މި ސަރުކާރުން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދާއި ގެއްލުވައިލި ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ރަހުމް ކުޑަ ގޮތަކަށް މަރާލި ޑރ. އަފްރާޝީމް އަލީގެ މަރުގެ ވާހަކަ ދެއްކީ ރައްޔިތުންގެ އިހުސާސްތަކާއިކުޅެ ވޯޓު ހޯދަންކަމަށް ރައްޔިތުން މަޖިލިހުގެ ކެންދޫ ދާއިރާ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ ކޯލިޝަން ސަރުކާރަށް ތިން އަހަރު ފުރިއްޖެކަމަށާއި ސަރުކާރު ވެރިކަމަށް އަންނަން ވޯޓު ހޯދަން އެންމެ އަޑު ހަރުކޮށް ދެއްކި ވާހަކައަކީ އެ ތިން މަރުގެ ވާހަކަކަމަށާއި ނަމަވެސް މިއަދު އެކަމާއި އުޅޭ މީހަކު މި ސަރުކާރުގައި ނެތްކަމަށާއި އެއީ މި ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާކަމަށް މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އަލީ ހުސައިން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކާއިކުޅެ އެ މަރުތަކުގެ ވާހަކަ އޭރު ދެއްކިކަމަށާއި ނަމަވެސް މިހާތަނަށް އެ މަރުތަކަށް އިންސާފު ލިބިފައި ނުވާކަމީ ސަރުކާރުން ލަދުގަންނަން ޖެހޭކަމެއްކަމަށެވެ.