މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ބޮޑެތި ގިނަ ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ.
އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ ހޭންޑްސް ޓުގެދާ ޖަމްޢިއްޔާއިން "ޗޭންޖް އެންޑީއޭ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ތައްޔާރުކުރި ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ޔަޢުޤޫބު ވިދާޅުވީ ފުލުހުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ެތރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ކަމަށެވެ.
"ޕޮލިސް ސާވިސްއަށް ޚިދުމަތްދޭ ފަރާތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ކަމަކީ ހިތާމައާއެކު މިއަދު އަޅުގަނޑު ފާހަގަކުރާ ކަމެއް،" ޔަޢުޤޫބު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާއަށް އެނގިވަޑައިގަންނަވާ އެފަދަ ބައެއް ކަންކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާވެސް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަންކަމުގައި ފުލުހުންގެ ޚިދުމަތުން ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް ޔަޢުޤޫބު ވިދާޅުވިއެވެ.
އަދި ފުލުހުންގެ ޚިދުމަތް ބޭނުންކުރަމުންދަނީ މަސްތުވާތަކެތި ވިޔަފާރިތަކުން ލިބޭ ފައިސާ ދޮތުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ކަމަށްވެސް ޔަޢުޤޫބު ވިދާޅުވިއެވެ. އަދި ފުލުހުން އެއް ފަޅިން މަސްތުވާތެކެތީގެ ވިޔަފާރިކުރާ ފަރާތްތައް އަނެއް ފަޅިން އެ ފަރާތްތަކުގެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ކަންކަން ކުރާ ކަމަށެވެ.
އަދި އެގޮތަށް މަސައްކަތްކުރާހާ ހިނދަކު މަސްތުވާތަކެތީގެ މައްސަލައަށް އެއްވެސް ހައްލެއް ނުލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ޔަޢުޤޫބު ވިދާޅުވިއެވެ. ނަމަވެސް ޔަޢުޤޫބުގެ ތުހުމަތު އަމާޒުކުރައްވާފައިވަނީ ސީދާ ކޮން ކަމަކާ ގުޅިގެންކަން ސާފުކޮށް އޭނާ ވިދާޅުނުވެއެވެ.