Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަފްރާޝީީމް

އަޅުގަނޑުގެ ހަނދާނުން ލޮބުވެތި މުދައްރިސް ޝަހީދު ޑރ.އަފްރާޝީމް ޢަލީ

އަހަރަކީ 2008 ވަނަ އަހަރެވެ. އެއިރު އަޅުގަނޑަކީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރަކީމެވެ. ދުނިޔޭގައި އެނބުރެމުން ދިޔަ އޮއިވަރުތަކުގެ ތެރޭގައި، މުޅިން އެނގުމެއް ނެތި އޮޔާ ދަމުން އައި ފުރާވަރުގެ ކުއްޖަކީމެވެ. އަޅުގަނޑަށް އިދެވުނީ މަޢުހަދުގެ އިސްވެރިއެއް ކަމުގައިވާ އަލްއުސްތާޛާ ޙައްވާ ލަޠީފުގެ އޮފީހުގައެވެ. އުސްތާޛާ ވިދާޅުވީ އުޞޫލުލް ފިޤުހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ދިވެހި ޢިލްމުވެރިއަކު ރާއްޖެއަށް ވަޑައިގަންނަވާ ވާހަކައެވެ. އެއިރުވެސް އަޅުގަނޑުގެ ޝައުޤުވެރިކަން އުޞޫލުލް ފިޤުހަށް ހުންނާތީ، އަދި އެ އަހަރަކީ އަޅުގަނޑުގެ ސާނަވީ ތައުލީމު ނިމި މަތީ ތައުލީމަށް ކުރިމަތިލާންޖެހޭ އަހަރު ކަމުގައިވާތީ، އެ ވިދާޅުވި ޢިލްމުވެރިޔާއާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން ހިތުގައި ބޮޑުވިއެވެ.

ކަން ދިމާވި ގޮތުން އޭގެ ދުވަސްކޮޅެއްފަހުން އަޅުގަނޑުގެ ބައެއް އުސްތާޛުންނާ އަޅުގަނޑާ ދެމެދުގައި ދީނީ ކޮންމެވެސް މައްސަލައެއްގައި ދެބަސްވުމެއް އުފެދިއްޖެއެވެ. މި ޒުވާބެއް ނުވަތަ ބަަހުސެއްގެ ކަންތައް ބޮޑުވެ އެންމެ ފަހުން އަޅުގަނޑަށް ނަސޭހަތް ދިނުމަށް ނިންމުނެވެ. އެ ނަޞޭޙަތް ދިނުމުގެ ބައްދަލުވުން އަޅުގަނޑު މިއަދުވެސް އިއްޔެ ހިނގައިދިޔަ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އަޅުގަނޑު ގެންދެވުނީ މަޢުހަދުގެ ޓީޗަރުން ތިއްބަވާ ތަނަވަސް ކޮޓަރިއަށެވެ. އެތަނުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ބާޤިރާއި އިތުރު ބޭފުޅަކު އިންނެވިއެވެ. އެ ބޭފުޅަކީ އުޞޫލުލް ފިޤުހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ރާއްޖެއަށް ވަޑައިގެންނެވި ޢިލްމުވެރިޔާ ޝަހީދު ޑރ.އަފްރާޝީމް ޢަލީއެވެ. މިއީ އަޅުގަނޑުމެންގެ ފުރަތަމަ ބައްދަލުވުމެވެ. ގިނަ ބައްދަލުވުންތަކަކާއި ގިނަ މަޝްވަރާތަކަކާއި ބަހުސްތަކެއްގެ ފެށުމެވެ.

އެ ދުވަހު އަޅުގަނޑާއި ޑރ.އަފްރާޝީމުގެ މެދުގައި ދިގުކޮށް ވާހަކަދެކުވުނެވެ. ބަހުސްކުރެވުނެވެ. ޑރ.އަފްރާޝީމް އިސްކުރެއްވީ އޯގާތެރިކަމެވެ. އަޅުގަނޑުގެ ކައްޓަރުކަން ކެނޑި އެމަނިކުފާނުގެ އޯގާތެރިކަމުގެ ކުރިމަތީގައި މަޑުމޮޅިވާން މަޖުބޫރުކުރުވީ ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިހުތިރާމާއި، މަގު ދެއްކެވި ރިވެތި ގޮތުންނެވެ.

މި ދެންނެވި ދުވަހަށް ފަހު، ޑރ.އަފްރާޝީމް ރާއްޖޭގެ ޓީވީތަކަށާއި މީޑިއާތަކަށް ނުކުންނަވަން ފައްޓަވައިފިއެވެ. އެމަނިކުފާނަށް ޤަބޫލުކުރެއްވޭ ގޮތުގެ މައްޗަށް ދީނުގައި ކަންކަން އޮތް ގޮތް ވިދާޅުވެދެއްވަން ފެއްޓެވިއެވެ. ޚާއްޞަކޮށް އުޞޫލުލް ފިޤުހުގެ ޤަވާޢިދުތަކާއި ހަމަތަކުގެ މަތިން ޙުކުމްތައް ތަފުސީލީ ގޮތެއްގައި ބަޔާންކުރައްވައެވެ. ސުވާލުތަކަށް ކުރު ޖަވާބުނުދެއްވައި ތަފުސީލީ ޖަވާބުދެއްވައެވެ. ވީހާވެސް ބޮޑަށް އެންމެ އާންމު މީހާގެ ވިސްނުމަށްވެސް ތިލަވާނެ ގޮތަށް ވިދާޅުވެދެއްވައެވެ.

އެއިރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށް މައުހަދު ބަދަލުވެއްޖެއެވެ. ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެން މައުހަދުގެ ނިޒާމީ ތައުލީމުގެ ބައި އެކީ އުވާލައްވައިފިއެވެ. އަޅުގަނޑުވެސް ސާނަވީ ތައުލީމު ނިންމައި މަސައްކަތް ފަށައިފީމެވެ. އެހެންނަމަވެސް ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް ވަގުތެއްގައި ކުއްލިއްޔާއަށް ޒިޔާރަތްކުރަމެވެ. މައުހަދުގެ ކުތުބުޚާނާއަށް ކުރާ ކޮންމެ ޒިޔާރަތެއްގައިހެން ޑރ.އަފްރާޝީމާ ބައްދަލުވެއެވެ. އައު ފޮތެއް، އައު ޚިޔާލެއް، އައު ފިކުރެއް ކޮންމެ ބައްދަލުވުމެއްގައި ހިއްސާކުރައްވައެވެ.

ކަން ދިމާކުރި ގޮތުން 2009 ވަނަ އަހަރު ޑރ.އަފްރާޝީމް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފިއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ޑރ.އަފްރާޝީމުގެ ވިސްނުންފުޅު ކަމުނުގޮސްގެން ބައެއް ދީނީ ޢިލްމުވެރިން ގެންދެވީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ. އެއިން ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުތައް އަޅުގަނޑަށްވެސް ހުރީ އިވިފައެވެ. އަދި މި ދެންނެވުނު ބައްދަލުވުންތަކުގައި ބައެއް ފަހަރަށް އެއިން ބައެއް ވާހަކަ އެމަނިކުފާނު އަރިހުގައި ދަންނަވައިލެވުނެވެ.

އަބަދުވެސް ވިދާޅުވަނީ އެއް ވާހަކަފުޅެކެވެ. އެ ބޭފުޅުންނަށް އެމަނިކުފާނުގެ ވިސްނުންފުޅު އެނގިވަޑައިނުގަންނަވަނީއެވެ. އެކަންކަން ސާފުކޮށްދެއްވާނެ ފުރުޞަތެއް ލިބިވަޑައިގެންފިނަމަ ސާފުކޮށްދެއްވާނެ ކަމަށެވެ. އެއިން ބޭފުޅަކާމެދު ހިތްބުރަކަމެއް ރުޅިވެރިކަމެއް ނަފުރަތެއް ނެތް ކަމަށެވެ. ޑރ.އަފްރާޝީމު އެފަދަ ކެތްތެރިކަން ހޯއްދަވަނީ އަދި އެފަދަ މަތިވެރި އަޚުލާޤު އިސްކުރައްވަނީ ކިހިނެއްތޯ އެއިރުވެސް އަޅުގަނޑު ހިތަށް އަރައެވެ. ނަމަވެސް ފަހުން ފުންކޮށް ވިސްނައިލުމުން އެނގުނީ ހިތްޕުޅުގެ ސާފުކަމާއި ސާދާކަމާއި ނަފުރަތެއް ރުޅިވެރިކަމެއް އެކަކާމެދުވެސް ނެތުމަކީ އެމަނިކުފާނުގެ ޠަބީޢަތް ކަމެވެ.

ކޮންމެއަކަސް އަޅުގަނޑަށްވެސް ސަރުކާރުގެ ސްކޮލާޝިޕެއް ލިބިގެން ބޭރަށް ކިޔަވަން ދާން ޖެހިއްޖެއެވެ. ކިޔަވަން ދާން ނިންމުމާއެކު އަޅުގަނޑުގެ ބައެއް އުސްތާޛުންނާ ވަކިވަކިން ބައްދަލުކުރީމެވެ. އެގޮތުން ބައްދަލުކުރި އެއް ބޭފުޅަކީ ޑރ.އަފްރާޝީމެވެ. ދެއްވި އަގުހުރި ނަޞޭޙަތަކީ ރަސްމީ ތައުލީމުގެ ބޭރުން ގިނަގިނައިން ފޮތް ކިޔުމަށާއި، ވިސްނުން ފުޅާކުރުމަށް އިނގިރޭސި އަދި ހުޅަނގުގެ އެކި ވިސްނުންތަކުގެ ފޮތްތައް ކިޔައި އިސްލާމީ ފިކުރާ އެ ތަކެތި އަޅާކިޔުމަށް ދެއްވި ނަޞޭޙަތެވެ.

ބޭރުގައި ކިޔަވަންހުރި ދުވަސްވަރުވެސް ވަގުތުވީ މިންވަރަކުން ޑރ.އަފްރާޝީމާ އަޅުގަނޑު ވާހަކަދައްކަމެވެ. އެމަނިކުފާނު މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގައާއި އިސްލާމިކް ޔުނިވާސިޓީގެ މުޙާޟިރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަނީ ވަރަށް އަވަދިނެތިއެވެ. ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކަމެއްގައި ވާހަކައެއް ދައްކައިލަން ބޭނުންވެއްޖެ ކަމަށް ދަންނަވައިލުމުން ވަގުތު ދެއްވައެވެ. އެއީ އެމަނިކުފާނުގެ ޚާއްޞަ ޞިފައެކެވެ. ދީލަތިކަމެވެ. ވަގުތުންނާއި ޢިލްމުން ހޭދަކުރެއްވުމުގައި ހިފަހެއްޓެވުމެއް ނެތުމެވެ.

މިޞްރަށް އައި އިންޤިލާބީ އޮއިވަރާއެކު އެ ދުވަސްވަރު ރާއްޖެއަށް އަންނަންޖެހިގެން އަޅުގަނޑު ރާއްޖެއަށް ދުވަސްކޮޅަކަށް އައީމެވެ. އެފަހަރުވެސް ވަރަށް ގިނަ ވަގުތު ހޭދަކުރެވުނީ ކުއްލިއްޔާގައެވެ. ދުވަސްވަރަކީ ކުއްލިއްޔާގެ ފުރަގަހުން ކުއްލިއްޔާއަށް ދީފައި އޮތް ހުސްބިން ސަރުކާރަށް ނެގުމުގެ މަސައްކަތްކުރި ދުވަސްވަރެވެ. މަޖިލީހުގައި އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ޑރ.އަފްރާޝީމެވެ. ކުއްލިއްޔާގެ ހިމާޔަތުގައި ނުކުމެވަޑައިގެންނެވިއެވެ. ސަރުކާރުން ކުއްލިއްޔާ ސުންނާފަތިކޮށްލަން އުޅޭކަން ދިވެހިންގެ ސަމާލުކަމަށް ގެންނެވުމަށް ނުކުމެވަޑައިގަތެވެ.

ހަމަ އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެެ ކުރީގެ މެންބަރު ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި ދެ ބޭފުޅުން މަޖިލީހަށް އިސްލާމިކް ޔުނިވާސިޓީއެއް ޤާއިމުކުރެއްވުމާ ގުޅޭ ބިލެއް ހުށަހެޅުއްވިއެވެ. ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރެއްވުމަށެވެ. އަދި މިދެންނެވި ހަލަބޮލިކަމުގެ ތެރޭގައިވެސް ޑރ.އަފްރާޝީމް ގެންދެވީ ފޮތް ލިޔުއްވަމުންނެވެ. ކިޔަވައިދެއްވަމުންނެވެ. ޓީވީ ރޭޑިޔޯ ޕްރޮގުރާމުތަކަށް ވަޑައިގެން ދީނީ މައުލޫމާތު ދެއްވަމުންނެވެ.

ދެން އައީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމެވެ. ދީނީ ގޮތުން ނަޝީދު ގެންގުޅުއްވި ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ޑރ.އަފްރާޝީމެވެ. އަބަދުވެސް އަލްމާނީ (ސެކިއުލާ) ވިސްނުމާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ގޮވައިލައްވާ އިސްލާމީ އުންމަތުގެ އިހުސާސުތަކާ ދުރަށް ދިވެހި އުންމަތް ނުގެންދަން ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައި މަޖިލީހުގައި ޑރ.އަފްރާޝީމް ދެމިހުންނެވިއެވެ. އިސްރާއީލާ ގުޅުން ބަދަހިކުރާން އުޅުމުން އެކަމާ ދެކޮޅަށް ނުކުމެވަޑައިގެންނެވިއެވެ. އިސްލާމް ދިވެހި ދެ މާއްދާ އިޚުތިޔާރީ މާއްދާތަކަށް ހަދަން އުޅުމުން އެކަން ހުއްޓުވަން މަޖިލީހުގައި ވަކާލާތުކުރެއްވިއެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބުތަކާ ދެކޮޅަށް ރައީސް ނަޝީދު ވާހަކަދެއްކެވުމުން ޝަރީޢަތް ދިފާޢުކުރެއްވިއެވެ.

ސިޔާސީ ހައިޖާނުތަކާއި ހަލަބޮލިކަމާއި ފުރޮޅުންތަކުގެ ތެރެއިން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެއްޖެއެވެ. އެހިސާބުން އިސްލާމިކް މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ޑރ.ޝަހީމުގެ އެދިވަޑައިގަތުމަށް ޑރ.އަފްރާޝީމާއި އެހެން ދީނީ ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ރޭވުނެވެ. ކަން ދިމާވި ގޮތުން އެ ދުވަސްވަރު އަޅުގަނޑަށް ހުރެވުނީ ޗުއްޓީއެއްގައި ރާއްޖޭގައެވެ. އެ ބައްދަލުވުންތަކުގެ ބައެއް ތަފުސީލު ޑރ.އަފްރާޝީމް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ލިޔުއްވަމުން ގެންދެވި ފޮތަކާއި ތަރުޖަމާކުރައްވަމުން ގެންދެވި ފޮތެއްގެ ބައެއް ޞަފުޙާތައް އަޅުގަނޑާ ހިއްސާކުރެއްވިއެވެ. ސިޔާސާ ޝަރުޢިއްޔާއާއި ޤަވާޢިދުލް ފިޤުހިއްޔާއާ ގުޅޭ ދެ ފޮތެވެ.

ޗުއްޓީގައި އަޅުގަނޑު ރާއްޖެ އައުމަށްފަހު އުފަން ރަށަށް ދިޔައީ ދެތިން ދުވަހަށެވެ. އޭގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑާ ޑރ.އަފްރާޝީމް ބައްދަލުވިއެވެ. އެ ބައްދަލުވުމުގައި އެއިރު ސިޔާސީ މަސްރަހުގައި ހިނގަމުން އައި ބައެއް ކަންކަމާ މަޝްވަރާކުރެވުނެވެ. އެމަނިކުފާނަށް އެއިރުގެ އިދިކޮޅު އެމްޑީޕީން ކުރަމުން އައި ބައެއް ތުރާތައްވެސް ހިއްސާކުރެއްވިއެވެ. މަގުމަތިން ދިމާކޮށްލައި ދަރިކަލުންނާއެކު ހުންނަވަނިކޮށް ހަޑިހުތުރު ބަސްތަކުން މުޚާޠަބުކުރުން ފަދަ އެތައް ކަމެއްގެ ވާހަކައެވެ. ނަމަވެސް އެކަމުގައިވެސް ހިތްބުރަކަމެއް ނުބާއްވައެވެ. ދެއްކެވީ ސިޔާސީ މަސްރަހަށް އަންނަންޖެހޭ ބަދަލުތަކުގެ ވާހަކައެވެ. ދިވެހި އަޚުލާޤު ސުންނާފަތިވަމުން ހަލާކުވެ ވިއްސިވިހާލިވަމުން އަންނާތީ އޮތް ޝަކުވާއެވެ. އެފަދަ ވާހަކަތަކުގެ ތެރެއިން އެކި ޢިލްމީ ނަޒަރިއްޔާތައް ވިދާޅުވެދެއްވާނެއެވެ. ކިޔައިލަން ރަނގަޅު ފޮތްތަކަށް މަގުދައްކަވާނެއެވެ.

ރަށަށް ގޮސް ޗުއްޓީ ހޭދަކުރަން ފެށިތާ ދެތިން ދުވަސްފަހުން ނިދާފައި އޮއްވައި ފޯނަށް މާ ގިނައިން ކޯލުތައް އަންނާތީ ދަންވަރު ހޭލެވުނެވެ. ފޯނަށް ގުޅީ އެކީގައި ކިޔެވި އެކުވެރިއެކެވެ. ފޯނު ނެގުމާއެކު ލިބުނު ޚަބަރަކީ ޑރ.އަފްރާޝީމް ޝަހީދުކޮށްލައިފި ޚަބަރެވެ. ލޮލުން ކަރުނަ އޮހޮރުނެވެ. ހިފަހެއްޓުމެއް ނެތިއެވެ. ހިތަށް ތަދުވިއެވެ. ގެއްލުނީ ހާދަހާވާ ލޮބުވެތި އުސްތާޛެކެވެ. ހާދަހާވާ އޯގާތެރި މުދައްރިބެކެވެ. އަނިޔާވެރިންގެ އަނިޔާވެރިކަމުގައި ގެއްލުވައިލީ އަޅުގަނޑަށް މަގުދެއްކެވި އާރުކާޓީއެކެވެ. ފޮތްތެރިކަމާއި ފިކުރުގެ ދުނިޔެއިން މުޅިން އައު އެތައް ކަމަކަށް އަޅުގަނޑު ލޯ ހުޅުއްވައިދެއްވި މުދައްރިސެކެވެ.

ދެން ފެށުނީ މުޅިން އައު ދުވަސްތަކެކެވެ. ޑރ.އަފްރާޝީމު އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރިއެވެ. ބޭރުގެ އެހީތެރިކަންވެސް ހޯދައިގެން ފުލުހުން ތަހުގީގެއް ހިންގިއެވެ. މުއްތަހަމުންތަކެއްގެ ނަންތައް ހާމަވިއެވެ. އެ މުއްތަހަމުންގެ ލޯޔަރުކަމާ ވަކި ޕާޓީއަކަށް ނިސްބަތްވާ ވަކީލުންތަކެއް ހަވާލުވެއްޖެއެވެ. އެ ހިސާބުން މިއަދާ ހަމައަށް މަރުޙޫމު ޑރ.އަފްރާޝީމުގެ ޤަތުލަކީ ސިޔާސީ ހަތިޔާރެކެވެ. އެކި ދުވަސްވަރު އެކި ގޮތަށް އެ މަރު ބޭނުންކުރެވުނެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އަޅުގަނޑަށް އިވުނު އެއް އަޑަކީ ޑރ.އަފްރާޝީމުގެ މަރާ ގުޅިގެން ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ދެކެވުނު ވާހަކައެވެ. ގޮތް ނޭނގި މަރުވާ ކޮންމެ މަރެއްވެސް އަޅުވަނީ ރައީސް ޔާމީނުގެ އިސްތަށިފުޅުގައެވެ. ގުޅުވަނީ ޑރ.އަފްރާޝީމް ޝަހީދުކޮށްލައެވެ. މިވާހަކަ މީސްމީޑިޔާގައި ތީރު ޖަހައިގެން ފޮޓޯ ކުރަހައިގެން ފަތުރަމުން ދިޔައެވެ. ޢަދާލަތު ޕާޓީގެ ބައެއް ޢިލްމުވެރިން އެ ބޭފުޅުންގެ ސުޕީޗުތަކުގައިވެސް ހަމަ މި ވާހަކަފުޅު ދެއްކެވިއެވެ.

2015 ވަނަ އަހަރު އެއިރުގެ އިދިކޮޅު ފަރާތްތަކުން މޭ މަހުގެ 1 ވަނަ ދުވަހު ބޮޑު މުޒާހަރާއަކަށް ނުކުތެވެ. މުޒާހަރާގެ ވެރިއަކަށް ހުންނެވީ މިހާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއެވެ. ނުކުމެވަޑައިގެން ދެއްކެވީ ޑރ.އަފްރާޝީމު ޝަހީދުކޮށްލުމާއި ރައީސް ޔާމީނާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅެވެ. ހެކި ހުރިކަމަށް ވިދާޅުވެ އަތްޕުޅަށް އުފުއްލަވައި އެ ދެއްކެވި ކަރުދާސްތަކެވެ. އަޅުގަނޑު ހުރީ ބޭރުގައެވެ. އެމަންޒަރު ފެނުމުން ލޭ ކެކުނެވެ. ރުޅިއައެވެ. ރުޅިއައީ ބައެއްގެ ލޭ ހޫނުކޮށްގެން ސިޔާސީ މަންފާ ހޯއްދަވަން އަޅުގަނޑުގެ މުދައްރިސް ޠާހިރު ލެއިން އުނގުވިޔަފާރިކުރައްވާތަން ފެނުނީމައެވެ.

އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދަކަށްވީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި ކޮށްލުމަށް އިންސާފު ހޯދައިދިނުމެވެ. ވެރިކަމަށް ދެ އަހަރުވީއިރު އަދި އެ ވިދާޅުވި އިންސާފެއް ނުލިބެއެވެ. ނަމަވެސް އަޅުގަނޑުގެ އުސްތާޛުގެ ޠާހިރު ލެއިން ވެރިކަމަށް ވާސިލުވާން މަގު ސާފުކޮށްލެވިއްޖެއެވެ. ވެރިކަން ބަދަލުވެއްޖެއެވެ. ޙަޤީޤަތުގައި ޙާޞިލުކުރަން ބޭނުންވި އަމާޒުތައް ހާސިލުވެއްޖެއެވެ. އިއްޔެއަކީ ޑރ.އަފްރާޝީމު ޝަހީދުކޮށްލިތާ 9 އަހަރު ފުރުނު ދުވަހެވެ. އެ މަނިކުފާނުގެ ޤަތުލު ބޭނުންކޮށްގެން ސިޔާސީންގެ އަމާޒުތައް ހާސިލުކުރާތާ 9 އަހަރުވީއެވެ.

ޑރ.އަފްރާޝީމުގެ ހަނދާންތައް އަދިވެސް ތާޒާކަންމަތީ އަޅުގަނޑުގެ ސިކުނޑީގައި އެބަހުއްޓެވެ. އަޅުގަނޑު ޤަބޫލުކުރާ ވަރަށް ގިނަ ޤަބޫލުކުރުންތަކާއި، އަޅުގަނޑުގެ ފިކުރަށް އަހަރުތަކުގައި އައިސްފައިވާ އެކި ބަދަލުތަކާއި މިއަދު އަޅުގަނޑު ކުރާ މަސައްކަތާ ހަމައަށް ވާސިލުވެވުމުގައި ޑރ.އަފްރާޝީމުގެ ދައުރު ބޮޑުކަމުންނެވެ. އެމަނިކުފާނަކީ ކިލާހެއްގައި އަޅުގަނޑަށް ކިޔަވައިދެއްވި މުދައްރިސެއް ނޫނެވެ. އެކަމަކު ކިލާސްތަކުގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރެއިން ގިނަ ބޭފުޅުންގެ އަރިހުން ދަސްވި ކަންކަމަށްވުރެ ގިނަ ކަންކަން އެމަނިކުފާނު އަރިހުން ދަސްވިއެވެ. އޯގާތެރިކަމާއި ހިތްސާފުކަމާއި އިޚުލާޞްތެރިކަމާއި ގަދަ ހިތްވަރާއެކު މަސައްކަތްކުރެއްވުމުގެ ނަމޫނާ ދައްކަވައިދެއްވިއެވެ. ދީނާއި ޤައުމުގެ ދިފާޢުގައި ބަސްބުނުމުގައި ފަހަތަށް ނުޖެހުމުގެ މުހިއްމުކަން ދަސްކޮށްދެއްވިއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ލާމަސީލު މިސާލު ދެއްކެވިއެވެ. މަޑުމައިތިރިކަމާއެކު ނޫނީ ދުޝްމިނުންނާއި ވާދަވެރިންނާއި އަދާވާތްތެރިންނާވެސް މުއާމަލާތްނުކޮށް، ޙިކުމަތްތެރިކަމާއި އިހުސާންތެރިކަން އިސްކުރާން ދަސްކޮށްދެއްވިއެވެ.

މީގެ 9 އަހަރުކުރިން އަނިޔާވެރިން އަވަހާރަކޮށްލީ އަޅުގަނޑުގެ އަގުހުރި ހަހުރަވެތި މުދައްރިސެވެ. ނިއްވައިލީ އަލިގަދަ ޢިލްމީ ވޮށެކެވެ. ޤައުމު މަހުރޫމުކޮށްލީ އެތައް ޖީލަކަށް މަގުދައްކަވާނެ ޢިލްމުވެރި، އަޚުލާޤު ރަނގަޅު، ހެޔޮލަފާ އޯގާތެރި މުދައްރިބެއްގެ ކިބައިންނެވެ. ގެއްލުވައިލީ މަދުންނޫނީ ޤައުމަކަށް ނުލިބޭނެ އަގުހުރި ފުރުޞަތެކެވެ. އަޅުގަނޑުމެން އެންމެނަށް ދިނީ ވޭނުގެ އިހުސާސް ނުކެނޑޭނެ އަނިޔާއެކެވެ. އެ އަނިޔާވީ ބައެއް ސިޔާސީ މީހުންނަށް އުމުރު ދުވަހު ބޭނުންކުރާން އޮތް އާލަތަކަށް، ހަތިޔާރަކަށް، އުކުޅަކަށެވެ.

މި ލިއުމާއި ގުޅޭ