Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފޭސްބުކް

ފޭސްބުކް ހިންގާ ކުންފުނި މެޓައިން ގިފީ ވިއްކައިލަން އިނގިރޭސި ރެގިއުލޭޓަރީ އިދާރާއިން އަންގައިފި

ވިޔަފާރިތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ރެގިއުލޭޓުކުރާ އިނގިރޭސިވިލާތުގެ އިދާރާއިން ފޭސްބުކުގެ މިލްކުވެރި ކުންފުނި ކަމުގައިވާ މެޓައިން ގަނެފައިވާ އޮންލައިން ފޮޓޯ މަންސައެއް ކަމުގައިވާ ގިފީ ވިއްކައިލަން އަމުރުކޮށްފިއެވެ.

315 މިލިއަން އެމެރިކާ ޑޮލަރުގެ މި ވިޔަފާރި ނިންމައި އެ މަންސަ މެޓަގެ މިލްކުވެރިކަމުގެ ދަށުގައި ދާއިމުވެއްޖެނަމަ އެހެން މީސްމީޑިއާ ކުންފުނިތަކާ އަޅާބަލާއިރު މެޓަ ކުންފުންޏަށް ބާޒާރުގައި ލިބިފައިވާ ބާރު މިހާރަށްވުރެވެސް ބޮޑަށް އިތުރުވާނެ ކަމަށް އިނގިރޭސި ރެގިއުލޭޓަރީ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީގެ މި ނިންމުމާއެކު މެޓަ ކުންފުންޏަށް ލާޒިމުވާނީ ގިފީ ގަންނާނެ ފަރާތެއް ހޯދުމެވެ. އެކަމަށް އަންނަ މަސްތަކުގައި ވަކި މުއްދަތެއް ކަނޑައަޅައި އެ އިދާރާއިން ޤާނޫނީ އަމުރެއް ނޭރެނެއެވެ. ގިފީ ގަންނާނެ ފަރާތެއްގެ ގޮތުގައި އެ އިދާރާއިން ބަލައިގަންނާނީ މުސްތަޤިއްލު މަންސައެއްގެ ގޮތުގައި މެޓަގެ މިލްކުވެރިކަމުގައި ހުރި މަންސަތަކާ ވާދަކުރެވޭނެ ގޮތަށް ގިފީ ހިންގާނެ ކަމުގެ ޔަޤީންކަން ދޭނެ ފަރާތެކެވެ.

މެޓަ ކުންފުނީގެ ވަކީލުން ބުނެފައިވަނީ ގިފީ ގަންނާނެ ފަރާތެއް ހޯދަން ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ސަބަބަކީ މިހާތަނަށް ގިފީ ގަންނަން ސާފު ސަރީހަކޮށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނެތުމެވެ. ނަމަވެސް ގިފީ ގަތުން އެންމެ އެކަށީގެންވަނީ މެސެޖިން މަންސަތައް ހިންގާ ކުންފުންޏަކުން ކަމުގައި ފާހަގަކުރުމާއެކު ވަކީލު ފާހަގަކުރެއްވީ އެފަދަ ގިނަ މަންސަތަކެއްގެ މިލްކުވެރި ފަރާތަކީ މިހާރުވެސް އެ ކުންފުނި ކަމެވެ.

މެޓައިން ބުނެފައިވަނީ އިނގިރޭސި ރެގިއުލޭޓަރީ އިދާރާގެ ނިންމުން މުރާޖަޢާކޮށް އެ ނިންމުމާމެދު އެޅިދާނެ ފިޔަވަޅުތައް މިހާރުވެސް ދިރާސާކުރަމުން އަންނަ ކަމަށެވެ. ދިރާސާކުރާ އިހުތިމާލުތަކުގެ ތެރޭގައި އިސްތިއުނާފުކުރުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ