މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް، އެއްވެސް އިންތިހާބަކާއިނުލާ ޕާޓީގެ އިސް މަގާމުތަކަށް ހޮވިއްޖެއެވެ.
އެމްއެންޕީގެ މަގާމުތަކަށް ކުރިމަތިލާން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު އެމްއެންޕީގެ ރައީސްކަމާއި އެ ޕާޓީގެ ނައިބު ރައީސްގެ ހަ މަގާމުގެ ތެރެއިން ހަތަރު މަގާމަށް ބޭފުޅުން ހޮވިފައި ވަނީ އިންތިހާބަކާ ނުލައެވެ. އެޕާޓީގެ ރައީސްކަމަށް ކުރިމަތިލީ ހަމައެކަނި ނާޒިމްއެވެ. ފާހަގަ ކޮށްލެވޭގޮތުގްއި ނާޒިމް އަކީ އެޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅާއެވެ. އަދި އޭނާ ވަނީ 2023ގެ ރިޔާސީ އިންތިހާބަށް ވެސް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައެވެ.
މީގެ އިތުރުންވެސް އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި މެންބަރު އުޝާމް އަދި މެންބަރު އަބްދުﷲ ރިޔާޒް ވެސް ޕާޓީގެ އިސް މަގާމުތަކަށް ހޮވިފައިވަނީ އިންތިހާބަކާއި ނުލައެވެ. އެގޮތުން، މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސް ކަމަށް އަބްދުﷲ ރިޔާޒް އެކަނި ކުރިމަތިލެއްވި އިރުގައި، މެދު ސަރަހައްދުގެ ނައިބު ރައީސްކަމަށް ވެސް ކުރިމަތި ލައްވާފައިވަނީ މެންބަރު އުޝާމް އެކަންޏެވެ. އަދިވެސް ދެބޭފުޅަކު ވަނީ އިންތިހާބަކާއި ނުލާ އިސް މަގާމުތަކަށް ހޮވިފައެވެ. އެއީ، އަހުމަދު ޝަރީފް، ހުސެއިން އިސްމާއިލް ވެސް ވަނީ އިންތިހާބަކާއި ނުލާ ޕާޓީގެ ނައިބު ރައީސްކަމަށް ހޮވިފައެވެ.
އެ ބޭފުޅުންގެ އިތުރުން އެމްއެންޕީގެ އަންހެނުންނަށް ހާއްސަ ނައިބު ރައީސްކަމާއި މަތި އުތުރު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށް ވަނީ އެއްބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. އެމްއެންޕީ ވަގުތީ މަގާމުތަކަށް މީހުން ހޮވައި ޕާޓީ އުފެއްދުމުގެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި 25 މާގަމަކަށް މީހުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ދާއިރާތައް:
އެމްއެންޕީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)ން އެ ޕާޓީއަށް ދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި އެޕާޓީ ރެޖިސްޓްރީ ކުރުމަށްޓަކައި 5،000 މީހުންގެ ސޮއި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ފާހަގަ ކޮށްލެވޭގޮތުގައި، ކާނަލް ނާޒިމް އިސްވެ ހުރެ ޕާޓީއެއް އުފައްދާފައިވާއިރު، ކުރީގެ މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި އިތުރު ބޭފުޅުންތަކެއް ވެސް ގެންދަވަނީ އައު ޕާޓީތައް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.