Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފޮތް

ޕިންކާގެ އެންލައިޓްމެންޓު ނައު: އުންމީދު އައުކޮށްދޭ ފޮތެއް!

ޕްރޮފެސާ ސްޓީވެން ޕިންކާއަކީ ލިންގުއިސްޓިކްސް އިލްމުގެ ދާރިސެކެވެ. ހަވަޑް ޔުނިވާސިޓީގައި ސައިކޮލޮޖީ ކިޔަވައިދެއްވާ މުޙާޟިރެކެވެ. ގިނަ އަދަދެއްގެ ފޮތް ލިޔުއްވާފައިވާ އާންމުކޮށް ސައެންސާއި އެނޫންވެސް ދާއިރާތަކުގައި ޚިޔާލުފާޅުކުރައްވާ މުފައްކިރެކެވެ. "އެންލައިޓެންމެންޓު ނައު"އަކީ 2018 ވަނަ އަހަރު ޝާއިއުކުރެވުނު އޭނާގެ ފޮތެކެވެ.

މި ފޮތް ޚާއްޞަވާ ސަބަބުތަކުގެ ތެރޭގައި ފޮތުގެ މަޤުޞަދު ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ލޭއޮހުރުމާއި، ފަޤީރުކަމާއި ނުތަނަވަސްކަމުގެ ޚަބަރުތަކުން ގިނަ ބަޔަކަށް އުދާސްތަކެއް އިހުސާސުވަމުންދާ ދުވަސްވަރެއްގައި ސައެންސާއި ހަމަވިސްނުމާއި، އިންސާނީ އީޖާދީ ފިކުރިއްޔާތުގެ ސަބަބުން ލިބިފައިވާ ކުރިއެރުމާއި އަދި ކުރިއަށް އޮތް ތަނުގައި ހޯދޭނެ ކުރިއެރުމާމެދު އުންމީދުގެ ހުޅުކޮޅެއް ހުޅުދާންކުރުމަކީ މި ފޮތުގެ މައިގަނޑު މަޤުޞަދެވެ.

"އެންލައިޓެންމެންޓު ނައު"ގެ މަދުގައި ނުވަތަ ނާރެހުުގައިވަނީ އިންސާނީ ކުރިއެރުމާއި އިންސާނިއްޔަތު ޙާސިލުކޮށްފައިވާ ކަންކަމުގެ ގުރާފެކެވެ. ކޮންމެ ގުރާފަކުން ކުރަހައިދެނީ ޒަމާންތަކާއެކު، އިންސާނީ އުފެއްދުންތެރިކަމާއި އީޖާދީ ފިކުރިއްޔާތުގެ ސަބަބުން ކޮންމެވެސް ދާއިރާއަކުން ހާސިލުވެފައިވާ ބޮޑު އިންޤިލާބީ ކުރިއެރުމެވެ.

މިއިން ކޮންމެ ގުރާފަކާއެކު ޕިންކާވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދުވަސްވަރު އެއްކުރެވިފައިވާ ހިސާބުތަކާއި ހެދިފައިވާ އެކި ދިރާސާތައް އާންމު މީހަކަށްވެސް ދޭހަކުރަން ފަސޭހަވާނެ ގޮތަށް ޚުލާޞާކޮށް ހުށަހަޅުއްވައިދެއްވާފައެވެ. އެއިން ކޮންމެ ދާއިރާއަކުން ފެންނަނީ އިންސާނިއްޔަތުގެ ޙާލަތު ރަނގަޅުވެފައިވާ މިންވަރެވެ. ރަނގަޅުވި ދުވެއްޔެވެ.

މި ފޮތުގައި ޕިންކާގެ މައިގަނޑު ޒުވާބަކީ އިންސާނިއްޔަތުގެ ޙާލަތު މިއަދު މިފެންނަ މިންވަރަށް ރަނގަޅުވާން ފެށީ 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި ހުޅަނގުގައި އުފަންވެ ފެތުރިގެންދިޔަ "އެންލައިޓުމެންޓު" ހަރަކާތާއެކު ކަމަށެވެ. އެއީ ޑިމޮކްރަސީއާއި ސައެންސާއި އީޖާދީ ވިސްނުންތަކަށް ޖާގަ ތަނަވަސްކުރުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އިންސާނިއްޔަތުގެ ޙާލަތު މިހާ ރަނގަޅުވެފައިވީ ނަމަވެސް ވަރަށް ގިނަ ބަޔަކަށް ނުތަނަވަސްކަމުގެ އިހުސާސުކުރެވޭ ސަބަބާ ގުޅޭ ގޮތުން، ޕިންކާގެ ނަޒަރިއްޔާއަކީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ވަސީލަތްތަކަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ގިނަ ބަޔަކަށް މައުލޫމާތު ލިބޭއިރު އާންމުކޮށް ލިބޭ ގިނަ މައުލޫމާތަކީ ސަލްބީ (ނެގެޓިވް) މައުލޫމާތު ކަމުގައިވުމެވެ.

މި ލިއުމާއި ގުޅޭ