ރ. ވާދޫ ކައުންސިލުން އިސް ނަގައިގެން މީދާ ހިފާ މުބާރާތެއް ބާއްވާތީ އެރަށު ޒުވާނުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ރޭ އެރަށުގެ ޒުވާނުން ވަނީ ކައުންސިލް އިދާރާ ކުރިމަތީގައި ޒުވާނުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެ ޒުވާނުންގެ މައިގަނޑު ކަންބޮޑުވުމަކީ ޒުވާނުންނަށް ފުޓްސަލް މުބާރާތެއް ނުބާއްވާ މީދާ ހިފުމުގެ މުބާރާތެއް ބޭއްވުމެވެ.
ވާދޫ ކައުންސިލުން އިއްޔެ ބުނީ މީދާ ހިފުމުގެ މުބާރާތެއް ބާއްވަނީ މީދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށެވެ. ހާއްސަކޮށް ދަނޑުވެރިންނަށް ލިބެމުންދާ ގެއްލުންތައް މަދު ކުރުމަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
އެ މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އެ މުބާރާތް ބާއްވަނީ ފައިސާގެ އިނާމުވެސް ލިބޭ ގޮތަށެވެ.
ޒުވާނުން ބުނަނީ މީދާ ހިފުމަށް ފައިސާ ހުންނަ ކަމަށާއި ނަމަވެސް ފުޓްސަލް މުބާރާތެއް ބާއްވަން ކައުންސިލްގައި ފައިސާ ނުހުންނަ ކަމަށެވެ.
މީދާ ހިފުމުގެ މުބާރާތުން އެއްވަނަ އަށްދާ ފަރާތްތަކަށް 3000 ރުފިޔާ ދޭއިރު ދެވަނަ އަށްދާ ފަރާތަކަށް 2000 އަދި ތިންވަނަ އަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.