ޔަމަނުގެ ހޫޘީން ޛިންމާ ނަގައިފައިވާ ޑްރޯން ހަމަލާގެ ބަދަލުގައި ހަމަލާއެއް ދޭނެ ކަމަށް އެކުވެރި ޢަރަބި އިމާރާތުން މިއަދު ބުނެފިއެވެ. މި ހަމަލާގައި ތެޔޮ ޓޭންކެއް ގޮވައި ތިން މީހަކުވަނީ އަބޫދާބީން މަރުވެފައެވެ.
އީރާނުގެ މަދަދު ލިބޭ ހޫޘީންނާ ދެކޮޅަށް ސައުދީ ޢަރަބިއްޔާ އިސްވެ އުފައްދާފައިވާ ޔަމަނު ސަރުކާރަށް މަދަދުވެރިވާ އިއްތިހާދުގައި އިމާރާތުން ބައިވެރިވެއެވެ. ހޫޘީންވަނީ ތަކުރާރުކޮށް ޔަމަނާއި ސައުދީ ބޯޑަރު ފަހަނައަޅައި ސައުދީގެ އެކި ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.
ނަމަވެސް ހޯމަދުވަހުގެ ހަމަލާއަކީ އެމިރޭޓްސްގެ ބިމުގައި ހޫޘީން ދިން ފުރަތަމަ ހަމަލާކަމަށް އެ ޤައުމުން ބުނެއެވެ. މީގެ ކުރިންވެސް ބެލިސްޓިކް މިސައިލާއި ހަތިޔާރު އެޅި ޑްރޯނުތައް އެމިރޭޓްސްއާ ދެކޮޅަށް ބޭނުންކޮށްފައިވާކަމަށް ހޫޘީން ބުނެފައިވެއެވެ.
އެންޑްނޮކް ކުންފުނީގައި މަސައްކަތްކުރާ އިންޑިއާ ދެ މީހަކާއި ޕާކިސްތާނަށް ނިސްބަތްވާ މީހަކު މި ހަމަލާގައި މަރުވެފައިވާއިރު ތެޔޮ ރައްކާކުރާ މަރުކަޒެއް ކައިރިން ތިން ތެޔޮ ޓޭންކރެއް މި ހަމލާގައި ގޮވާފައިވެއެވެ. އަދި އަބޫދާބީ އެއާޕޯޓުގައި ހުރި އިމާރާތްކުރާ ސަރަހައްދެއްގައި އަލިފާން ރޯވިމެއެވެ.
އަބޫދާބީގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ސަރަހައްދަކަށް ކުދި އުދުހޭ ތަކެތިތަކެއް ވެއްޓުނުކަން އިބްތިދާއީ ތަހުގީގުތަކުން ފާހަގަވި ކަމަށެވެ. އަދި ފުލުހުންގެ ބަޔާނުގައި ބުނެފައިވަނި އެ ތަކެއްޗަކީ ޑްރޯންތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ހޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސާރީ ބުނެފައިވަނީ އެ ޖަމާޢަތުން މުހިއްމު އަސްކަރީ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި އެމިރޭޓްސްގެ ހައްސާސް އެތައް ތަނަކަށް ބެލިސްޓިކް މިސައިލާ ޑްރޯން ބޭނުންކޮށްގެން ހަމަލާދިން ކަމަށެވެ.
އަދި އެކުވެރި އަރަބި އިމާރާތުގެ މުހިއްމު ސަރަހައްދުތަކާ ވީހާވެސް ދުރުގައި އެ ޤައުމުގެ އާންމުންނާއި ބޭރުގެ ފަރާތްތައް ބޭތިއްބުމަށް ބާރުއަޅާ ކަމަށާއި، އެއީ އެބައިމީހުންގެ ރައްކާތެރިކަމަށް ކަމުގައިވެސް ޔަޙުޔާ ބުންޏެވެ.
އަބޫދާބީގެ އެކި ސަރަހައްދުތަކަށް ހޫޘީން ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށް އިމާރާތުގެ ރިޔާސީ މުސްތަޝާރު އަންވަރު ގަސްގާޝް ވިދާޅުވިއވެެ. އަދި ޚާރިޖީވަޒީު ޢަބްދުﷲ ބިން ޒާއިދު އައްނަހުޔާން މި ހަމަލާ ސިފަކުރެއްވީ ނުލަފާ ޖަރީމާއެއްގެ ގޮތުގައެވެ.