Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަމާލް ޚަޝޯޖީ

ޖަމާލް ޚަޝައުޖީގެ ޤަތުލާ ގުޅުންހުރި ސަޢުދީ ރައްޔިތެއް ޕެރިހުގެ ފުލުހުން ހައްޔަރުކޮށްފި

ނޫސްވެރިޔާ ޖަމާލް ޚަޝައުޖީގެ ޤަތުލާ ގުޅުންހުރި ސަޢުދީ ރައްޔިތެއް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުން އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ފަރަންސޭސި މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރެއްވުމަށް ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން އެ ޤައުމަށް ދަތުރުކުރައްވައި ސަޢުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ފަރަންސޭސި ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކުރި ގޮތުގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ޕެރިހުގެ އެއާޕޯޓުން ސަޢުދީގެ ވެރިރަށް ރިޔާޟަށް ދަތުރުކުރި މަތިންދާބޯޓަކަށް އަރަން އުޅެނިކޮށެވެ.

ފައިނޭންޝަލް ޓައިމްސް ނޫހުން ފަރަންސޭސިވިލާތުގެ ޝަރުޢީ ދާއިރާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ހައްޔަރުކޮށްފައިވާ މުއްތަހުމުގެ ޝަޚުޞިއްޔަތު ޔަޤީންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ ހައްޔަރުކުރީ ޖަމާލް ޚަޝައުޖީގެ ޤަތުލާ ގުޅިގެން ނެރެފައިވާ ރެޑް ނޯޓިސްއަކަށް އަމަލުކުރުމުގެ ގޮތުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ މަތީ ފަންތީގެ އޮފިޝަލެއް ވިދާޅުވެފައިވަނީ މި މައްސަލައަކީ ޝަޚުޞު އޮޅުމުގެ މައްސަލައެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ދެކޭ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ ޝަޚުޞު ކަށަވަރުވުމުން އޭނާ ހޯދަން ރެޑް ނޯޓިސް ނެރުނު ތުރުކީ ސަރުކާރާ އޭނާ ހަވާލުކުރާނީތޯ ނުވަތަ އޭނާ ހައްޔަރުކުރަން ނެރުނު އަމުރަށް އޭނާ ގޮންޖަހައިފިނަމަ ބަންދުގައި އޭނާ ބަހައްޓާނީތޯ ޕްރޮސެކިއުޓަރުން ނިންމަންޖެހޭނެ ކަމަށެވެ.

ޚަޝައުޖީއަކީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތެކެވެ. އަދި އޭނާއަކީ ސަޢުދީ ޢަރަބިއްޔާގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. އޭނާ ޤަތުލުކޮށްލާފައިވަނީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސަޢުދީ ކޮންސިއުލޭޓަށް އޭނާ ދިއުމުން އެތަނުގައެވެ. އޭނާގެ ހަށިގަނޑުވަނީ ބުރުބުރިކޮށް ނައްތާލާފައެވެ.

ޚަޝައުޖީގެ ޤަތުލަކީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ހުއްދަ ދެއްވައިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން މި އަހަރު ނެރުނު ރިޕޯޓެއްގައި ނިންމި ނަމަވެސް އެކަން މުޙައްމަދު ދޮގުކުރައްވައެވެ.

މި ލިއުމާއި ގުޅޭ