ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ބިދޭސީއަކު ފައިސާ ޖަމާކުރަން ގޮސް ހުއްޓައި ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ ބަންގުލަދޭޝަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެމްޑީ މަނިކްއަކީ ވަޒީފާއަދާކުރުމަށް ރާއްޖެއަށް އައުމަށްފަހު އޭނާއަށް ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ މީހެކެވެ. އަދި އޭނާއަށް ވަޒީފާ ދިން ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރަށް ފުލުހުން ބުނެފައިވަނީ އޭނާއަށް ވަޒީފާ ދިން ފަރާތުން އެދިފައިވަނީ އެމްޑީ މިއާ ރާއްޖެއިން ފޮނުވައިލުމަށް ކަމަށެވެ.
އޭނާއަކީ ބޭރު ފައިސާގެ ވިޔަފާރި ކަޅުބާޒާރުގައި ކުރާ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް އެ ތުހުމަތުތައް އެމްޑީ މިއާ ދޮގުކުރިއެވެ. އެހެންނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީވެސް ކަޅުބާޒާރުގައި ބޭރުފައިސާގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ ޖަމާކުރަން އުޅެނިކޮށް ކަމަށެވެ.
މި މައްސަލާގައި މިއާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ހުއްދަނެތި ކުރުމުގެ ކުށުގެ ތުހުމަތެވެ.
ކަޅުބާޒާގައި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަނުގެ ދަށުން ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގައި 4 ބިދޭސީއަކު ހައްޔަރުކޮށް ރާއްޖެއަށް އަލުން ނާދެވޭ ގޮތަށް އެ މީހުންވަނީ ފޮނުވާލާފައެވެ.