އުތުރުތިލަފަޅު އެއްބަސްވުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ހެދި އެއްބަސްވުމެއް ކަމަށް އިންޑިޔާއިން ބުނާ ބުނުމަށް ރާއްޖެއިން އެ ޤައުމަށް ކަނޑައަޅުއްވާފައި ކުރިން ހުންނެވި ސަފީރު އަޙްމަދު މުޙައްމަދު (އަންޑޭ) ރައްދުދެއްވައިފިއެވެ.
އިންޑިއާއިން ބޭނުންވާ ގޮތަށް ޚަބަރުގެނެސްދޭ ނޫހަކަށް އިންޑިޔާ ހައިކޮމިޝަނުގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުން އިންޑިއާއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާ ދެމެދުގައި ހަދަމުންދާ އަސްކަރީ އެއްބަސްވުންތަކަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ހަދާފައިވާ ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމެއްގެ ދަށުން ހަދާފައިވާ އެއްބަސްވުންތަކެވެ.
މިކަމާ ގުޅިގެން ކުރީގެ ސަފީރު އަޙްމަދު މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިފެންސް ކޯޕަރޭޝަނަކީ ޒަމާނުއްސުރެ އިންޑިއާއާއި ރާއްޖޭގެ ދެމެދުގައި އޮންނަ ކަމެއް ކަމަށެވެ. ޑިފެންސް ކޯޕަރޭޝަނަކީ ދިފާޢީ ކަންކަމުގައި އެއްބާރުލުން ދިނުމެވެ.
އެގޮތުން އަސްކަރީ ކަންކަމުގައި ދެ ޤައުމުން އެއްބާރުލުން ދިނުމާއި އެހީތެރިވުމާއި އެކީގައި ތަމްރީނުތައް ހިންގުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަންކަން ކަމަށް ކުރީގެ ސަފީރު ވިދާޅުވިއެވެ. ނަމަވެސް ޝައްކުކުރެވިގެން އުޅޭ ގޮތަށް ވިހިތިރީސް އަހަރަށް އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވުމަށް މީގެ ކުރިން ފުރުޞަތު ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންޑެ އިތުރަށް ފާހަގަކުރެއްވީ މި ކަމުގައި އެންމެ ބޮޑަށް ފާހަގަކުރެއްވޭ ކަމަކީ އުތުރުތިލަފަޅު އެއްބަސްވުމުގެ ވާހަކަ ތިލަވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިގެން އުޅޭތަން ފެނުން ކަމަށެވެ. އަދި އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން ސަރުކާރާއި އިންޑިއާއިން ޖެހިލުންވަނީ ކޮން ސަބަބަކާހުރެތޯ އަންޑެ ސުވާލު އުފެއްދެވިއެވެ.
އިންޑިއާއިން ބޭނުންވާ ގޮތަށް ޚަބަރުތައް ލިޔެދޭ ނޫސްތަކުގައި އުތުރުތިލަފަޅަކީ ކުރީ ސަރުކާރުގެ އެއްބަސްވުމެއްގެ ގޮތުގައި ޚަބަރުތައް ލިޔަން ފަށާފައިވަނީ 7 ދުވަހުގެ ތެރޭގައި އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.
މީގެ ކުރިން ޑޯނިއާ ފުލައިޓު އެއްބަސްވުމަކީ ކުރީ ސަރުކާރުގައި ސޮއިކުރި އެއްބަސްވުމެއް ކަމުގައި ބުނެ ދޮގު ޚަބަރު ފެތުރީވެސް އެ ނޫސްތަކުންނެވެ. ފަހުން އެ އެއްބަސްވުން "ދިޔަރެސް"އަށް ލިބި މި ނޫހުން އެއްބަސްވުން ހާމަކުރިއިރު، އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީކަންވަނީ ހާމަވެފައެވެ.