ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފާ އަލްޚަދީމީ އެ ޤައުމުގެ ވެރިރަށް ބަޣުދާދުގައި ދިރިއުޅުއްވާ ގެކޮޅަށް ބޮން ހަރުކޮށްފައިވާ ޑްރޯނެއް ބޭނުންކޮށްގެން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފި ކަމަށް ޢިރާޤުގެ ޢަސްކަރިއްޔާއިން ބުނެފިއެވެ.
އާދީއްތަދުވަހު ދިން މި ހަމަލާއިން ޚަދީމީ ސަލާމަތްވެވަޑައިގެންނެވީ އެއްވެސް ގެއްލުމެއް ލިބިވަޑައިނުގެންނެވެ. އެހެންނަމަވެސް ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި ޚަދީމީގެ ހަށިފާރަވެރިންގެ ތެރެއިން މަދުވެގެން 6 މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
ޓުވިޓާގައި ލިޔުއްވި މެސެޖެއްގައި ޚަދީމީ އެދިވަޑައިގަތީ ހަމަޖެހިގެން އެންމެންވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރުމަށެވެ.
އޭގެ ފަހުން ޢިރާޤު ޓީވީ މެދުވެރިކުރައްވައި ޤައުމާ މުޚާޠަބުކުރައްވައި އެންމެންވެސް މަޑުމައިތިރިކަމާއެކު ކަންކަން ކުރުމަށް ގޮވައިލެއްވިއެވެ. އަދި ފިނޑިކަމުގެ ރޮކެޓުތަކުން އުފަން ފަސްގަނޑު ބިނާ ނުކުރެވޭނެ ކަމަށާއި، އެއީ މުސްތަޤުބަލު ބިނާކުރާ އާލަތެއް ނޫން ކަމަށްވެސް ޚަދީމީގެ ޚިޠާބުގައި ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އޮތް އާންމު އިންތިޚާބުތަކުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން ޢިރާޤުގެ އެކި ސަރަހައްދުގައި ގިނަ ބަޔަކު އަންނަނީ އިހުތިިޖާޖުކުރަމުންނެވެ.
މި މުޒާހަރާތައް އިންތިޒާމުކޮށް ކުރީ ސަފުގައި ހަރަކާތްތެރިވަނީ އީރާނުން މަދަދުވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކެވެ. ނިމުނު އިންތިޚާބުގައި އެ ޖަމާޢަތްތަކަށް ބަރުލަމާނުން ގިނަ ގޮނޑިތަކެއް ގެއްލި ވަރަށް ބޮޑަށް ސިޔާސީ ގޮތުން ބަލިކަށިވެފައިވެއެވެ. އެ ޖަމާޢަތްތަކުން ބުނަމުންދަނީ ވޯޓުލުމާއި ވޯޓު ގުނުމުގައިވެސް އާންމު އުސޫލާ ޚިލާފު ކަންކަން ހިނގާފައިވާ ކަމަށެވެ.
ޚަދީމީއަށް އަމާޒުކޮށް ވަރަށް ބޮޑަށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ބަޣުދާދުގެ ގްރީން ޒޯނުގައި ހުންނަ ގެކޮޅަށް ދިން ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ގުރޫޕަކުން އުފުލާފައިނުވެއެވެ.