މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރެވޭނީ އެ މައްސަލަތަކާ ގުޅިގެން އިންޑިއާގެ ޢަސްކަރީ އެހީތެރިކަން ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
މިފަދައިން ޢާޒިމް ވިދާޅުވީ އިންޑިޔާއާއި ރާއްޖެއާ ދެމެދު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓު މަޖިލީހަށް ހުށަހަޅައި އެ ރިފޯޓާ ގުޅޭ ގޮތުން ބަހުސްކުރައްވަމުންނެވެ.
ޢާޒިމު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުންދާ ދިއުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރީގައި ޓްރާންޝިޕްމެންޓު ހަބެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.
އަދި ދެވަނަ ކަންބޮޑުވުމެއް ކަމަށް ޢާޒިމް ފާހަގަކުރެއްވީ ޓެރަރިސްޓު ޖަމާޢަތްތަކަށް ދިވެހިންގެ ތެރެއިން ބައެއް މީހުން ތާއީދުކޮށްގެން އެފަދަ ޖަމާޢަތްތަކާ ބައިވެރިވެގެން ޓެރަރިޒަމުގެ އަމަލު ހިންގުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.
އެ މައްސަލަތައް ހައްލުކުރެވޭނީ ބޭރުގެ އަސްކަރިއްޔާއެއްގެ އެހީތެރިކަން ލިބިގެން ކަމަށާއި، އެ އެހީ ފޯރުކޮށްދެމުންދަނީ އިންޑިއާއިން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އިންޑިޔާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ގޮވައިލާ ހިންގާ ހަރަކާތަކީ "ޕަވާ ޕޮލިޓިކްސް"ގެ ގޮތުގައި ސިފަކުރައްވާ އާޒިމް ވިދާޅުވީ އެއީ ރައްޔިތުން އެންމެ ގަޔާވާ ސިޔާސީ ވާހަކަ ދައްކައިގެން ތާއީދު ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ޢާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތައް ހައްލުކުރެވޭނީ ބޭރުގެ އަސްކަރީ އެހީ ހޯދައިގެން ކަން މިހާރު ރައްޔިތުން ޤަބޫލުކުރާނެ ކަމަށެވެ.