Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ގޯލާނުގެ ބިންތަކުގައި އިސްރާއީލުގެ އާބާދުވުންތައް ދެގުނައަށް އިތުރުކުރާނެކަމަށް އެ ޤައުމުން ބުނެފި

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ގޯލާންގެ ބިންތަކުގައި އެ ޤައުމުގެ އާބާދުވުންތައް ދެ ގުނައަށް އިތުރުކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނެފިއެވެ. އެ ބިމަކީ މީގެ 50 އަހަރު ކުރިން ސޫރިޔާގެ އަތުން އިސްރާއީލުން ފޭރިގަތް ބިމެކެވެ.

ބެނެޓް ބުނި ގޮތުގައި ގޯލާންގެ ބިންތަކުގައި އިސްރާއީލުގެ އާބާދުވުންތައް ޤާއިމުކުރުމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަން ނިންމީ، 2019 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ސަރުކާރުން އެ ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށް ކަނޑައެޅުމުން ކަމަށެވެ. އަދި އެ ނިންމުމަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ބަދަލެއް ގެންނާނެ ކަމަށް ނުބެލެވޭތީއެވެ.

ގޯލާނުގައި ބޭއްވި ޚާއްޞަ ކެބިނެޓު ބައްދަލުވުމެއްގައި ބެނެޓް ބުނެފައިވަނީ މިއީ ގޯލާނުގެ ވަގުތު ކަމަށެވެ. އަދި މިއީ އިސްރާއީލަށް ތާރީޚީ ވަގުތުކޮޅެއް ކަމަށެވެެ. އާބާދުވުންތައް މަޑުޖެހުނު އަހަރަކަށްފަހު މިހާރު އިސްރާއީލް ސަރުކާރުގެ އަމާޒަކީ ގޯލާނުގައި ހުރި އިސްރާއީލުގެ އާބާދުވުންތައް ދެ ގުނައަށް އިތުރުކުރުން ކަމަށްވެސް އޭނާ ބުންޏެވެ.

ގޯލާނުގެ ބިންތައް އިސްރާއީލުން އެންމެ ފުރަތަމަ ޖަހައިގަތީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން 1967 ވަނަ އަހަރުއެވެ. އެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަން އެ ޤައުމުން އިއުލާނުކުރީ 1981 ވަނަ އަހަރުގައެވެ. އެ ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ނިންމުމެއްކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮޑު ބައަކުން ދެކެއެވެ.

ގޯލާނުގައި މިހާރު އިސްރާއީލުގެ އާބާދުވެރިންގެ 25،000 މީހުން ދިރިއުޅެއެވެ. އަދި އެ ސަރަހައްދުގައި ދުރޫޒުންގެ 23،000 މީހުން ދިރިއުޅެއެވެ. އެ ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތު ހިނގާނެކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމަކީ އެމެރިކާއެވެ.

މި ލިއުމާއި ގުޅޭ