އަމާނާ ތަލަފުލް މޯލްޑިވްސް އިން މި އަހަރުގެ ފުރަތަމަ ޑިވިޑެންޑު [ހިއްސާގެ ފައިދާ] ގޮތުގައި ކުންފުނީގެ ފައިދާގެ 10 ޕަސެންޓު ދޭން ނިންމައިފިއެވެ.
ފާހަގަކުރެވޭގޮތުގައި މިއީ އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދޭ އެންމެ ބޮޑު އަދަދެވެ. އެގޮތުން މި އަހަރު ކަނޑައެޅު އަދަދަކީ މިދިޔަ އަހަރާއި އަޅާބަލާއިރު 2.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަމާނާ ތަލަފުލުން މި އަހަރަށް އެ ކުންފުނީގެ ފައިދާގެ 10 ޕަސެންޓު ހިއްސާގެ ފައިދާގެ ގޮތުގައި ދޭން ނިންމުމާއެކު ފައިދާގެ 2.63 މިލިއަން ދިވެހި ހިއްސާދާރުންނަށް ބަހާނެއެވެ.
މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ހާލަތުގައި ވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޮވިޑުން ވިޔަފާރި އަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާއިރު މި ހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުރިމަތިވި ފުރަބަންދުގައި ވެސް އެކުންފުނީގެ މާލީ ދުޅަހެޔޮކަން ހިފެހެޓުމަށް ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެއިތުރުން އެ ކުންފުންޏަށް ޓެކްސް ކަނޑާ 17.6 މިލިއަން ރުފިޔާ ސެޕްޓެމްބަރު 2021 ގެ ނިޔަލަށް ފައިދާގެ ގޮތުގައި ލިބިފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ.