Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: އިންޑިއާ އައުޓާއި ކުރީ ސަރުކާރުގެ މަޝްރޫޢުތަކާމެދު މަބްރޫކު ދެއްކެވި ވާހަކަފުޅު

ގިނަ ދުވަސްތަކަކަށްފަހު ރޭ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު ޢަޒީޒު ބައިވެރިވެވަޑައިގަތެވެ. އެ ޕްރޮގުރާމުގައި ވަރަށް ގިނަ ވާހަކަފުޅުތައް އޭނާ ދެއްކެވިއެވެ. އެއިން ބައެއް ވާހަކަތަކުގައި ދައްކަވާފައިވާ ބައެއް ވާހަކަފުޅުތައް އޭގެ ޙަޤީޤަތަކީ ކޮބައިތޯ ބަލައިލުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ.

އިންޑިއާ އަސްކަރިއްޔާއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅު

އިންޑިއާ އައުޓު ހަރަކާތާ ގުޅިގެން މަބްރޫކު އެ ޕްރޮގުރާމުގައި ގިނަ ވާހަކަތަކެއް ދެއްކެވިއެވެ. އެއް ކަމަކަށް އިންޑިއާ ސިފައިން ތިބޭ ތިބުމަކީ ކުރީ ސަރުކާރުންވެސް ގެންގުޅުނު ސިޔާސަތެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ރައީސް ނަޝީދުގެ ވެރިކަމުން ފެށިގެން ރާއްޖޭގައި އޮތް ހެލިކޮޕްޓަރަކާއި 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޮޕަރޭޓުކުރަމުން އައި ހެލިކޮޕްޓަރާއެކު ތިބި ސިފައިންނެވެ. އެ ސިފައިން ރާއްޖެއިން ގެންދަން ރައީސް ޔާމީނުގެ ވެރިކަމުގައި އެންގެވިއެވެ.

އެގޮތުން "ދިޔަރެސް"އިންވާނީ އެ ހެލިކޮޕްޓަރުތައް ގެންދަން އެދި ދިވެހި ސަރުކާރުން ރާއްޖޭގައި ހުރި އިންޑިއާ އެމްބަސީއަށް ފޮނުވި ސިޓީތައް ރައްޔިތުންނާ ހަމައަށް ގެނެސްދީފައެވެ. އެތައް ސިޓީއެއް ފޮނުވައި ކޮންމެ ސިޓީއެއްގައިވެސް އެ ސިފައިންނާއި ހެލިކޮޕްޓަރުތައް ގެންދަން ސަރުކާރުން އެދުނެވެ. އަދި އެ ސިފައިންގެ ވިޒާ އައުކޮށްނުދީ ހިފަހެއްޓިވެސްމެއެވެ. މަބްރޫކުގެ ވާހަކަފުޅުގައި މިއިން އެއްވެސް ކަމެއް ހިނގި ކަމެއް ކަމުގައި ނުހެއްދެވިއެވެ.

ދެވަނަ ކަމަކަށް މަބްރޫކު ފާހަގަކުރެއްވީ ޑޯނިއާ ފުލައިޓު ގެނައުން ލަސްވެގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު އިންޑިއާ އެމްބަސީއަށް ފޮނުއްވި ސިޓީގެ ވާހަކަފުޅެވެ. އެ ސިޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމުވަނީ ވަރަށް ތަފުސީލުކޮށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވާފައެވެ.

އުޝާމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އެ ސިޓީގައިވެސް އާދަމް ޝަރީފު ފާހަގަކުރައްވާފައިވަނީ ޑޯނިއާއަކީ ދިވެހިންނަށް ދުއްވަން އަދި މަރާމާތުކުރަން އެނގޭ އުޅަނދެއް ކަމުގައިވާތީ ޑޯނިއާއާއެކު ސިފައިން ބައިތިއްބަންނުޖެހޭނެކަން ކަމަށެވެ. އެހެންކަމުން ޑޯނިއާ ފުލައިޓު ގެނައުމުގެ ބޭނުމަކީވެސް ރާއްޖޭގައި އިންޑިއާ ސިފައިން ނުބޭތިއްބުންކަން އެނގެއެވެ.

އެންމެފަހުން އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅެއްގައި ސުޕްރީމް ކޯޓުން 1 ފެބްރުއަރީގެ އަމުރު ތަންފީޒުނުކުރާ ސަބަބުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ އިންޑިއާއިން ތިން ސިޓީއެއް ފޮނުވިކަން ހާމަކުރެއްވުމުން އެކަމާ ގުޅޭ ގޮތުންވެސް މަބްރޫކު ވާހަކަދެއްކެވިއެވެ.

އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަން ހިންގައި ސިޔާސީ ލީޑަރުން ހައްޔަރުކުރުމުން އެކަންކަމާއި އިންޑިއާ އަދި ބައިނަލްއަޤުވާމީ އެހެން ފަރާތްތަކުންވެސް ނުރުހުން ފާޅުކުރި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން އެއީ ދާޚިލީ ކަންކަން ކަމަށް އެއިރުގެ ސަރުކާރުން ބުނެ އެކަހެރިވެގަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކު އެފަދައިން ވިދާޅުވިއިރު، އިންޑިއާގެ ކަޝްމީރުގެ މުސްލިމުންނަށް އެ ޤައުމުގެ ހަރުކަށި ހިންދޫ ސަރުކާރުން ދެމުންދާ އަނިޔާތަކާ ގުޅިގެން މަބްރޫކުގެ ސަރުކާރުން އެއީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށާއި އެއީ ރާއްޖެއާ ބެހުމެއް ނެތް ކަމެއް ކަމުގައި ބުންޏެވެ. އަދި އެވަރުން ނުފުދިގެން އިންޑިއާގެ ދާޚިލީ ކަންކަމާ ނުބެހުމަށް އިސްލާމީ ދައުލަތްތަކަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއްގައި ދިވެހި ސަރުކާރުން ގޮވައިވެސްލިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ޤާނޫނީ ގޮތުން އޭގެ ހައިސިއްޔަތާމެދު ސުވާލު އުފެދޭ އަމުރެއް ތަންފީޒުކުރުމާއި ނުކުރުން އަދި އެކަމާމެދު އަޅާނެ ފިޔަވަޅެއް ނިންމުން ދިވެހިރާއްޖޭގެ ދާޚިލީ ކަމަކަށް ނުވެފައި ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ ކަމަކަށްވާ ގޮތެއް މަބްރޫކުގެ ވާހަކަފުޅުން ސާފެއް ނުވެއެވެ.

އެކްޝަން ޕްލޭނާ އެއްބަސްވުންތައް އޮޅުވައިލެއްވުން

އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އިންޑިއާއެކު 2016 ވަނަ އަހަރު ސޮއިކުރެވުނު އެކްޝަން ޕްލޭނެއްގެ ދަށުން އެއްބަސްވި އެއްބަސްވުންތަކެއް ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ.

އެކްޝަން ޕްލޭނަކީ ކުރިއަށް އޮތްތަނުގައި ކަންތައްތަކެއް ކުރުމަށް ވިސްނުމާ ގުޅޭ ގޮތުން އެކުލަވައިލެވޭ ލިޔުމެކެވެ. އެއީ އެއްވެސް ފަރާތަކުން އެެއަށް އިލްތިޒާމުވުން ލާޒިމުވާ އެއްބަސްވުމެއް ނޫނެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި އެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީވެސް އޮތީ އެއްބަސްވެވަޑައިގެންފައެވެ.

އެ އެކްޝަން ޕްލޭން 2016 ވަނަ އަހަރު އެކުލަވައިލެވުމަށްފަހު ރައީސް ޔާމީނުގެ ވެރިކަމުގެ ދެ އަހަރު ފާއިތުވެގެންދިޔައިރު އޭގައި ހުރި އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކޮށް އޮތުމުން އެއީ އެމަނިކުފާނުގެ ސިޔާސަތެއް އަދި ވިސްނުންފުޅެއް ނޫންކަން އެނގެއެވެ. އެހެންކަމުން އެކްޝަން ޕްލޭނެއް އޮތުމަކީ އެފަދަ އެއްބަސްވުންތަކެއް އެކުލަވައިލަންވީ ހުއްޖަތަކަށްވާ ގޮތެއް މަބްރޫކު ވިދާޅުވެނުދެއްވައެވެ.

އެކްޝަން ޕްލޭނަކީ އިލްތިޒާމުވުން ލާޒިމު އެއްބަސްވުމެއް ކަމުގައިނުވާއިރު، އެއީ އެފަދަ އެއްބަސްވުމެއް ކަމުގައި ދޭހަވާ ގޮތަށް މަބްރޫކު ވާހަކަދެއްކެވި ސަބަބެއްވެސް ނޭނގެއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގި ދުވެލި

ރައީސް ޔާމީނުގެ ސަރުކާރަކީ މި ސަރުކާރާ އަޅާބަލާއިރު ދުވެލި މަޑު ސަރުކާރެއް ކަމަށް ވިދާޅުވެ، އެއިރުގެ ސަރުކާރަށްވެސް މަބްރޫކު ފާޑުވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ ކުރީ ސަރުކާރުން ހައުސިން މަޝްރޫޢުތައް ފަށައިގަތީ އެންމެ ފަހު އަހަރުގައި ކަމަށެވެ. އަދި އޭގެ ކުރިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކުގެ މި ވާހަކަފުޅަކީވެސް މުޅިން އޮޅުވައިލެއްވުމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 700 ހައުސިން މަޝްރޫޢުގެ މަސައްކަތް ފަށައި 2017 ވަނަ އަހަރު އެ މަސައްކަތް އެކީ ނިންމައި އެތަންތަނަށް މީހުން ވަނެވެ. މިއަދުވެސް އެ ފުލެޓުތަކުގައި މީހުން ދިރިއުޅެއެވެ.

އަދި އޭގެ އިތުރަށް ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ޗައިނާގެ ސީނޯ ހައިޑްރޯ ކުންފުންޏާ ހަވާލުކޮށްގެން އަތޮޅު ތެރޭގެ އެކި ސަރަހައްދުގައި ޖުމްލަ 1،500 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތްވެސް 2017 ވަނަ އަހަރު ނިންމާފައިވެއެވެ. އަދި މި ސަރުކާރުން އަމިއްލަ ފަރާތްތަކުން ހިންގާ ހައުސިން މަޝްރޫޢުތައްވެސް ސަރުކާރުގެ ކާމިޔާބުތަކުގެ ތެރޭގައި ގުނާތީ އަމީން އެވެނެއުގެ މަތިންވެސް މަބްރޫކަށް ހަނދުމަފުޅުކޮށް އަރުވަންޖެހެއެވެ. އަމީން އެވެނިއުގެ މަސައްކަތް ފަށައި ނިންމީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

ދެން އޮތީ 2017 ވަނަ އަހަރު ފެށި ހިޔާ މަޝްރޫޢުގެ ވާހަކައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިތުރަށް ގެދޮރު އަޅާނެ ޖާގަ ނެތިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކެވީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. 2014 ވަނަ އަހަރު ފަށައި އެ މަސައްކަތް ނިންމިއެވެ. އެތަނުގައި ހަދާފައިވާ މައި މަގުތަކާއި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށް ކަރަންޓު ވިއުގަ ވަޅުލައި އެ ތަނުގައި އިމާރާތްކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ ހުރިހާ އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމުކުރީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

އެހެންކަމުން 2017 ވަނަ އަހަރުގައި ބޯހިޔާވަހިކަމުގެ މަސައްކަތް ފެށި ކަމަށް ވިދާޅުވުމަކީ ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކުރުމަށް 2014 އިން ފެށިގެން ކުރެވުނު މަސައްކަތަކީ މަސައްކަތެއް ކަމުގައި ނުވާ ކަމަށް މަބްރޫކު ނިންމެވި ގޮތެއްވެސް އޭނާ ވިދާޅުވެނުދެއްވައެވެ.

މަބްރޫކަކީ ވަރަށް ގިނައިން މިގޮތަށް މީހުންނަށް އޮޅޭ ގޮތަށް ކަންކަމުގައި މައުލޫމާތު ހާމަކުރައްވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ ކޮވިޑާ ގުޅިގެން މައުލޫމާތު ދެއްވަން އެންއޯއީސީގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނެވިއިރުން ފެށިގެން އެފަދަ އެތައް އިތުރުފުޅެއް ހައްދަވާފައިވެއެވެ. އެގޮތުން ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރި މުއާމަލާތް ދިފާޢުކުރައްވައި ހެއްދެވި އިތުރުފުޅުތައް ފާހަގަވެއެވެ.

މި ލިއުމާއި ގުޅޭ