އަނިޔާވެރިކަމާއެކު 2017 ވަނަ އަހަރު ޤަތުލުކޮށްލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މާދަމާ ކުރިމިނަލް ކޯޓުން ހުކުމްކުރަން ތާވަލުކޮށްފިއެވެ.
ޔާމީނު ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޤަތުލުކޮށްލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ، ހ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއީލާއި، ގދ.ގައްދޫ ސިންދުބާދުގޭ، މުޙައްމަދު ދިފްރާނާއި، މ.ކުދެހިގޭ ޙަސަން ޝިފާޒާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
މި އެންމެންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުން ނިންމައިލީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގައެވެ. އަދި އެ މައްސަލާގައި ހުކުމް އިއްވާ ޝަރީޢަތުގެ މަޖިލިސް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.
މި ދައުވާ ލިބޭ މީހުންގެ މައްޗަށް ދައުވާ ސާބިތުވެ ޔާމީނުގެ ހުރިހާ ވާރުތަވެރިން އިއްތިފާޤުވާނަމަ އެ މައްސަލާގައި ޝާމިލުވާ އެންމެންގެ މައްޗަށް މަރުގެ ހުކުމް އިއްވާނެއެވެ. އަދި އެއިން މީހަކު މެރުމާ އެންމެ ވާރުތަވެރިޔަކު ދެކޮޅުވި ނަމަވެސް އެމީހެއްގެ މައްޗަށް މަރުގެ ހުކުމް ނާންނާނެއެވެ.
ފާއިތުވި އަހަރުގައިވެސް މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ކޯޓުން އެކުލަވައިލިއެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ބަދަލުވުމާ ގުޅިގެން އެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުދިޔައެވެ. ފާއިތުވި މަހުގައި ހުކުމްކުރަން ތާވަލުކުރި ނަމަވެސް ފަހުން އެ ތާރީޚަށްވެސް ބަދަލުއައެވެ.