އިންޑިއާގެ ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި އެ ހޮސްޕިޓަލާއެކު އާސަންދައިން ސޮއިކޮށްފިއެވެ.
ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު ސޮއިކޮށްފައިވާ މި އެއްބަސްވުމަކީ ރެލާ އިންސްޓިޓޫޓް އެންޑް މެޑިކަލް ސެންޓަރާއެކު ހަދާފައިވާ އެއްބަސްވުމެކެވެ. މި އިންސްޓިޓޫޓަކީ އިންޑިއާގެ ޗެންނާއީގައި ހުންނަ އިންސްޓިޓޫޓެކެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ރެލާ އިންސްޓިޓޫޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އެމްއޯޔޫއަކީ ދިވެހިންނަށް ބޭނުންވާ ގިނަ ޞިއްޙީ ޚިދުމަތްތަކުގެ ލިސްޓުގެ އަސާސެއް ކަމަށްވާނެ ކަމުގައެވެ.
އެ ކުންފުނީގެ ސީއީއޯ އިލަންކުމަރަން ކަލިއަމޫރުތީ ވިދާޅުވީ އާސަންދައަކީ އެ ހޮސްޕިޓަލުގެ ވާހަކައާއި ދަތުރުގެ ބޮޑު ބައެއް ހިއްސާކުރި ބައިވެރިއެއް ކަމަށެވެ. އާސަންދައާއެކު މަސައްކަތްކޮށް ދިވެހިންގެ ޞިއްޙީ ބޭނުންތަކަށް އެންމެ ރަނގަޅު ހައްލުތައް ފޯރުކޯށްދިނުން ކަމަށެވެ.
ކޮންމެ އަހަރަކުވެސް އާސަންދައަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރެއެވެ. މި އަހަރު 718 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އާސަންދައަށް އަންނަ އަހަރު 731 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވެއެވެ.