ފެނަކަ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހިމެނިވަޑައިގަންނަވާ ގޮތަށް 16 ބޭފުޅުންގެ ޓީމެއް އެކުވެރި ޢަރަބި އިމާރާތަށް 6 ދުވަހުގެ ދަތުރެއް ކޮށްފިއެވެ.
މި ދަތުރުގައި އެ ޓީމުންވަނީ އެކުވެރި ޢަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގެ އިތުރަށް ދުބާއީއަށްވެސް ގޮސްފައެވެ. މި ދަތުރުގައި އެ ދެ ސިޓީގެ މުހިއްމު ބައެއް ތަންތަނަށް ފެނަކައިގެ ޓީމުން ޒިޔާރަތްކޮށްފައިވެއެވެ.
އެގޮތުން މި ޓީމުން ވަނީ އަބޫދާބީގެ މަސްދަރު ސިޓީއާއި، ޝަމްސްގެ ސީޕީއެސް ޕަވަސްޓޭޝަނާއި ގަންތޫތުގެ ވޯޓާ ޑިސެލޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފައެވެ. އަދި އޭގެ އިތުރަށް އެ ސިޓީގައި ހުންނަ ޝައިޚު މުޙައްމަދު ބިން ރާޝީދު ސޯލާ ޕާކަށްވެސް އެ ޓީމުންވަނީ ޒިޔާރަތްކޮށްފައެވެ.
އޭގެ އިތުރަށް ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯއަށްވެސް އެ ޓީމުން ޒިޔާރަތްކުރިއެވެ. އަދި ދުބާއީގެ ޕަވާ ސްޓޭޝަނަކަށްވެސް މި ދަތުރުގައި އެ ޓީމުން ޒިޔާރަތްކުރިއެވެ.
އެކުވެރި ޢަރަބި އިމާރާތަށް މި ޓީމުން ދިޔައީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ދަތުރު ނިންމައިލުމަށްފަހު އެ ޓީމު އަނބުރާ ރާއްޖެއަށް އައީ އިއްޔެ ކަމަށްވެސް އެ ކުންފުނިން "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
ފެނަކައިން މިވަރުގެ ބޮޑު ޓީމަކާއެކު އެމިރޭޓްސްއަށް ކުރި ދަތުރުގެ ބޭނުމަކީ ކޮބައިތޯއާއި ދަތުރުން ހާސިލުކުރެވުނު ކަންކަމަކީ ކޮބައިތޯ ފެނަކައިގެ އެމްޑީ އަރިހުގައި ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ދެއްވާފައިނުވެއެވެ.