Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ދީބާޖާ މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން

ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެން ކުރިޔަށް ގެންދާނީ ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވުމެވެ. މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ ފަރާތުން ރައްދު ދިނުމެވެ.

އެގޮތުން މިއަދު އޮތް މައްސަލައިގެ ޝަރީއަތުގައި އެއްބަސްވުމަށް ދިއުމާ ހަމައިން ފެށިގެން އެއްބަސްވުން ބާތިލުކުރަން ޖެހުމާ ހަމައަށް ކަން ހިނގާ ދިޔަ ގޮތް ދައުލަތުގެ ފަރާތުން ކިޔައިދީފައިވާއިރު، އެއްބަސްވުން ބާތިލުކޮށްފައިވަނީ ފެރީގެ ހިދުމަތް މެދުކެނޑުމަށްފަހު ހިދުމަތް ނުލިބޭ ކަމަށް ތަކުރާރުކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ލިބުމުން އެތައް ލުޔެއް އެކުންފުންޏަށް ދިނުމަށްފަހުގައި ކަމަށް ދައުލަތުން މިއަދު ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެއްބަސްވުން ބާތިލުކުރީ ހިދުމަތް ފެށުމަށް އެތައް ފުރުސަތެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށާއި ފެރީގެ ހިދުމަތް ނުދީ އެއްބައި ރަށްރަށުގައި 45 ދުވަހަށް ވުރެ ގިނަ ދުވަސް އަދި ބައެއް ރަށްރަށުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ދީބާޖާއިން ހޭދުކުރި ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ. ދައުލަތުން އިތުރަށް ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމުމުގައި ގާނޫނީ ގޯހެއް ހަދައިފައި ނުވާ ކަމަށާއި އެއްބަސްވުން އުވާލުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވެފައި ނުވާކަން ހައިކޯޓުގައި ވެސް ސާބިތު ކޮށްދިނިން ކަމަށެވެ.

އަދި ހަމައެހެންމެ، ދީބާޖާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިސާބު ޖަހައިފައިވަނީ އެއްވެސް ފަންނީ މާހިރެއް އަދި ގަބޫލުކުރެވޭ އިދާރާއަކާ ވެސް ހަވާލާދިނުމެއް ނެތި އެކުންފުނިން އަމިއްލައަށްކަން ފާހަގަ ކުރައްވާ ދައުލަތުގެ ފަރާތުން މިއަދު ބުނެފައިވަނީ ދީބާޖާއިން ފެރީގެ ހިދުމަތް ދިނުމަށް ވަރަށް ބޮޑު ހަރަދެއް ކުރި ކަމަށް ބުނި ނަމަވެސް އެ ހަރަދުތަކުގެ ތަފްސީލް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ކޯޓުތަކުގެ އެއްވެސް މަރުހަލާއަކަށް ހުށަހަޅާފައި ނުވާ ކަމަށާއި ދީބާޖާ އިން އަމިއްލަ އަށް ޖަހައިފައި ހުރި ހިސާބުތަކެއްގެ މައްޗަށް ރިއާޔަތްކޮށް ބަދަލު ނަގައި ނުދެވޭނެ ކަމަށެވެ.

މި ނުކުތަތާތަކަށް ރައްދުދެއްވާ ވާހަކަދައްކަވަމުން މިއަދު ދީބާޖާގެ ވަކީލު ކޯޓުގައި ފާހަގަ ކުރެއްވި ގޮތުގައި އެއްބަސްވުން ބާތިލުކުރޭވޭނެ ހާލަތެއް ކަމަށް ހެދުނު އެއްބަސްވުމުގައި ވަނީ ހިދުމަތްދޭ ބޮޑު ބަޔަކަށް ނުވަތަ ހިދުމަތް މެދުކެނޑުމުން ކަމަށެވެ. ހަމައެކަނި ތުޅާދޫގެ ހިދުމަތް ނުވަތަ ބ އަތޮޅުގެ ފެރީގެ ހިދުމަތް މެދުކެނޑިގެން އެއްބަސްވުން އުވައިނުލެވޭނެ ކަމަށެވެ. އަދި ފެރީ އަކީ ކަނޑުގައި ދުއްވާ އެއްޗެއް ކަމަށާއި ކަނޑުގަދަ ދުވަސްވަރު ދަތުރު ނުކުރެވޭނެ ކަމަށްވެސް ދީބާޖާގެ ފަރާތުން ކޯޓުގައި ވަނީ ބުނެފައެވެ.

ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހަދައިފައިވާ އޮޑިޓްތަކަށް ބިނާކޮށް ކަމަށާއި އެކަން ދައުލަތުން ގަސްދުގައި އޮޅުވައިލާން މަސައްކަތްކުރާ ކަމަށް ވެސް ދީބާޖާއިން މިއަދުގެ ޝަރީއަތުގައި ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތަށް ދައުލަތުގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުން ކުރަން ބޭނުންވާ ސުވާލުތައް ދެފަރާތާއި ކުރުމަށްފަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން މިއަދު ވަނީ ވިދާޅުވެފައެވެ.

ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ބާތިލް ކުރީއެވެ.

އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމާފައެވެ. އޭގެ ފަހުން އެ މައްސަލަ ހިފައިގެން ދީބާޖާއިން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ދިއުމުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ދީބާޖާ އަށް ބަދަލު ދިނުމަށް ހުކުމްކޮށްފައެވެ. ނަމަވެސް އަލުން ދިރާސާ ކުރުމަށް ފަހުގައި ސުޕްރީމް ކޯޓުން އަލުން އެ ކޯޓުގެ ނިންމުން ވަނީ ބާތިލް ކޮށްފައެވެ. އެކަމަކު ދީބާޖާގެ މައްސަލާގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފުރުސަތު ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ