ރާއްޖޭގެ ޤައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ނިމުނު ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 737.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއަށް މި އަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު އާމްދަނީވަނީ އަހަރުގެ ދެވަނަ ކުއާޓާއަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނީ 785 މިލިއަން ރުފިޔާއެވެ. ތިންވަނަ ކުއާޓާގައި ބޭންކަށް 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ ދެވަނަ ކުއާޓާއަށްވުރެ 533 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.
ބީއެމްއެލްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންޓަރެސްޓުންނެވެ. އިންޓަރެޓުގެ ގޮތުގައި 531 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބުނެވެ. ފީތަކާއި ކޮމިޝަން އިންކަމްގެ ގޮތުގައި 269 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބުނެވެ. އިތުރު އެހެން އިދާރީ އާމްދަނީގެ ގޮތުގައި 517 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ.
އިދާރީ ހިންގުމުގެ ޚަރަދުތަކަށް އަހަރުގެ ތިންވަނަ ކުއާޓާގައި ބޭންކުން ހޭދަކުރީ 131 މިލިއަން ރުފިޔާއެވެ. އަދި ޓެކުސް ދެއްކުން ނޫން ޚަރަދުތައް ކެނޑުމަށްފަހު އެ ކުންފުންނަށް 1 ބިލއިަން ރުފިޔާގެ ފައިދާ ލިބުނެވެ.
އަހަރުގެ ދެވަނަ ކުއާޓާގައި ޓެކުހުގެ ގޮތުގައި ބީއެމްއެލްއިން ދައްކާފައިވަނީ 272 މިލިއަން ރުފިޔާއެވެ. ޓެކުސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓާގައި 737 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ދެވަނަ ކުއާޓާއަށްވުރެ 438.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.