އެމްއެެންޑީއެފްގެ ކޯސްޓުގާޑާއި އިންޑިއާ އަދި ލަންކާގެ ކޯސްޓުގާޑު ގުޅިގެން ހިންގާ ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެކްސަސައިޒް ދޯސްތީއަކީ މީގެ 30 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ އެކްސަސައިޒެކެވެ. މި ހަރަކާތުގެ ބޭނުމަކީ ރާއްޖެއާއި އިންޑިއާއާއި ލަންކާގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމާއި ކަނޑުމަތީގެ ހާދިސާތަކާ ގުޅިގެން ތިން ޤައުމުން އެކީ މަސައްކަތްކުރާނެ ގޮތްތައް ދަސްކުރުމެވެ.
މި ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ސަރަހައްދު އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.
މި ހަރަކާތުގެ 15 ވަނަ ހަރަކާތް މިއަދު ފަށާނެ ކަމަށާއި، މި ހަރަކާތް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ޤައުމީ ދިފާޢީ ބާރުން ބުނި ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމަށް އިންޑިއާ ކޯސްޓުގާޑް-އައިސީޖީއެސް ވަޖްރާ އާއި އައިސީޖީއެސް އަޕޫރްވާގެ އިތުރުން އެސްއެލްސީޖީއެސް-ސުރަކްޝާ ވަނީ ރާއްޖެ އައިސްފަ އެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ މި ހަރަކާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1991 ވަނަ އަހަރުގައެވެ. އެހެންކަމުން މިއީ މި ހަރަކާތަށް 30 އަހަރު ފުރޭ އަހަރެވެ. މި ހަރަކާތުގައި ލަންކާއިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުއެވެ.