Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ޕީޖީ ޙުސައިން ޝަމީމަށް ހައިކޯޓުގެ ވަރުގަދަ ފިލާވަޅެއް

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުތަކުން ނިންމާ ނިންމުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ފަނޑިޔާރުންނާއި ކޯޓުތަކަށް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ބަހުގެ ހަމަލާތައް އަމާޒުކުރެއްވުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ވަރަށް ގިނައިން ކުރައްވާ ކަމެެކެވެ.

ފަނޑިޔާރުންނަށް ޝަމީމުގެ ހަމަލާތައް އަމާޒުވި ބައެއް ފަހަރުތައް

ޕީޖީ ޙުސައިން ޝަމީމުގެ ބަހުގެ ހަމަލާތައް މިހާތަނަށް އަމާޒުވެފައިވަނީ ހަމައެކަނި ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނޫނެވެ. ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް އޭނާގެ ބަހުގެ ހަމަލާތައް އަމާޒުވެފައިވެއެވެ. އެގޮތުން ސިއްރު ހެކިބަސް ބަލައިގަތުމާ ގުޅޭ ގޮތުން ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރު ޙުސައިން މަޒީދަށް ޝަމީމުވަނީ ބަހުގެ ހަމަލާއެއް އަމާޒުކުރައްވާފައެވެ.

"ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތީ ފަހަތުގައި އޮތް މާއްދާއެއް އެކަނި. އެ ބޭފުޅާ މުޅި ޤާނޫނު އެއްކޮށް ވިދާޅުވެފައި އޮތް ނަމަހީ މި މައްސަލަ މި ގޮތަކަށް ދިމައެއް ނުވީސް." ފަނޑިޔާރު މަޒީދަށް އިޝާރާތްކުރައްވައި ހުސައިން ޝަމީމު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ. ޝަމީމުގެ ވާހަކަފުޅުން ދޭހަވަނީ އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަޒީދަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނު އެކީ ވިދާޅުނުވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ރައުޔައަށް ތާއީދުކުރެއްވި ދެ ފަނޑިޔާރުންނަކީވެސް ޤާނޫނުގައި އޮތް އެއްޗެއް ވިދާޅުނުވާ ބޭފުޅުން ކަމަށެވެ. މި ބަސްފުޅަކީ ރާއްޖޭގެ ދެވަނައަށް އެންމެ މަތީ ކޯޓުގެ އިތުބާރު ގެއްލިގެންދާނެ ފަދަ ބަސްފުޅެއް ނޫންކަމަށް ހަމަބުއްދީގެ ތަރާދުން ކިރައިގެން ބުރަވެވޭނެ ގޮތެއް ނޯންނާނެއެވެ.

ދަށު ކޯޓުގެ ފަނޑިޔާރުންނަށް ބަލާއިރު ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއެއް ބާތިލުކުރި މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އިސްމާއީލް ރަޝީދަށްވެސް މިފަދަ މޭރުމަކުން ޝަމީމު ފާޑުވިދާޅުވިއެވެ. އެ މައްސަލަ ނިންމެވީ ކުރިމިނަލް ކޯޓުގައި އުޅުއްވާ އިސްމާއީ ރަޝީދު ނަމަކަށް ކިޔާ ޤާޟީއެއް ކަމަށް ވިދާޅުވެ، އޭނާއަށްވެސް ޤާނޫނު އެނގިވަޑައިނުގަންނަވާ ކަމަށް ދޭހަވާ ގޮތަކަށް ޝަމީމު ވާހަކަދައްކަވާފައިވެއެވެ.

ސީ ލައިފްގެ މެނޭޖިން ޑިރެކްޓާ އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށް ދޫކޮށްލަން ނިންމުމުން އެ މައްސަލަ ނިންމެވި ފަނޑިޔާރަށްވެސް ޕީޖީ ޝަމީމުގެ ބަހުގެ ހަމަލާއެއް އަމާޒުކުރެއްވިއެވެ. ކަފާލާތުގެ އުސޫލުން ދޫކުރުމާ ގުޅޭ ޤާނޫނީ އުސޫލުތައް އެ ޤާޟީއަށް އެނގިވަޑައިނުގަންނަވާތީ ވަގުތު ބޭކާރުވާ ކަމަށް ޝަމީމު ވިދާޅުވިއެވެ. ފަހުންވެސް އެކަމާ ގުޅިގެން ބައެއް ވާހަކަ ޓުވިޓާގައި ޝަމީމު ހިއްސާކުރައްވާފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލަކީ ދިވެހި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތެވެ. ކޯޓުގައި ދައުލަތް ތަމްސީލުކުރާއިރު ޕީޖީއަކީ ޚަޞްމެކެވެ. ދައުލަތަކީ ޚަޞްމެކެވެ. އެހެންކަމުން ޤަޟާއީ ނިޒާމުގައި ޚަޞްމުންގެ މައްޗަށް ހިނގާ އުސޫލުތަކާއި ޤަވާޢިދުތައް ޕީޖީއާއި ދައުލަތުގެ މައްޗަށް ހިނގާނެއެވެ. މި ދެންނެވި އުސޫލުތަކަކީ ކޮބައިކަމާއި، ޚަޞްމުން އަމަލުކުރަންޖެހޭ ހަމަތަކަކީ ކޮބައިކަން ދާދިފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ޕީޖީއަށް ހަނދާންކޮށްދީ އެކަމުގެ ފިލާވަޅެއްވަނީ ނަގައިދީފައެވެ. އެއީ އައްމަޓީގެ ކޮއްކޮއަކާއި ދައްތައެއް ޖާމިނުކޮށް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރި މައްސަލައިގެ ނިންމުމުގައެވެ.

ސާބިތުނުކޮށްދެވޭ އިސްތިއުނާފީ ނުކުތާއަކާއި ޤާޟީއަށް ތުހުމަތެއް

އައްމަޓީ ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕީޖީން ހައިކޯޓަށް 3 ނުކުތާއެއް ހުށަހެޅިއެވެ. އެ 3 ނުކުތާގެ ތެރެއިން ފަހު ނުކުތާއެއްގެ ގޮތުގައި ޕީޖީން ހުށަހެޅި ނުކުތާގައި ބުނެފައިވަނީ، ފަނޑިޔާރުން އަމަލުކުރަން ޖެހޭނީ ވަކި ފަރާތަކަށް ނުޖެހި އަދުލުވެރިކޮށް ކަމަށް ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވާއިރު، އަދި ފަނޑިޔާރުން ވަކި ގޮތަކަށް ކަންކަން ނިންމުމުގައި ޤާނޫނަށް ރިޢާޔަތްކުރުން ލާޒިމުވާއިރު، ޤާނޫނުގައި ބުނެފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ނިންމެވިއިރު ކުރިމިނަލް ކޯޓުގެ ޤާޟީ ރިޢާޔަތްކުރެއްވީ ހަމައެކަނި ހައިކޯޓުން ކުރިން ނިންމުމެއްގައި އަންމަޓީއަށް ފަހިވާ ގޮތަށް ހުރި ވާހަކަތަކަށް އެކަނި ކަމަށެވެ.

މި ނުކުތާއާ ގުޅޭ ގޮތުން ހައިކޯޓުގެ ހުކުމުގައި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ މި ނުކުތާއަކީ ހުކުމްކުރެއްވުމުގައި ޤާޟީ ވަކި ފަރާތަކަށް ބުރަވެވަޑައިގެން ހުކުމްކުރެއްވި ކަމަށް ދޭހަވާ ގޮތަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ އެ ނިންމުން ނިންމެވުމުގައި ޤާޟީ ޚިލާފުވެވަޑައިގެންފައިވާކަމަށްވެސް ޕީޖީން ފާހަގަކުރި ކަމަށް އެ ރައުޔުގައި ބުނެފައިވެއެވެ.

އިތުރަށް ފަނޑިޔާރު ޝުޢައިބު ލިޔުއްވާފައިވަނީ އެފަދައިން ބުނި ނަމަވެސް އެ މާއްދާއާ ޚިލާފުވި ގޮތަކާއި އެކަމުގެ ތަފުސީލެއް އަދި އެކަމުގައި އޮތް ޤާނޫނީ ބަހުސެއް ޕީޖީއަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ނުކުތާއަށް ވަކިން ޖަވާބުދާރީވާންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ލިޔުއްވާފައިވަނީ ޤަޟިއްޔާއެއ ްކޯޓުން ނިންމާ ގޮތަކާމެދު ޚަޞްމުން ނުވަތަ ޚަޞްމަކު ހިތްހަމަނުޖެހުމަކީ ޠަބީޢީ ކަމެއް ކަމަށެވެ. އަދި އެ ޚަޞްމަކީ ދައުލަތް ނުވަތަ އަމިއްލަ ފަރުދެއް ތަމްސީލުކުރާ ފަރާތެއް ކަމަށްވުމަކީ އެކަަށީގެންވާ ކަމެއް ކަމަށާއި، އެފަދަ ހިތްހަމަނުޖެހުމެއްގެ މައްޗަށް އެކަނި ބިނާކޮށް، ފަނޑިޔާރަށް ތުހުމަތު އަމާޒުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެ ނިންމުން ނިމުނު ގޮތާމެދު ހިތްހަމަނުޖެހުމަކީ ނުވަތަ އެ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކުމަކީ އެ ސަބަބުގެ މައްޗަށް އެކަނި ބިނާކޮށް ފަނޑިޔާރުގެ ޒާތަށް ނާއިންސާފާއި ވަކި ފަރާތަކަށް ޖެހުމުގެ ތުހުމަތާއި ޝަކުވާ އަމާޒުކުރަންވީ ރަނގަޅު ސަބަބެއް ކަމުގައި ނުދެކެން،
ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ

އަދި އެފަދައިން ކަންކުރުމަކީ އެކަމުގެ ސަބަބުން ޝަރުޢީ ނިޒާމަށް އޮންނަންޖެހޭ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ޝަރުޢީ ނިޒާމަށް ފޯރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް އެފަދައިން އަމަލުކުރާ ފަރާތަކީ ދައުލަތުގެ އިދާރާއެއް ނުވަތަ މުއައްސަސާއެއް ކަމުގައިވާނަމަ ގެއްލޭ އިތުބާރާއި ލިބޭ ގެއްލުންވެސް ބޮޑުވާނެ ކަމަށް ފަނޑިޔާރު ޝުޢައިބު ވިދާޅުވިއެވެ.

ފަނޑިޔާރަށް ކޯޓުން ބޭރުން ބޮޑެތި ތުހުމަތުކުރުން ޑިމޮކްރަސީއާ ޚިލާފު

ދެން އޮތީ މި މައްސަލާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒު އިއްވެވި ރައުޔައެވެ. އެ ރައުޔާގައިވެސް ޕީޖީ ކަންކުރެއްވި ގޮތަށް ވަރަށް ތަފުސީލުކޮށް އަލިއަޅުވައިލައްވާ ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން ޤާނޫނު އަސާސީން ފަނޑިޔާރަކަށް ދީފައިވާ އިޚުތިޔާރެއް ބޭނުންކުރާ ކުރުމަކީ ވަކި ފަރާތަކަށް ޖެހި ތަޢައްޞުބުވުން ކަމަށް ދެކިގެން ނުވާނެ ކަމަށް ފަނޑިޔާރު ނިޔާޒު ލިޔުއްވާފައިވެއެވެ. އަދި ފަނޑިޔާރުންނަށް ޤާނޫނުން ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން މުސްތަޤިއްލުކަމާއެކު ގޮތް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތުގެ ޠަބީޢީ ސިފައެއް ކަމަށާއި، އެއީ އަދުލު އިންސާފު ޤާއިމުކުރުމުުގެ ބާރުގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ފަނޑިޔާރަކު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހިގެން ފަނޑިޔާރު ނިންމާ ނިންމުމަކީ ތައައްސުފީ ނިންމުމެއް ކަމަށް ދައްކައި، އެގޮތަށް މުޖުތަމަޢަށް ޤަބޫލުކޮށްދީ ފަނޑީޔާރު ފަޟީޙަތްކުރަން އުޅުމަކީ ރަނގަޅު ފާލެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ލިޔުއްވިއެވެ. އަދި ފަނޑިޔާރުން ނިންމާ ނިންމުންތައް ރަނގަޅުވުމާއި ނުވުމުގެ ފުރުޞަތު އޮތް ނަމަވެސް އެ ނިންމުމަކީ ކަނޑައެޅިގެން ބޭއިންސާފުން ނިންމާ ނިންމުމެއް ކަމަށް ދެއްކުމަށް މަސައްކަތްކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ފަނޑިޔާރު ނިޔާޒު ލިޔުއްވިއެވެ.

ފަނޑިޔާރަކު އަމިއްލަ މިނިވަންކަމާއެކު ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ، ތައައްސުފީ ނިންމުންތަކެއް ކަމަށް ދެކޭ މީހާ އިސްތިއުނާފުކުރުމުގެ އުސޫލުގެ ބޭރުން، ފަނޑިޔާރުން ފަޟީޙަތްކުރުމުގެ ބީދައަލުން، ވާހަކަދައްކައި، އެކަން މުޖުތަމަޢުން ޤަބޫލުކުރުވުމަށް މަސައްކަތްކުރުމަކީ ރަނގަޅު ފާލެއް ކަމަށް ޤަބޫލެއް ނުކުރެވޭ
ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން އިސްތިއުނާފުގެ މަރުހަލާގެ ބޭރުން، އެ ފަނޑިޔާރަކަށް ފިޔަވަޅު އަޅައި ސުލޫކުކޮށް ފަޟީޙަތްކުރާ ބީދައިން ކަންކުރުމަކީ ޤާނޫނު ދަންނަ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް އިސްތިއުނާފުކުރަންޖެހޭނީ ހައިކޯޓާއި ސުޕްރީމް ކޯޓުގައި ކަމަށާއި، އެހެން ތަނެއްގައި އެ މައްސަލަތައް އިސްތިއުނާފުނުކުރެވޭނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. ވަރަށް ގިނަ ފަހަރަށް ކޯޓުން ވަކި ގޮތަކަށް ނިންމުމުން އެ ނިންމުން ނިންމަވާ ފަނޑިޔާރާމެދު ސުލޫކީ މައްސަލަތައް ޕީޖީގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައެވެ. ފަނޑިޔާރު ނިޔާޒު އިޝާރާތްކުރެއްވީ އެކަމަށް ކަމުގައި ބެލެވެއެވެ.

އަދި މި މައްސަލާގައި ޕްރޮސެކިއުޝަނުން އާންމުކޮށް ދައްކާފައިވާ ބައެއް ވާހަކަތައް ކޯޓަށް ހުށަހެޅިފައިވާ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އެ ވާހަކަތަކަކީ ޕީޖީން ދެއްކި ވާހަކަތަކެއްނަމަ އެއީ ތަރުހީބު ދެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުޅިވިފައިވާ ދީމުޤުރާތީ މުޖުތަމަޢުތަކުގައި ޤަބޫލުކުރާ އުސޫލަކަށްވާނެ ކަމަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ނިޔާޒު ލިޔުއްވިއެވެ.

އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައިގެ މައުޟޫޢާމެދު ކޯޓުން ގޮތެއް ނުނިންމަނީސް ކޯޓުން ބޭރުގައި ވަކި ގޮތަކަށް ޚަޞްމުން މައްސަލައާމެދު ވާހަކަދެއްކުމަކީ ޤާނޫނު ދައްކާފައިވާ މަގެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޕީޖީ ލިޔުއްވި ލިޔުއްވުމެއްގައި ކަފާލާތުން މީހުން ދޫކުރުމާމެދު ލިޔުއްވާފައިވާ ޢިބާރާތެއްވެސް ނިޔާޒު ވަނީ ރައުޔާގައި ހިމަނުއްވާފައެވެ.

އެ އިބާރާތަކީ ޝަމީމުގެ ޓުވީޓެއްގައި ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. "އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުޞަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވައެވެ. އެޙާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެޔަތީ، އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެވެރިން ޤަބޫލުކުރެއެވެ." ޝަމީމު ލިޔުއްވާފައިވެއެވެ.

އެ އިބާރާތަކީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުން ޤަބޫލުކޮށް ބަލައިގަނެފައިވާ ސަބްޖުޑިސީ ރޫލާ މުޅިން ޚިލާފު އިބާރާތެއް ކަމަށް ވިދާޅުވެ އޭނާ ލިޔުއްވާފައިވަނީ އެ އުސޫލަކީ ރާއްޖެއިންވެސް ބަލައިގަނެ ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގައިވެސް އިސްތިޤުރާރުވެފައިވާ އުސޫލެއް ކަމަށެވެ. އަދި ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކޯޓުން ބޭރުން ގޮތް ކިޔައި ފާޑުކިނުކިއުމުގެ އުސޫލގެ އެއް ބޭނުމަކީ، ކޯޓަށް ނުފޫޒު ފޯރުމާއި ތައައްސުބުން ގޮތެއް ނިންމުމަށް ފުރުސަތު ހުޅުވިދާނެތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ފަނޑިޔާރު ނިޔާޒު ވިދާޅުވެފައިވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޝަރުޢީ މަރުހަލާތަކުގެ ބޭރުން އާންމުކޮށް ޚިޔާލުފާޅުކޮށް ކޮމެންޓުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ނުވަތަ ކޮންޓެމްޕްޓު އޮފް ކޯޓުގެ ކަމަށް ބަލައި ފިޔަވަޅު އެޅިދާނެ ކަމެއްކަން ދަންނަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ކަންކަމާ ހާވަލުވެގެން ހުރި ފަރާތަކުން އެ ބާވަތުގެ ވާހަކަދެއްކުމުން އެ ވާހަކައެއް ރައްޔިތުން ޤަބޫލުކުރާ މިންވަރު އިތުރުވާނެ ކަމަށާއި، އެހެންކަމުން އެގޮތަށް ކޯޓުން ބޭރުން ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވާ ކަމަށް ފަނޑިޔާރު ނިޔާޒު ލިޔުއްވާފައިވެއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ނިންމުން ތަފާތުވި ދެ ރައުޔާގައިވެސް ޕީޖީން އަމަލުކުރަމުންދާ ގޮތާމެދުވަނީ ވަރަށް ބޮޑު ނުރުހުމެއް ފާޅުކުރައްވާފައެވެ. މިގޮތަށް ފަނޑިޔާރުންގެ ނިންމުންތަކަށް ޕީޖީ ފާޑުވިދާޅުވެ ފަނޑިޔާރުން ފަޟީޙަތްކުރާ ބީދައިން ވާހަކަދެއްކުމަކީ ޙުސައިން ޝަމީމުގެ ކުރިން ޕީޖީގެ މަޤާމު ފުރުއްވި އެއްވެސް ބޭފުޅަކު ކުރެއްވި ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ޚަޞްމުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމުގެ އުސޫލު ގެއްލި، ދައުލަތަށް ނަހަމަ ބާރު ލިބޭ ކަމަށް ބައެއް ވަކީލުން މީގެ ކުރިންވެސް ޚިޔާލު ފާޅުކޮށްފައިވެއެވެ. ދަައުލަތުން އެދޭ ގޮތް ނޫން ގޮތަކަށް މައްސަލައެއް ނިމުމުން ފަނޑިޔާރަކީ ފޮތް ނުކިޔާ މީހަކަށް ނުވަތަ ޤާނޫނު ނުދަންނަ މީހަކަށް ނުވަތަ ޤާނޫނު އަސާސީވެސް އަމުދުން ނުދެކޭ މީހަކަށް ހަދައި، އެ ފަނޑިޔާރަކާ ދެކޮޅަށް ޖޭއެސްސީއަށް ސުލޫކީ މައްސަލަ ހުށަހެޅުމަކީ ފަނޑިޔާރުންނަށް ނުފޫޒުން ފޯރުވުން ކަމުގައި ބެލެވިދާނެ ކަމަށްވެސް ވަރަށް ގިނަ ޤާނޫނީ މާހިރުން ވިދާޅުވެއެވެ.

ހައިކޯޓުގެ މި ދިގު އަދި އެހާމެ ތަފުސީލު ފިލާވަޅާއެކު ޕީޖީ ޝަމީމު މިފަދައިން ކުރައްވާ ކަންކަން ހުއްޓަވައިލައްވާނެ ކަމުގައި އުންމީދުކުރެވެއެވެ. ޖިނާއީ ޢަދުލުގެ ނިޒާމަށް އިތުބާރު ޤާއިމުކުރެވޭނީ އެ ނިޒާމުގެ ހުރިހާ ގުނަވަނަކަށް އިތުބާރު އޮވެގެންނެވެ. ޕީޖީގެ އަމަލުތަކުގެ ސަބަބުން ފަނޑިޔާރުންނަށް އޮންނަ އިތުބާރު ގެއްލޭނަމަ، މުޅި ނިޒާމަށް އޮންނަ އިތުބާރު އެކީ ފުނޑޭނެއެވެ. ނިޒާމަށް އިހުތިރާމުކުރުމަކީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމެވެ. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ނިޒާމުން ބޭރުން ފަނޑިޔާރުންގެ ޝަޚުޞު ކަތިލުމަކީ ނިޒާމު ފުނޑައިލުން ކަމުގައި މެނުވީ ނުވާނެއެވެ.

މި ލިއުމާއި ގުޅޭ