އަނިޔާވެރި ގޮތުގައި 2012 ވަނަ އަހަރު ޝަހީދުކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ބިނާކުރި އިސްލާމީ މަރުކަޒު ހުޅުވައިފިއެވެ.
އުނގޫފާރުގައި އެކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ. އެ ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުނގޫފާރުގެ އިސްލާމީ މަރުކަޒު ހުޅުވާފައި މިވަނީ އުނގޫފާރުގައި ބިނާކުރަން ރައީސް ޔާމީނުގެ ވެރިކަމުގައި ފެއްޓެވި މިސްކިތުގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމައި އެ މަރުކަޒު އިސްލާމިކް މިނިސްޓްރީއާ ކޮންޓްރެކްޓަރު ހަވާލުކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
އެ އިމާރާތަކީ ދިވެހި ދައުލަތުގެ ބަޖެޓޫން 27 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތް ކޮށްފައިވާ މިސްކިތެކެވެ.
އެ މިސްކިތުގައި ހަތަ ރުކުލާސް ރޫމާއި ލައިބްރަރީއަކާއި ޕޭންޓްރީއަކާއި އެޑްމިން އޮފީހަކާއި ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެެވެ.
މަސްޖިދު ޑރ.އަފްރާޝީމް އަލީގެ ނަމުން ނަން ދީފައިވާ މި މަރުކަޒު ހުޅުވާފައިވާއިރު ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި އެޅުއްވި ކިންގް ސަލްމާން މިސްކިތް އަދިވެސް ނުހުޅުވެއެވެ. އަދި މިހާތަނަށް މި ސަރުކާރުން އަލަށް އިސްލާމީ މަރުކަޒެއްގެ މަސައްކަތް އެއްވެސް ސަރަހައްދެއްގައި ކުރަމުންނުދެއެވެ.
އިސްލާމީ ކަންކަމަށް 2018 ވަނަ އަހަރާ ހަމައަށް ބަޖެޓުގައި ބައި ބިލިއަން ރުފިޔާ ހިމެނި ނަމަވެސް އެ ފައިސާގެ އަދަދު މި ސަރުކާރުންވަނީ 200 މިލިއަނެއްހައި ރުފިޔާއަށް މަދުކޮށްފައެވެ.