ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން އެ ޕާޓީގެ ވާދަވެރިންނާ ދެކޮޅަށް ބޭނުންކުރީ ޑރ.އަފްރާޝީމް ޢަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ ޤަތުލުތައް ކަމަށާއި، މިހާރު ވާދަވެރިންނާ ދެކޮޅަށް ބޭނުންކުރާ އައު އުކުޅަކީ މަސްތުވާތަކެތީގެ ތުހުމަތުތައް ކަމަށް އިދިކޮޅު އިއްތިހާދުގެ މުސްތަޝާރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައާއި އޭގެ ކުރިންވެސް އެއިރުގެ އިދިކޮޅު އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ އެހެން ޕާޓީތަކުންވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތަށިފުޅުގައި މަރުތަކާ ގުޅިގެން ބޮޑެތި ތުުހުމަތުތައް އަޅުވާފައެވެ.
އެގޮތުން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ދައްކަމުން އައި ވާހަކަތަކުގެ މައްޗަށް ބިނާކުރައްވައި އަދާލަތު ޕާޓީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިންވަނީ ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅިގެން 19 މީހަކު މަރާލާފައިވާ ކަމަށްވެސް ވިދާޅުވެ ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތައް އަމާޒުކުރައްވާފައެވެ.
އަދި ރައީސް ޔާމީނާ ޑރ.އަފްރާޝީމުގެ މަރާ ގުޅުންހުރި ކަމުގެ ހެކިތައް ކަމަށް ވިދާޅުވެ ގަނޑުތަކެއް ދައްކަވައި 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައި އޮތް މޭޑޭ މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲވެސް ބޮޑެތި ތުހުމަތުތައް އަމާޒުކުރެއްވިއެވެ.
މި ތުހުމަތުތަކަށް ފަހުން ވީ ގޮތް އިތުރަށް ތަފުސީލުކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ ވެރިކަން ލިބިވަޑައިގަތުމުން އަމިއްލައަށް އުފެއްދެވި ކޮމިޝަންތަކުން އެ ޤަތުލުތަކުގެ ތުހުމަތުތަކުން ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕް ބަރީއަވާކަން ސާބިތުކުރުމުން، މިހާރު ބޭނުންކުރަނީ އައު ކަމެއް ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ތުހުމަތު ކަމަށެވެ.
ޑރ.ޝަހީމު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު އިއްތިހާދުން މިހާރު ހިންގަން ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން އިދިކޮޅު އިއްތިހާދަށް މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުވައި ބޮޑެތި ތުހުމަތުތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ ބައެއް ވެރިން ގެންދަވަނީ އަމާޒުކުރައްވަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރިން ނަފާ ލިބޭ ސިޔާސީ މީހުން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއެކު އޭނާއަށް ލިބިވަޑައިގެންފާނެ ގެއްލުމަކަށްޓަކައި އެ މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ޑރ.ޝަހީމުވަނީ ސިޔާސީ ގޮތުން ހޯދާ ކާމިޔާބަކީ ނުހައްގު ބަދުނާމު އަޅުވައި އަނެކާގެ ޝަޚުޞު ކަތިލުން ކަމުގައިވަނީ ނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ތަހުޒީބުވެ ފައްކާވާނީ ކޮން ދުވަހަކުންތޯ ސުވާލުކުރައްވާފައެވެ. ހެދިބޮޑުވަމުން އަންނަ ޖީލަށް މި ސުލޫކުން ދެނީ ކޮންކަހަލަ ފިލާވަޅުތަކެއްތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
އިތުރަށް ޑރ.ޝަހީމު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ގޮތުން ކާމިޔާބު ހޯދަން މަސައްކަތްކުރަންޖެހޭނީ ތިމާ ކޮށްދިނުމަށް އުންމީދުކުރާ ކަންކަން ބުނެދީގެން ކަމަށެވެ. އަދި އެކަމަށް ބިނާކުރަނިވި ގޮތުގައި ފާޑުކީދާނެ ކަމަށާއި، އެކަން ކުރަންވާނީ ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދައްކައިގެން ކަމަށެވެ. ޑރ.ޝަހީމު ވިދާޅުވީ ފަހަރެއްގައިވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމުތައް އަޅުވައިގެން ނުވާނެ ކަމަށެވެ.