ކަޅު ބާޒާރުގައި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ބިދޭސީއަކު ހައްޔަރުކޮށް، ބަންދުގައި ބައިތިއްބަން ކުރިމިނަލް ކޯތުން މިއަދު އަމުރުކޮށްފިއެވެ.
ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައިވަނީ ބަންގުލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ އުމުރުން 29 އަހަރުގެ ރޮބީއުﷲ ނަމަކަށް ކިޔާ މީހަކާއި އުމުރުން 31 އަހަރުގެ ފިރުދައުސް ނަމަކަށް ކިޔާ ދެ މީހުންނެވެ.
ބަންދުގެ އަމުރުތަކުން އެނގޭ ގޮތުގައި ރޮބީޢުﷲއަށް ފުލުހުން ތުހުމަތުކޮށްފައިވަނީ ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގި ކަމުގެ ތުހުމަތެވެ. އަދި އެ ތުހުމަތަށް ބާރުލިބޭ ބައެއް ހެކި ފުލުހުން ހުށަހަޅާފައިވާކަންވެސް އަމުރުން އެނގެއެވެ.
ފުލުހުން ބުނެފައިވަނީ ރޮބީޢުﷲ އޭނާގެ އަމިއްލަ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ. އަދި އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާއަކީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުމުގައި އިސްކޮށް އުޅޭ އެ ވިޔަފާރީގެ ބޮޑެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ދެވަނައަށް ބަންދުކުރި ފިރުދައުސާ ގުޅޭ ގޮތުން ކޯޓުގައި އަމުރުގައި ބުނެފައިވަނީ އޭނާއަކީ ވިއުގައެއް ހަދައިގެން ޖަމާޢަތެއް މެދުވެރިކޮށް ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އޭނާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ބޭންކު މެދުވެރިކޮށް ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން ކަމަށްވެސް ފުލުހުން ތުހުމަތުކުރިއެވެ.
ފިރުދައުސްގެ ވަކީލުން ކޯޓުގައި އެދުނީ ކަފާލާތުގެ އުސޫލުގެ ދަށުން އޭނާ ދޫކޮށްދިނުމަށެވެ. ނަމަވެސް ކޯޓުންވަނީ އޭނާ ދޫކުރުމަށް އިންކާރުކޮށް ބަންދުގައި ބަހައްޓަން ނިންމާފައެވެ.
ކަޅު ބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރިކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މި ދެ މީހުންވެސް ބަންދުކުރަން އަމުރުކޮށްފައިވަނީ 10 ދުވަހަށެވެ.