އަނަންޓްރާ ރިސޯޓުގައި ހުރި ފަތުރުވެރިޔަކު މޫދަށް އެރިގެން އުޅެނިކޮށް ގެނބިގެން އިއްޔެ މަރުވެއްޖެއެވެ.
އޭނާ ނިޔާވުމާ ގުޅިގެން އެ ތަނަށް އެޓެންޑުވެފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓުގާޑުން ހަރަކާތްތެރިވި ކަމަށްވެސް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އަނަންޓްރާ ރިސޯޓުގެ ބީޗު ސަރަހައްދުގައި ފަތުރުވެރިިޔަކު މަރުވެފައި އޮއްވައި ފެނިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އިއްޔެ މެންދުރު 13.00 ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ މީހަކީ ކޮރެއާއަށް ނިސްބަތްވާ މީހެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.