ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުން ރާއްޖެއަށް 13 މިލިޓަރީ ވެހިކަލް ހަދިޔާކުރަން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ބައެއް ނޫސަތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޝައިހް ހަސީނާގެ ދަތުރުފުޅުގައި ދެ އެމްއޯޔޫއީ ހިމެނޭހެން ހަތަރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އެއީ ޓެކްސް ފައިސާއަށް މަކަރުހެދުން ހުއްޓުވުމަށާއި ދެގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމާ ގުޅޭ ދެ އެއްބަސްވުމަކާއި، ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާ އަދި ޔޫތް އެންޑް ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ދެ އެމްއޯޔޫއީ އެވެ.
އަދި ސިއްހީ ދާއިރާގެ މުވައްޒަފުން ރެކްރޫޓު ކުރުމަށް ބަންގްލަދޭޝްއާ އެކު ވެފައިވާ އެއްބަސްވުންވެސް އާ ކުރާން ވަނީ ހަމަޖައްސައިފަ އެވެ.
އޭގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝް އިން ރާއްޖެއަށް 13 މިލިޓަރީ ވެހިކަލް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާއެވެ. އެ ދަތުރުފުޅުގައި ޝައިހް ހަސީނާއާއި ރައީސް ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ޝައިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރުމަށްވެސް މަޖިލީހުން އިއްޔެ ވަނީ ފަސްކޮށްފަ އެވެ.
ޝައިހް ހަސީނާގެ ދަތުރުފުޅާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމާފައި ވާއިރު، އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދަންނަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.