އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒާއިދާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައެވެ.
ބިން ޒާއިދަކީ 2011 ވަނަ އަހަރު ބައްޝާރުގެ ވެރިކަމާ ދެކޮޅަށް މުޒާހަރާތައް ފެށި އެ މުޒާހަރާތައް ފުޅާވެ ބޮޑު ހަނގުރާމައަކަށް ބަދަލުވެ، އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުންނެއް މަގުމަތިވުމުގެ ފަހުން ސޫރިޔާއަށް ވަޑައިގެންނެވި އިމާރާތުގެ ފުރަތަމަ އޮފިޝަލެވެ.
ސޫރިޔާގެ ހަނގުރާމާގައި އެމިރޭޓްސްއަކީ ބައްޝާރާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީވި ސަރަހައްދީ ބާރުތަކުގެ ތެރެއިން އެއް ބާރެވެ. ނަމަވެސް ސޫރިޔާގެ ބޮޑު ބައެއް އަނބުރާ ބައްޝާރުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމާއެކު އުރުދުނާއި މިޞްރާއި، ލުބުނާނު ފަދަ ޤައުމުތަކުންވަނީ އަލުން ބައްޝާރުގެ ސަރުކާރާ ގުޅުން ބަދަހިކުރަން ފަށާފައެވެ.
ސޫރިޔާގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކޮށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ބައްޝާރުގެ ޤިޔާދަތުގައި ސޫރިޔާއާއި އެ ޤައުމުގެ ރައްޔިތުން ހަނގުރާމައިގެ ގެއްލުންތަކުން އަރައިގަންނަމުން އަންނަ ކަމަށް ޝައިޚު ޢަބްދުﷲ ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ބައްޝާރުވަނީ އެކުވެރި ޢަރަބި އިމާރާތުން ސޫރިޔާއާމެދު ގެންގުޅޭ ރަނގަޅު ވިސްނުމާއި ބަހައްޓާ ގާތްކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
އިމާރާތުގައި ބާއްވާ ދުބާއީ އެކްސްޕޯ 2020 ގައި ސޫރިޔާގެ އިޤުތިޞާދީ ވުޒާރާގެ ވަފުދަކާއެކު އިމާރާތުގެ އިޤުތިޞާދީ ވުޒާރާއިން ބޭއްވި ބައްދަލުވުމަކަށްފަހު ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިޤުތިޞާދީ ގުޅުން ބަދަހިކުރަން އެއްބަސްވެވުނުކަން އިމާރާތުން އިއުލާނުކޮށްފައިވެއެވެ.