ރާއްޖެއިން އިންޑިއާއަށް ދިއުމުގައި ވިސާ ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދަނީ ރާއްޖެއިން އިންޑިއާއަށް އިތުރަށް ކޮންކަމެއް ކޮށްދީގެންތޯ އައްސަވާ އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ކުރީގެ ދިވެހި ހައި ކޮމިޝަނަރު އަޙްމަދު މުޙައްމަދު (އަންޑޭ) ސުވާލު އުފައްދަވައިފިއެވެ.
އަންޑޭ މިހެން ވިދާޅުވެފައިވަނީ އިންޑިއާ ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ދެއްވުމާއި ގުޅިގެންނެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަންޑޭ ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާއިން އާންމުކޮށް ވިސާ ދަތިކޮށްފައި ހުރީ ރާއްޖެއާމެދު އެމީހުން ހިތްހަމަނުޖެހުނީމައިކަމަށް ވިދާޅުވެ ވިސާ މައްސަލަ ހައްލުކުރަން ސަރުކާރުން އުޅެނީ އިތުރުކަމެއް ކޮންކަމެއް ކޮށްދީގެންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.
އިންޑިއާއިން އާންމުކޮށް ވިސާ ދަތިކޮށްފައި ހުރީ ރާއްޖެއާމެދު އެމީހުން ހިތްހަމަނުޖެހުނީމަ. ކިހާވަރެއްގެ އިތުރުކަމެއް ކޮށްދީގެންބާ ވިސާ މައްސަލަ ހައްލުކުރަން މިއުޅެނީ.ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ)
އިންޑިޔާއިން ވިސާ ދޫކުރުމުގައި އަބަދުވެސް ދޭތެރެ ދޭތެރެއިން ދަތިތައް ކުރިމަތުކުރެއެވެ. އެފަދައިން ދަތިތައް ކުރިމަތިކުރަނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހުމުންނެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދަން އެންގުމުންވެސް ވިސާ ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިކުރިއެވެ. އޭގެ ކުރިންވެސް އިންޑިޔާއިން ބޭނުންވާ ގޮތް ނޫން ގޮތަށް ރާއްޖެއިން ކަމެއް ކޮށްފިނަމަ ވިސާ ފޯރުކޮށްދިނުމުގައި އެކި ދަތިތަކެއް ކުރިމަތިކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭގޮތުގައި މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަށް އިންޑިއާ ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ސަމާލުކަމަށް އައިސްފައިވާކަމަށާއި އިންޑިއާގެ ބޯޑަރުތައް ބަންދުކުރިފަހުން އެޤައުމުން ވިސާ ލިބުމުގައި ދަތިތަކެއް ހުރިއިރު ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާކަމަށެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ އެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.