Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިދިކޮޅު އިއްތިހާދު

ފަނޑިޔާރުންގެ އޯޑިއޯއާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާން ބަލައިނުގަންނަން: އިދިކޮޅު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބައެއް ފަނޑިޔާރުން ކަމުގައި ބެލެވޭ 3 ބޭފުޅެއްގެ އޯޑިއޯތަކާ ގުުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާން ބަލައިނުގަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރޭ ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޯޑިއޯތަކުގައި އެކުލެވޭ އަޑުތަކުގެ ތަހުލީލު ފުލުހުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެއިން އެންމެ އޯޑިއޯއެއް ނޫނީ ދެން ހުރި އޯޑިއޯތަކުގައި ހުރީ ޞައްޙަ އަޑުތައް ނޫން ކަމަށާއި ހަމައެކަނި ޞައްޙަ އަޑަކީ ޤާޟީ ޙުސައިން ފާއިޒު ރަޝާދުގެ އަޑު ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ބަޔާނާ ގުޅިގެން މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ފުލުހުންނާއި ޕީޖީއާ ބައްދަލުކޮށް ރާއްޖޭގައި ހިންގާ ތަހުގީގު ޤަބޫލުނުކުރާ ކަމަށާއި ބައިނަލްއަޤުވާމީ ފަރާތްތައް މެދުވެރިކޮށް ތަހުގީގު ހިންގައިދޭން އެދިފައިވާނެ ކަމަށެވެ.

އަދި ފުލުހުންގެ ކިބައިން ލިބުނު މައުލޫމާތަށް ބަލާއިރު މި އޯޑިއޯތަކުގެ އަޑުތަކުގެ ފޮރެންސިކް ތަހުލީލު ރާއްޖެއިން ހެދީ ކުރިން ފުލުހުގައި މަސައްކަތްކުރި މީހަކާ ކޮންޓްރެކްޓު ހަދައިގެން ދޮޅު މަސްދުވަސް ދުވަހުގެ މުހުލަތެއް ދީގެންކަން ފުލުހުންގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި އެހާ ދިގު މުއްދަތެއް ތަހުގީގަށް ހޭދަވުމަކީ މައްސަލައެއް ކަމަށާއި ރައީސް ޔާމީނުގެ ޝަރީޢަތަށް އަސަރުކުރާ ފަދަ ކަމެއް ދިގުލައިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ފާހަގަކުރެއްވީ އިދިކޮޅުން އެދިގެން ބޭރަށް އެ އަޑު ތަހުލީލުކުރުމަށް ފޮނުވަން އެކި މުއްދަތު ދިން ނަމަވެސް އެންމެ ފަހުން އެ ސާމްޕަލްތައް ބޭރަށް ފޮނުވީ ރޭގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުގެ ތެދު ދޮގު އަދި ކަށަވަރުނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށް އަދުރޭ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނުވެސް ހިންގަނީސް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މި އޯޑިއޯތަކުގައި ހިމެނޭ އަޑުތަކުގެ ތެރެއިން ފާއިޒުގެ އަޑަކީ ޞައްޙަ އަޑެއް ކަމުގައި ބެލެވޭ ކަމަށާއި، ދެން ހުރީ ޙަޤީޤަތުގައި ޤާޟީންގެ އަޑުތައް ނޫން ކަމަށް ވިދާޅުވި ކަމަށެވެ. އެފަދައިން ވިދާޅުވުމުން މި ތަހުގީގާމެދު ސުވާލުއުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ފާއިޒުގެ އޯޑިއޯގައިވެސް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވިކަމުގެ ހެކިތައް ހިމެނޭކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ އެ އަޑަކީ ޞައްޙަ އަޑެއް ކަމަށް ޖޭއެސްސީން ބުނުމާއެކު ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭގެ އިތުރަށް އަދުރޭވަނީ މިކަމުގައި ސުޕްރީމް ކޯޓުން އިސްނަގަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މިފަދައިން މި އޯޑިއޯތަކުގެ ތަހުގީގު ހިންގުމުން ރައީސް ޔާމީނުގެ އެތައް ޙައްޤެއް ގެއްލޭކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ އެ ގެއްލިގެންދަނީ ހަމަ ދިވެހި ރައްޔިތެއްގެ ޙައްޤުތައް ކަމަށެވެ.

މި ލިއުމާއި ގުޅޭ