ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަމުގައިވާ ލީ ޖައިމްޔުންގް އަކީ އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފައިވާ ބޭފުޅެއް ކަމުގައިނުވީ ނަމަވެސް ދެކުނު ކޮރެއާގެ އިންތިޚާބުގައި އޭނާއަށް ތަލަ މީހުންގެ ބޮޑު ތާއީދެއް އޮތީ ލިބިފައެވެ. ސަބަބަކީ ސަރުކާރުގެ އިންޝުއަރެންސް ސްކީމުގެ ތެރެއިން ބޮލުން އިސްތަށި ފޭބުމަށް ފަރުވާކުރަން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސަތުގެ ސަބަބުންނެވެ.
އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުން ހިންގާ އޮންލައިން ތަފާތު މަންސަތަކުގައި އޭނާގެ ހުށަހެޅުމަށް ގިނަ ބަޔަކު އަންނަނީ ތާއީދުކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ލީގެ މި ސިޔާސަތަކީ މަޤުބޫލުކަމުގެ މައްޗަށް އެކަނި ބިނާވެފައިވާ ސިޔާސަތެއް ކަމަށެވެ. ލީއަކީ މިހާރު ވެރިކަން ކުރާ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެވެ.
ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވާ މެސެޖެއްގައި ބުނެފައިވަނީ "ޖައިމްޔުން ބްރޯ. އަހަރެން މަނިކުފާނު ދެކެ ލޯބިވަން، އަހަރެން މަނިކުފާނު ބްލޫ ހައުސް (ރިޔާސީ ގަނޑުވަރު)ގައި އިމްޕްލާންޓް ކުރާނަން" ކަމަށވެެ. އަނެއް މެސެޖުގައި ބުނެފައިވަނީ "މަނިކުފާނު ތިޔަވަނީ ކޮރެއާގެ ތަލަ މީހުންނަށް އުންމީދު އައުކޮށްދެއްވާފައި" ކަމަށެވެ.
ބުދަދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ލީ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް ކޮރެއާގެ ޤައުމީ ޞިއްޙީ އިންޝުއަރޭންސް ޕްރޮގުރާމުގެ ތެރެއިން ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދޭންޖެހޭނެ ކަމަށެވެ.
އަދި އޭގެ އިތުރަށް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ލިޔުއްވުމެއްގައި ލީވަނީ އިސްތަށި ފޭބުމުގެ މައްސަލައަށް ފަރުވާ ހޯދުމުގައި މީހުންނަށް ކުރިމަތިވާ ދަތިތައް ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އަދި ބޮލުން އިސްތަށި ފައިބާ މައްސަލައާ ގުޅޭ ޝާމިލު ފުރިހަމަ ސިޔާސަތެއް ހުށަހަޅުއްވާނެ ކަމަށްވެސް އެ ޕޯސްޓުގައި އޭނާ ވައުދުވެވަޑައިގަތެވެ.
އިންތިޚާބާ ގުޅިގެން ހަދަމުންދާ މުސްތަޤިއްލު ޕޯލްތަކުގައި މި ވަގުތު ކުރީގައި އުޅުއްވަނީ ލީއެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ލީއަކީ މަޤުބޫލު ސިޔާސަތުތަކާއި ވާހަކަތަކުގެ މައްޗަށް އިންތިޚާބީ ކެމްޕޭން ބިނާކުރައްވާފައިވާ ނުރައްކާތެރި ޝަޚުޞިއްޔަތެކެވެ.
ލީގެ ވާހަކަފުޅާ ގުޅިގެން އެ ޤައުމުގެ އިދިކޮޅު ޕާޓީން ބުނެފައިވަނީ ލީގެ ސިޔާސަތަކީ ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް ލިބޭ ތަސައްލީއެއް ނަމަވެސް އެ ސިޔާސަތަކީ މިހާރުވެސް މާލީ ގޮތުން ބޮޑު ދަތިތަކެއް ތަހައްމަލުކުރަން ޖެހިފައިވާ އެ ޤައުމުގެ ޞިއްޙީ ނިޒާމަށް އިތުރު މާލީ ބުރައަކަށްވާނެ ސިޔާސަތެއް ކަމަށެވެ.