ކުރީ ސަރުކާރުން ހިންގާފައިވަނީ މާލެ ސަރަހައްދުގައި ހިންގި ދެތިން މަޝްރޫޢު އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޔަޢުޤޫބު މިފަދައިން ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލުން މިނިވަންވެވަޑައިގެން ރައްޔިތުންނާ މުޚާޠަބުކުރައްވައި ފުރަތަމަ ދެއްވި ތަޤުރީރަށް ރައްދުދެއްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ މި ސަރުކާރު ފެންނަނީ ރިބަން ކަނޑާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އެ ވާހަކަފުޅަށް ރައްދުދެއްވަމުން ޔަޢުޤޫބު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގަވާފައިވަނީ މާލެ ސަރަހައްދުގައި ހިންގެވި ދެތިން މަޝްރޫޢެއް ކަމަށެވެ.
އެ މަޝްރޫޢުތަކަކީ ހޮސްޕިޓަލާއި ހިޔާ ފުލެޓުތަކާއި ބުރިޖު ފަދަ މަދު މަޝްރޫޢުތަކެއް ކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ. އަދި އޭނާވަނީ މިއިން ކޮންމެ މަޝްރޫޢެއްގައިވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.
ޔަޢުޤޫބު އިތުރަށް ވަނީ ހިޔާ މަޝްރޫޢުގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ. ނަމަވެސް މިއީ މިހާތަނަށް އެއްވެސް އިދާރާއަކުން ނިންމާފައިވާ ނިންމުމެއް ނޫނެވެ. އަދި ދަރުމަވަންތަ ކުރެހުމުގައި ދެ ޓަވަރު ހިމެނޭ ކަމަށާއި، އެއިން އެއް ޓަވަރު މަދުވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ހިޔާ ފުލެޓުތަކަކީ ރައްޔިތުންނަށް ހައްގުވާ މިންވަރު ނޫން ކަމަށް ވިދާޅުވެ ޔައުގޫބު ވިދާޅުވެފައިވަނީ، ރައީސް ޔާމީނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ހައްގެއްކަން އަންގައިދިނީ މި ސަރުކާރުން ކަމަށެވެ.