Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔާމީން ރަޝީދު

ޔާމީން ރަޝީދު މަރާލި މައްސަލައިގައި އާއިލާއިން އެދިގެން ހުކުމް އިއްވުން ފަސްކޮށްފި

ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް އިއްވުން އާއިލާގެ ފަރާތުން އެދިގެން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. އެ ދުވަހު ކުރިމިނަލް ކޯޓުގައި ވަނީ ހުލާސާ ބަޔާން އިއްވުން ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ޚުލާސާ ބަޔާނުގައި ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ނުކުތާތަކާއި ދައުލަތުގެ ނުކުތާތައް ފާހަގަކޮށް ނިމުމުން މައްސަލަ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ އާދަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވާނެކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ ގާޒީ ވިދާޅުވި ދުވަހަށް ހުކުމް ކުރަން އަޑުއެހުމެއް ތާވަލް ނުކުރީ ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން އެދުމުން ކަމަށެވެ. ކޯޓުން ފާހަގަކުރި ގޮތުގައި ހުކުމް ކުރާ ދުވަސް ފަސްކުރަން އާއިލާގެ ފަރާތުން އެދުނީ އޭނާގެ އާއިލާގެ މީހެއްގެ ބަލިހާލަތު ހުރިގޮތުން ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމަށް އާއިލާގެ މެންބަރުންނަށް ހާޒިރު ނުވެވިދާނެތީއެވެ.

ކްރިމިނަލް ކޯޓުން އޮންލައިން ނޫހަކަށް މައުލޫމާތު ދީފައިވާގޮތުގައި ނިޔާވި ފަރާތުގެ އާއިލާ އަކީ ބަރާބަރަށް ކޮންމެ އަޑުއެހުމަކަށް ވެސް ހާޒިރުވާ ބައެއްކަމުގައި ވާތީ ހުކުމް ކުރުން ލަސްކުރީ އެކަންކަމުގެ މައްޗަށް ބަލައި، އާއިލާގެ އެދުމުގެ މަތިން މި މައްސަލަ ސާބިތުވާނަމަ ވާރިޒުންގެ ބަސް ނަގަން ވެސް ޖެހޭތީއެވެ.

ކޯޓުން ހުކުމް ކުރުމަށް އަޑުއެހުމެއް ތާވަލް ކުރާނެ ދުވަހެއް މިހާތަނަށް ކަނޑައަޅާފަި ނުވި ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު މި މައްސަލަ ނިންމާނެ ކަމަށް ބުނެފައިވެއެވެ.

ފާހަގަކުރެވޭގޮތުގައި ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަންކަމާއި ސިއްރު ހެކިވެރިންގެ ހެކި ބަސްތަކުގައިވާ ކަންކަމާއި، ވީޑިއޯ އެނަލިސިސް ރިޕޯޓްގައި ހިމެނޭ ކަންކަމުން ފެށިގެން ވަށައި ގުޅައިލެވެން އެބަ އޮތް ކަމަށާއި މި އެންމެން ވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ކަމާއި، ޔާމީން ރަޝީދު މަރާލަން މި އެންމެން ވެސް މަޝްވަރާތަކުގައި ބައިވެރިވެ، އަމަލީ ގޮތުން ވެސް ބައިވެރިވެފައިވާ ކަން ފެންނަން އެބައޮތް ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރީ ލިބިފައެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ދަށުން އެ މީހުންނަށް މަރުގެ އަދަބު ކޯޓަށް ދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މިކަމާއިގުޅިގެން ދިފާއުން ބުނެފައިވާ ގޮތުގައި މި ހަ މީހުންނަށް ދައުވާ ސާބިތުވުން ނާދިރެވެ. އެގޮތުން މީހަކު މެރުމުގެ މަޝްވަރާއެއްގައި ނޫނީ ސައްލާއެއްގައި ބައިވެރިވެފައިވި ނަމަވެސް އެ މީހެއްގެ މައްޗަށް "ދިރިހުރި އިންސާނެއް މެރި ކަމުގެ ނުވަތަ މެރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ" ދައުވާއެއް ނުއުފުލޭނެ ކަމަށް ދިފާއީ ވަކީލުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ