޓުގައި ހެކިބަސްދިނީ އޭނާގެ ނަފުސުގެ ސަލާމަތަށް އޮތް ނުރައްކަލަށް ބިރުގަނެގެން އެކަމުގެ ސަބަބުން ފުލުހުންނާއި ޕީޖީގެ ވަކީލުން އެދިވަޑައިގެންނެވި ގޮތަށް ކަމުގައެވެ. އެގޮތުން ދައުވާ ލިބޭ މީހުންގެ ތެރެއިން 3 މީހަކު އެ ސަރަހައްދުން ދުށް ކަމަށް ހެކިބަސް ދީފައިވާނެ ކަމަށާއި، އެއީ އޭނާއަށް ޔަޤީންވެގެން ދިން ހެކިބަހެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާއި ހިތާމަކުރާ ހާލު ޤާޟީ ޝަކީލުގެ އަރިހުން މައާފަށް އެދެމުން އޭނާ އިތުރަށް ސިޓީގައި ބުނެފައިވަނީ ނޭނގޭ ކަމެއްގައި ހެކިބަސް ދިނުމަކީ އޭނާގެ ޟަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ކުރިމިނަލް ކޯޓުގައި ދިން ބަޔާނަކީ މަޖުބޫރު ހާލަތެއްގައިހުރެ ދިން ބަޔާނެއް ކަމަށެވެ. އަދި އެކަން ކޯޓުގެ ސަމާލުކަމަށް ގެނެސް އެ ބަޔާނަށް އިންކާރުކުރާ ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރަށް އޭނާ ބުނީ އޭނާއަށް ބިރުދައްކާ ކަމަށް ބުނެ ފުލުހުން ހުށަހެޅި ބަޔާނަކީވެސް ފުލުހުން އެދިގެން ދިން ބަޔާނެއް ކަމަށާއި، އޭނާއަށް މިހާތަނަށް ނުފޫޒު ފޯރުވަނީ ފުލުހުން ކަމަށެވެ. އަދި އޭނާގެ ފަރާތުން ހެކިބަސް ބަދަލުނުކުރާނެ ކަމަށް ބުނެ ފޮނުވި ސިޓީއަކީވެސް ފުލުހުން ބުނެގެން ފޮނުވި ސިޓީއެއް ކަމަށާއި، ބެލެވޭ ގޮތުގައި އެ ސިޓީގެ ބޭނުމަކީ އޭނާއަށް ނުފޫޒު ފޯރުވާކަން ހާމަވިޔަނުދިނުން ކަމަށެވެ.
އަދި އެ ސިޓީ ކޯޓަށް ލުމުން އަންނާނެ ދައްޗާއި ކުރިމަތިވާނެ ބިރުތައް ނޭނގޭ ކަމަށާއި، ހިނގަމުންދާ ކަންތަކާމެދު ބިރުވެތިވާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާގެ ސިޓީގައި ބަޔާންކޮށްފައިވަނީ ތެދުކަން ޔަޤީންކޮށްދޭން ކޯޓަށް ހާޒިރުވާން ތައްޔާރަށް ހުރިކަމަށް ބުނެ، ޤާޟީ ޝަކީލުގެ ކިބައިން އޭނާ އެދުނީ އޭނާއަށް ކުރިމަތިވާ ނުފޫޒުތައް ހުއްޓުވައިދިނުމެވެ.
އަދި ހަމަ މި ސިޓީގައިވާ ކަންކަމުގެ އިތުރަށް އެންމެ ފުރަތަމަވެސް މި މައްސަލާގައި ފުލުހުން އެދުނު ގޮތަށް ހެކިބަސްދިނުމަށް އޭނާ އިންކާރުކުރި ކަމަށާއި ހެކިބަސްދިނީ މަޖުބޫރުން ކަމަށް ބުނެ، އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލައިދިނުން އެދި އޭނާގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ފޮނުވި ސިޓީއެއްވެސް "ދިޔަރެސް"އާ ސިއްރު ހެކިވެރިޔާ ހިއްސާކުރިއެވެ.
އިތުރަށް ސިއްރު ހެކިވެރިޔާ ބުނީ އޭނާ ކުރިމިނަލް ކޯޓަށް މި ސިޓީ ފޮނުވިކަން ފުލުހުންނަށް ކޯޓުން އެންގުމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ދެ އިސް އޮފިސަރަކު އޭނާ ދިރިއުޅޭ ގެއަށް އައިސް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެވާހަކަތައްވެސް ލިޔުމުން ކްރިމިނަލް ކޯޓްގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް އޭނާ މައުލޫމާތު ދިނެވެ.
ސިއްރު ހެކިވެރިޔާ "ދިޔަރެސް"އާ ވާހަކަދައްކަމުން ބުނެފައިވަނީ ބައެއްގެ މައްޗަށް މަރުގެ ހުކުމް އަންނަ ކަމެއްގައި އޭނާ ދިން ދޮގު ހެކިބަހަކަށް އެހައި ބޮޑު އަދަބެއް ބައަކަށް ލިބުމަށް ނޭދޭ ކަމަށެވެ. އަދި އެކަމާމެދު ފިކުރުކުރެވޭތީ މިހާރު ވަރަށް ބޮޑަށް ނަފުސާނީ ގޮތުންވެސް ބަލިވެފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ދައުލަތުން ބިރުދައްކައި މަޖުބޫރުން މިވަރު ކަމެއް ކުރަން އުޅޭތީ އޭނާ ހުންނަނީ ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
މާދަމާ ހެނދުނު ޔާމީން ރަޝީދުގެ މައްސަލާގައި ހުކުމް އިއްވުމަށް ތާވަލުކޮށްފައިވާއިރު މި މައްސަލާގައި ހެކިވެރިޔަކު މިވަރު ބޮޑު މައްސަލަތަކެއް ކޯޓާ ހިއްސާކުރިކަން މިހާތަނަށް ކޯޓުން ހާމަކޮށްފައިނުވެއެވެ. އަދި ޖިނާޔަތުގެ އެންމެ މަތީގެ ދަރަޖައިގެ ކުށެއް ކަމުގައިވާ ގަސްދުގައި މީހަކު މަރާލުމުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކެއްގެ މައްޗަށް ހެކިބަސްދިން އެންމެ މުހިއްމު ހެކިވެރިޔާގެ ފަރާތުން މިހާ ސީރިއަސް ތުހުމަތުތަކެއް އޭނާގެ ހެކިބަހާއި މެދުކޮށް ބޮޑެތި ޝައްކުތަކެއް އުފެދިފައިވަނިކޮށް އެކަން އޭނާ ކޯޓަށް ޙާޟިރުކޮށް ބެލުމަށް ޝަރީޢަތުން އެއްވެސް މަސައްކަތެއް ނުކޮށް މި މައްސަލައިގެ ޙުކުމް މާދަމާ ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކާއި އަދި ތަބީއީ އިންސާފުގެ އެންމެހާ ހަމަތަކާއި މުޅިން ހިލާފްކަމެއް ކަމަށް މިކަމާއި ގުޅިގެން "ދިޔަރެސް" އާ ވާހަކަ ދެއްކި ރާއްޖޭގެ ފުންނާބު އުސް ވަކީލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނެފައިވެއެވެ.