ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުމާއި މެދުގައި ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތް އަންނަ މަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
މި މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ހުލާސާ ބަޔާން އިއްވުން ކުރިޔަށް ގެންގޮސްފައެވެ. ޚުލާސާ ބަޔާނުގައި ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ނުކުތާތަކާއި ދައުލަތުގެ ނުކުތާތައް ފާހަގަކޮށް ނިމުމުން މައްސަލަ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ އާދަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވާނެއެވެ.
މިގޮތުން ހުކުމް އިިއްވުމުގެ އަޑުއެހުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި އޮންނަ ގޮތުން، ޖިނާއީ ޝަރީއަތެއްގެ ޚުލާސާ ބަޔާން އިއްވުމުގެ މަރުހަލާ ނިމުމަށް ފަހު މަދުވެގެން 30 ދުވަހުގެ ތެރޭގައި އެ ޝަރީއަތެއްގެ ހުކުމް އިއްވަން ޖެހޭނެއެވެ.
ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
މިގޮތުން މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަންކަމާއި ސިއްރު ހެކިވެރިންގެ ހެކި ބަސްތަކުގައިވާ ކަންކަމާއި، ވީޑިއޯ އެނަލިސިސް ރިޕޯޓްގައި ހިމެނޭ ކަންކަމުން ފެށިގެން ވަށައި ގުޅައިލެވެން އެބަ އޮތް ކަމަށާއި މި އެންމެެން ވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ކަމާއި، ޔާމީން ރަޝީދު މަރާލަން މި އެންމެން ވެސް މަޝްވަރާތަކުގައި ބައިވެރިވެ، އަމަލީ ގޮތުން ވެސް ބައިވެރިވެފައިވާ ކަން ފެންނަން އެބައޮތް ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރުމަށްޓަކައި ވަގުތުތަކެއް ނަގާނެ ކަމަށާއި އެކަމަކު އަންނަ މަހު ހުކުމް އިއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.