Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

އިއްޒަތާއި އިމްތިޔާޒު ހޯދަން މިސާލަކަށް ނަގަންވީ ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން

މިދުވަސްކޮޅަކީ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްޒަތާއި ކަރާމާތުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވޭ ދުވަސްކޮޅެކެވެ. ވީއައިޕީ ކޮށް ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލާ، ފަސޭހައިން ޓިކެޓު ގަނެވޭނެ އިންތިޒާމު ހަމަނުޖެހިގެން ބައެއް މެމްބަރުން އުޅުއްވާއިރު އަނެއްބައި މެމްބަރުން އުޅުއްވަނީ އެއާޕޯޓުގެ ވީއައިޕީ ލޯންޖު، އެ ބޭފުޅުންގެ ގާތް ރަހުމަތްތެރިންނަށްވެސް ބޭނުން ނުކުރެއްވޭތީ އެކަމާއި ކަންބޮޑުވެގެންނެވެ.

އާންމު މީހަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ކިރިޔާ 10،000 ރުފިޔާވެސް ގެއަށް ގެންދަން ނުލިބޭ މި ޤައުމުގައި މަޖިލީސް މެމްބަރުންނަށް މަހެއްގެ މައްޗަށް މަދުވެގެން 82،000 ރުފިޔާ ގެޔަށް ގެންދަން ލިބެއެވެ. އެއާއި އެކުވެސް އިތުރު އިއްޒަތާއި އިނާޔަތް ނުލިބިގެން މެމްބަރުން ޝަކުވާ ކުރައްވައެވެ. ރާއްޖެއަށް ވުރެ މާ ފުދުންތެރި، މާ މުއްސަނދި ޤައުމުތަކުގައިވެސް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އުޅުއްވަނީ މާ އާދައިގެކޮށެވެ. މީގެ އެއް މިސާލަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމު ކަމުގައިވާ ސްވިޑެންއެވެ.

ސްވިޑެން އަކީ ދުނިޔޭގެ 16 އަށް އެންމެ މުއްސަނދި ޤައުމެވެ. އެހެން ނަމަވެސް ސްވިޑެންގެ ބަރުލަމާނުގެ މެމްބަރުންނަކަށް ރާއްޖޭގައި މި ލިބޭފަދަ އިނާޔަތްތަކާއި އިއްޒަތްތަކެއް ނުލިބެއެވެ. ސްވިޑެންގައި އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަމުން ބައެއް މަޖިލީސް މެމްބަރުންނަކީ ސަރުކާރުގެ ބާރުގަދަ މިނިސްޓަރުންނެވެ. އެހެނަން އެ މިނިސްޓަރުންވެސް ދިރިއުޅުއްވަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ނިސްބަތުން މުސާރަ ކުޑަ

ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން ކޮންމެ މެމްބަރަކަށް މަހެއްގެ މައްޗަށް ލިބޭނީ 69،900 ސްވިޑިޝް ކްރޯނާއެވެ. ޑޮލަރުން ބަލާނަމަ އެއީ 8005 އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް މިއަދަދުގެ 24.7 އިންސައްތަ އިންކަމް ޓެކްސްގެ ގޮތުގައި ހުރިހާ މެމްބަރުންވެސް ދައުލަތަށް ދައްކަން ޖެހޭނެއެވެ. އެހެން ކަމުން ގެއަށް ގެންދަން ލިބޭނީ ގާތްގަނޑަކަށް 6084 ޑޮލަރެވެ.

ދިވެހި ރުފިޔާއިން ބަލާނަމަ ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ގެއަށް ގެންދަން ލިބޭނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 93،000 ރުފިޔާއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ މަޖިލީސް މެމްބަރަކަށް މަހެއްގެ މައްޗަށް 82،500 ރުފިޔާ ލިބެއެވެ. ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ އަކީ 7400 ޑޮލަރެވެ. ސްވިޑެންގައި ބޮލަކަށް ޖެހޭ އާމްދަނީ އަކީ 51،900 ޑޮލަރެވެ. ރާއްޖެއަށްވުރެ 7 ގުނަ އިތުރެވެ. އެހެން ނަމަވެސް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މުސާރަ ރާއްޖޭގެ މަޖިލީސް މެމްބަރަކަށްވުރެ އިތުރުވަނީ އެންމެ 11 އިންސައްތައެވެ.

މީގެ އިތުރުން ރާއްޖޭގެ އާންމު މީހެއްގެ މުސާރައާއި މަޖިލީސް މެމްބަރެއްގެ މުސާރަ އާއި ހުރި ފަރަގުވެސް ފާހަގަކޮށްލަން ޖެހެއެވެ. އާންމުގޮތެއްގައި ރާއްޖޭގައި ގިނައީ މަހެއްގެ މައްޗަށް 10،000 ރުފިޔާ ގެއަށް ގެންދަން ނުލިބޭ މީހުންނެވެ. މަޖިލީސް މެމްބަރުންނަށް 82،500 ރުފިޔާ ލިބޭއިރު އެއީ އާންމު މީހަކަށް ވުރެ 8 ގުނަ ބޮޑު އަދަދެކެވެ. ސްވިޑެންގައި އާންމު މީހެއްގެ މުސާރައަކީ މަހެއްގެ މައްޗަށް 4700 ޑޮލަރެވެ. އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް އޭގެ ދެގުނަވެސް މުސާރައިގެ ގޮތުގައި ނުލިބެއެވެ.

ބައެއް މެމްބަރުންނަށް އުޅޭނެ ތަނެއް ލިބޭ

ދިވެހިރާއްޖޭގެ މަޖިލީސް މެމްބަރުންނަށް ލިވިން އެލޮވެންސްގެ ގޮތުގައި މަހެއްގެ މައްޗަށް 20،000 ރުފިޔާ ލިބެއެވެ. އެ މެމްބަރަކީ މާލޭގައި ދެތިން ގޯތީގައި ބޮޑެތި އިމާރާތްތައް އަޅާ އެހެން ފަރާތްތަކަށް އެޕާޓްމެންޓު ކުއްޔަށް ދީގެން އުޅޭ މީހަކަށް ވިޔަސް މި އެލޮވެންސް ލިބުމުގައި އިސްތިސްނާއެއް ނުވެއެވެ. އެހެން ނަމަވެސް ސްވިޑެންގައި މިކަންވެސް ތަފާތެވެ.

ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަނީ ވެރިރަށް ސްޓޮކްހޮމްގައެވެ. ޤާނޫނު ހަދާ މަޖިލީހުގެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ އެޕާޓްމެންޓުތަކެއް ހުންނަ އިރު އެތަންތަން ބޭނުން ކުރުމުގެ ފުރުސަތު ލިބެނީ އެ މެމްބަރަކު ދާއިމީކޮށް ދިރިއުޅޭ ތަނަކީ ސްޓޮކްހޮމްއާއި 50 ކިލޯމީޓަރު ދުރުގައި ވާތަނެއް ކަމުގައި ވާނަމައެވެ. އެ އެޕާޓްމެންޓުތަކަކީ ވަރަށް އާދައިގެ އެއް ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. އަދި އެ ތަންތަން ބޭނުން ކުރާ މެމްބަރުން އެތަނުގެ ހުރިހާ ކަމެއް ކުރަން ޖެހޭނީވެސް އަމިއްލައަށެވެ. މިގޮތުން ތަން ސާފުކޮށް ބެލެހެއްޓުމާއި ތަށިތައް ދޮވެ ކެއްކުން ފަދަ ކަންކަމެވެ. އެ އެޕާޓްމެންޓުތަކުގައި ވަކިން އަންނައުނު ދޮންނަ ގޮތްވެސް ނުހުންނަ އިރު، އެކަން ކުރަން ދާންޖެހެނީ ޕަބްލިކް ލޯންޑްރީތަކަށެވެ.

އަދި އެ ތަންތަނުގައި އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ދިގު މުއްދަތަށް ނުތިބެވެއެވެ. ބައެއް ހާލަތްތަކުގައި 2-3 ދުވަހަށް ތިބުމުގެ ފުރުސަތު އޮވެއެވެ. އެހެން ނަމަވެސް އެ ދުވަސްތަކަށް އެ މެމްބަރަކު އަމިއްލައަށް ފައިސާ ދައްކަން ޖެހެއެވެ. މީގެ އިތުރުން އަމިއްލަ އެޕާޓްމެންޓުތަކުގައ ތިބެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮވެއެވެ. އަދި އެކަމަށް އެލޮވެންސެއްގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެންވެސް ދެނީ 984 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 15،000 ރުފިޔާއެވެ. ރާއްޖޭގެ މެމްބަރުންނަށް އެކޮމޮޑޭޝަން އެލޮވެންސްގެ ގޮތުގައި މިއަށްވުރެ ގިނައިން ލިބެއެވެ. އަދި ފާހަގަކޮށްލެވޭ ގޮތުގައި ސްޓޮކްހޮމްގައި 1 ކޮޓަރީގެ އެޕާޓްމެންޓެއްގެ މަހު ކުއްޔަކީ އެވަރެޖް ގޮތެއްގައި 1603 ޑޮލަރެވެ. އެހެން ކަމުން އެލޮވެންސްގެ ގޮތުގައި މުޅިން އެއްކޮށް 984 ޑޮލަރު ލިބޭ މެމްބަރުންނަށްވެސް އެ ފައިސާ އިން ކުލި އެއްކޮށް ނުދެއްކޭނެއެވެ.

ދަތުރުކުރަން ޖެހެނީ އާންމު ދަތުރުފަތުރުގެ ނިޒާމުން

ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ރަސްމީ އެކި ބޭނުންތަކަށް އެ ޤައުމުގެ އެތަން މިތަނަށް ދަތުރުފަތުރު ކުރަންޖެހެއެވެ. އެހެން ނަމަވެސް އެ ދަތުރުތައް ކުރުމަށް ވަކި ހާއްސަ ގޮތްތަކެއް އެ މެމްބަރުންނަކަށް ހަމަޖައްސާފައި ނޯވެއެވެ.

ދަތުރުކުރާއިރު ހުރިހާ މެމްބަރުންވެސް ދަތުރުކުރަން ޖެހެނީ އެވަގުތަކު ދަތުރުކުރެވެން އޮތް އެންމެ އަގުހެޔޮ ގޮތަކަށެވެ. އެ ނޫން ގޮތަކަށް އެއްވެސް ހާލަތެއްގައި ދަތުރުކޮށްފިނަމަ، އެކަން އެގޮތަށް ކުރަން ޖެހުނު ސަބަބުން ލިޔުމުން ބަޔާންކޮށްދޭންޖެހެއެވެ. ސްވިޑެންގެ އެކި ހިސާބުތައް ރޭލުން ގުޅާލެވިފައި އޮންނާތީ ގިނަ މެމްބަރުން ދަތުރުކުރަނީ ރޭލުންނެވެ. އަދި ރޭލުން ދަތުރުކުރަން ކޮންމެ މެމްބަރަކަށް ކާޑެއް ލިބެއެވެ. އިތުރު އަގަކާއި ނުލާ އެ ކާޑު ބޭނުންކޮށްގެން ރަސްމީ ދަތުރުތައް ކުރެވެއެވެ. އެ ރޭލުތަކުގައި ތިބޭ އިރު މެމްބަރުން ތިބެން ޖެހޭނީ އެވަގުތަކު ރޭލުން ދަތުރުކުރާ އާންމު އެހެން މީހުންނާއިވެސް އެކުގައެވެ. ވީއައިޕީ ގޮނޑިތަކެއް މެމްބަރުންނަށް ހާއްސަކޮށްފައި ނުހުރެއެވެ. އެއްވެސް ބޭނުމެއްގައި ވައިގެ މަގުން ރަސްމީ ދަތުރެއް ކުރަންޖެހުނަސް އެ ދަތުރުކުރަން ޖެހޭނީ އިކޮނޮމީ ކުލާހުންނެވެ. އެ ނޫންގޮތަކަށް ކުރުމަކީ މަނާ ކަމެކެވެ.

ރަސްމީ ދަތުރުތަކުގައި ބައެއް ކަހަލަ ހާލަތްތަކުގައި ޓެކްސީ ނޫނީ ކާރު ކުއްޔަށް ނެގިދާނެ ކަމަށް ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެފަދަ ހާލަތުގައިވެސް އެ ދަތުރުތަކަށް ދާހަރަދު އަމިއްލައަށް ކުރުމަށްފަހު، އެ ބިލްތައް ހުށަހަޅަން ޖެހޭނެއެވެ. އެ ހަރަދުތައް ހަމަޖައްސާދެވޭނީ ބިލްތަކަށް ބަލާފައެވެ. މިހުރިހާކަމަކާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައްވެސް ގިނަފަހަރު ކުރަން ޖެހެނީ މެމްބަރުން އަމިއްލައަށެވެ. ކޮންމެ މެމްބަރަކަށް ހާއްސަކޮށް ސެކެޓްރީންވެސް ސްވިޑެންއަކު ނުތިބެއެވެ.

އެހެން ނަމަވެސް ދިވެހިރާއްޖޭގައި މަޖިލީސް މެމްބަރުންނަށާއި އެބޭފުޅުންގެ އާއިލާ އަދި ރަހުމަތްތެރިންނަށްވެސް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވެއެވެ. ރާއްޖެއިން ބޭރުގެ ދަތުރުތައް ކުރައްވަނީ މުޅިންވެސް ބިޒްނަސް ކުލާހުންނެވެ.

ހާއްސަ އިމްތިޔާޒުތަކެއް ނޯވޭ

ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކަށް ވަކި ހާއްސަ އިނާޔަތްތަކެއް ނޫނީ އިމްތިޔާޒުތަކެއް އެއްވެސް ކަމެއްގައި ނޯވެއެވެ. އެ ޤައުމުގެ ސަރުކާރުގެ ހިދުމަތެއް ހޯދަން ޖެހުނަސް، އެކަން ކުރަން ޖެހެނީ އޮންނަ އުސޫލުން ހަމަ އާންމު ރައްޔިތެކޭ އެއްގޮތަށެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ ބަސް، ރޭލު ފަދަ އުޅަނދުތަކުގެ ތެރެއިން އެ ޤައުމުގެ ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެމްބަރުން ފެނުމަކީ ވަރަށް އާންމުކަމެކެވެ. އަދި ސުޕަރމާކެޓު ތަންތަނުގައި އެ ޤައުމުގެ ބޮޑުވަޒީރުވެސް އަމިއްލައަށް ވިޔަފާރިކޮށް އާންމުންނާއި އެއްގޮތަށް ކިއުގައި މަޑުކުރައްވައެވެ. އެ ޤައުމުގެ ރައްޔިތުންނަށްވެސް މިއީ ވަރަށް އާދައިގެ ކަމެކެވެ. ދައުލަތުން ރަސްމީކޮށް ކާރެއް ހަމަޖައްސާފައި އޮންނަނީ ބޮޑުވަޒީރަކަށް ހުންނަ ބޭފުޅާއަށް އެކަންޏެވެ. އެހެން ނަމަވެސް ބައެއް ބޮޑުވަޒީރުންވެސް ގިނައިން ބޭނުން ކުރައްވަނީ ބަސް، ބައިސިކަލް ނޫނީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ ކޮންމެވެސް އެއް ވަސީލަތެކެވެ.

އެ ޤައުމުގައި އެގޮތަށް އެކަން ކުރަނީ، ކޮންމެ މެމްބަރަކަށް ކާރަކާއި ބޮޑީގާޑުން އަދި ވެރިކަން ކުރާ ރަށުން އެޕާޓްމެންޓެއް ހަމަޖެއްސޭނެހާ ފުދުންތެރިކަން އެ ދައުލަތުގައި ނެތުމުންނެއް ނޫނެވެ. އެކަމަކު އެ ޤައުމުގެ ރައްޔިތުން ދެކޭ ގޮތުގައި ސިޔާސީ ފަރާތްތަކަކީ ރައްޔިތުންގެ ހާދިމުންނެވެ. އަދި ރައްޔިތުންގެ ފައިސާ އިން މުސާރަލިބޭ ބަޔަކު އާންމު ރައްޔިތުންނަށް ނުލިބޭވަރުގެ އިއްޒަތާއި އިމްތިޔާޒު ލިބެންޖެހޭނެ ކަމަށް އެ ޤައުމުގެ ރައްޔިތުން ޤަބޫލު ނުކުރަނީއެވެ.

މަޖިލީހުގެ މެންބަރުންނަށް "އިއްޒަތްތެރި" މެންބަރު ކިޔަނީ އެ މެންބަރުންނާ ރައްޔިތުން ހަވާލުކޮށްފައި އޮތް ޒިންމާއަކާ ގުޅުވައިގެންނެވެ. އެއީ އެ މަޖިލީހުގެ ތަޅުމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ އިހުތިރާމު ހާމަކުރެއްވުމަށް ބޭނުންކުރައްވާ އިބާރާތެކެވެ. މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންނާ ތަފާތުކޮށް ބޮޑެތި އިމްތިޔާޒުތަކެއް ނުވަތަ ލުއިތަކެއް ދިނުމަށް އެ ބަސް ބަހަނާއަކަށް ނުވެއެވެ. ފަހަރުގައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ވާހަކަދައްކަވައި، އިމްތިޔާޒުތައް ލިބިވަޑައިނުގަންނަވައިގެން ކުޅޭ އެއްޗެއް ބޭނުންވެ ނުލިބުމުން ކުޑަކުއްޖަކު އުޅޭ ގޮތަށް އުޅުއްވާ މެންބަރުންނަކީ ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިނުގަންނަވާ ބޭފުޅުންނެވެ. އެއީ އެ ބޭފުޅުން ހޮވިވަޑައިގަތް މަޤާމުގެ ޙަޤީޤަތްވެސް އޮޅިވަޑައިގެން އުޅުއްވާ ބޭފުޅުންނެވެ. ރައްޔިތުންގެ މުސާރައިން އެ ބޭފުޅުންނަށް ދެމުންދާ ބޮޑު މުސާރައާއި މާލީ އިނާޔަތްތައް އިއްޒަތަކަށް އަދި ޝަރަފަކަށް ނުފުދެނީ މަޤާމަކީ ކީއްކުރަން ދެވުނު މަޤާމެއްކަން އެނގިވަޑައިނުގަންނަވާތީއެވެ. އެއީ އެ ބޭފުޅުންނާ ސްވިޑެންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތަފާތެވެ.

މި ލިއުމާއި ގުޅޭ