ސަރުކާރުން ހަދަމުންދާ އަޑި ނޭނގޭ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ގެންނަން އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު އިތުރުފުޅުހައްދަވައިފިއެވެ.
ދިވެހި ޗެނަލުން ގެނެސްދިން "ހަވާސާ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުތުރުތިލަފަޅު އެއްބަސްވުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ގެންނަން އިދިކޮޅުގެ މަޖިލިސް މެންބަރަކު މިހާތަނަށް އެއްވެސް މަސައްކަތްޕުޅެއް ކުރައްވާފައިނުވާކަމަށް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރު އާދަމް ޝަރީފު އުމަރުވަނީ އެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީއަށް ގެނެސްދެއްވުން އެދިވަޑައިގެން މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ރިޔާޒުގެ ވާހަކަފުޅަށް ރައްދުދެއްވަމުން އާދަމް ޝަރީފުވަނީ އޭނާ ހުށަހެޅުއްވި ސިޓީގެ ކޮޕީއެއް ހިއްސާކުރައްވައި، ރިޔާޒަކީ "ރާއްޖޭގައި އަސްކަރީ ބޭސްއެއް އޮތުމަކީ ތިމަންނާ ކަންބޮޑުވާ ކަމެއް ނޫން"ކަމަށް ވިދާޅުވި ބޭފުޅެއްކަމުގައި ވިދާޅުވެފައެވެ. އެފަދައިން ރިޔާޒު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ދެ މެންބަރަކުވެސް ތިއްބެވި ތަނެއްގައިކަން އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ރިޔާޒު ރޭގެ ޕްރޮގުރާމުގައި ވިދާޅުވެފައިވަނީ އެ ބޭފުޅާއާއި ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްކޮށް ތިއްބަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީން ޑިޕްލޮމެޓުންނަށް ޒާތްޒާތުގެ ވަނަންތަކުން މުޚާޠަބުނުކުރާނެ ކަމަށާއި، އެ ޕާޓީން މަޖިލީހުގައި މަސައްކަތްކުރާނީ ވަރަށް ޕްރޮފެޝަނަލްކޮށް އަޚުލާޤީ މިންގަނޑުތަކެއްގައި ހިފަހައްޓައިގެން ކަމަށެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި ނުވަތަ މީސްމީޑިޔާގައިވެސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ބަސްފުޅެއް ވިދާޅުވެފައިނުވާ ރިޔާޒު ރޭ ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރީ ބައެއް ރާއްޖޭގައި ތިބުމަކީ ޤައުމީ ފިކުރުގައި އުފައްދާ މޯލްޑިވްސް ނޭޝަނަލް ޕާޓީން ދެކޮޅު ކަމެއް ކަމަށެވެ.
ނަމަވެސް މި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހަށް ތަފާތު އެތައް މައްސަލަތަކެއް ހުށަހެޅުއްވިއިރު ރިޔާޒާއި ނާޒިމު އެއިން މައްސަލައިގެ ބަހުސްގައިވެސް ބައިވެރިވެވަޑައިނުގަންނަވައެވެ. އަދި އެއިން ކަމެއްގައި ކަންބޮޑުވުންވެސް ފާޅުކުރައްވާފައިނުވެއެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ކަންކަން ބަލަންޖެހޭ ކަމަށާއި، އެއަށްފަހު އެ އެއްބަސްވުންތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތެއް ކަނޑައެޅިގެންދާނެ ކަމަށެވެ. ރިޔާޒު އިތުރަށް ވިދާޅުވީ އެ ބޭފުޅުން އުފައްދަވާ އެމްއެންޕީއަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ގޮނޑިއެއް ލިބުމުން އެ މައްސަލަ އެ ކޮމިޓީއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް މައްސަލާގައި ގޮތް ނިންމާނީ ކޮމިޓީގައި އަޣުލަބިއްޔަތު އޮންނަ ޕާޓީން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.