ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑެއް އޮންނަކަމަށާއި ސުޕްރީމް ކޯޓުގެ ޙުކުމަކީ ޓެކްނިކަން ގޯހުން ނިމޭ ކަމެއްނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުންކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމާއި ގުޅިގެންނެވެ.
އަބްދުﷲ ރިޔާޒުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމަކީ ޓެކްނިކަން ގޯހުން ނިމޭ ކަމެއްނޫންކަމަށާއި ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑެއް އޮންނަކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވިގޮތުގައި މައުޞޫމްކަން ޘާބިތުވުމުން އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވުމަކީ ވަރަށް ނާތަހްޒީބުކަމެކެވެ.
މީގެއިތުރުން ޑރ. ޖަމީލް ވަނީ ސިޔާސީ ގޮތުން ރައީސް ޔާމީނާއި ފައި ހަމަނުކުރެވޭނެކަން ހަޖަމްކުރަންޖެހޭކަމަށް ވިދާޅުވެ ރިޔާޒުގެ އެ ވިދާޅުވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ރިޔާޒް އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބަންދުން ރައީސް ޔާމީން މިނިވަންވީ "ޓެކްނިކާލިޓީ" އެއްގެ ސަބަބުން ކަމަށާއި އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ވެސް އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ރަގަޅަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. ރިޒާޒް ވިދާޅުވިގޮތުގައި އެ ގޯސްތައް ސުޕްރީމް ކޯޓުގެ ހުކުމް ކިޔާލުމުން ސާފުކޮށް ފެންނަން އެބަ އޮތެވެ.